ޕޯސްޓު މެދުވެރިކޮށް އެތެރެެކުރި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑްރަގްސް އަތުލައިގެންފި
ޕޯސްޓު މެދުވެރިކޮށް އެތެރެެކުރި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި، ދެ މިލިއަނަށް ވުރެން ގިނަ ރުފިޔާގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މެފެޑްރޯން ނަމަކަށް ކިޔާ ބާވަތެެއްގެ ޑްރަގާއި ހެރޮއިން އަތުލައިގަތީ ނެދަލެންޑްސް އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، އެ ޕާރުސަލްގައި ޝައްކު ކުރެެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ފާސްކުރީ ކަމަށެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ބަލައި ފާސްކުރި އެ ޕާރުސަލުގެ ތެރެއިން ފެނުނު ޑްރަގު ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، ޑްރަގުގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަދި ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ މައްސަލާގައި އަތުލައިގަތް ޑްރަގުގެ ބަރުދަނުގައި 1.34 ކިލޯ ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު 2،049،000ރ. އަށް އަރާ ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

މި ފަހުން ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ޑްރަގް އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރު ވެފަ އެވެ.
އެޑިކްޓްވާ ގިނަ މާއްދާތަކެއް އެއްކޮށްގެން ހަދާ މެތު ރާއްޖޭގައި އާންމު އެއްޗަކަށްވެ, ހިލޭ ލިބޭ ހިސާބަށް ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވެފައިވެ އެވެ.