ޗައިނާގެ ކުރީގެ ރައީސް ޖިއެންގް ޒެމިން އަވަހާރަވެއްޖެ
ޗައިނާގެ ކުރީގެ ރައީސް ޖިއެންގް ޒެމިން އަވަހާރަވެއްޖެ

ޗައިނާ ދުނިޔޭގެ ބޮޑު ބާރަކަށް ހެދުމުގެ މޭސްތިރިޔާ، އަދި ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ކުރީގެ ލީޑަރު، ރައީސް ޖިއެންގް ޒެމިން މިއަދު އަވަހާރަވެއްޖެ އެވެ.

ޗައިނާގެ ކުރީގެ ރައީސް ޖިއެންގް ޒެމިން އަވަހާރަވެއްޖެ
ޗައިނާގެ ކުރީގެ ރައީސް ޖިއެންގް ޒެމިން އަވަހާރަވެއްޖެ

ކޮމިޔުނިސްޓު ފިކުރުގެ ބޯދާ އުސޫލުތަކުގެ ތެރޭގައި ތާށިވެ ފަގީރު ހާލަތުގައި އޮތް ޗައިނާ، އިގްތިސާދީ ގޮތުން ހިންދެމިލައި ދުނިޔޭގެ ބާރު ގަދަ ގައުމެއްގެ ގޮތުގައި، ބައިނަލްއަގުވާމީ މުޖްތަމައަށް ތައާރަފްކުރެއްވުމުގައި ރައީސް ޖިއެންގް ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ. އުމުރުން 96 އަހަރުގައި ރައީސް ޖިއެންގް އަވަހާރަވީ ލޭގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ.

އެ ބައްޔަށް ފަރުވާ ކުރެއްވުމަށް މިދިޔަ އަހަރުތަކުގައި މަސައްކަތް ކުރެއްވި އިރު، އޭނާގެ އެތެރެ ހަށީގެ ބައެއް ގުނަވަންތައް ފެއިލްވުމާ ގުޅިގެން ޝަންހާއީގެ ހަސްފަތާލެއްގައި ފަރުވާ ދެމުން އަންނަނިކޮށް އަވަހާރަވީ މިއަދު ހެނދުނެވެ. އޭނާ އަވަހާރަވި އިރު، އަނބިކަނބަލަކާއި ދެ ދަރިކަލުންނާއި ދެ ކާފަ ދަރިކަލުން ދުނިޔޭގެ އެބަތިއްބެވި އެވެ.

ޗައިނާއަކީ އެ ގައުމުގެ ލީޑަރުން އަވަހާރަވުމުން އާންމުންގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ ހިތާމަ ފާޅުކުރުމުގެ ސަގާފަތެއް އޮތް ގައުމެއް ނަމަވެސް، މި ދުވަސްވަރު އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެ އާދަކާދަ ދެމެހެއްޓުން އުނދަގޫވާނެ ކަމަށް ބެލެވެ އެވެ. ޝަންހާއީ އާއި ބޮޑެތި އެހެން ސަހަރުތަކުގައި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރަން ފެށުމާ ގުޅިގެން، ފުލުހުން މިހާރު އަންނަނީ އެ ސަހަރުތަކުގެ މަގުތަކަށް ނުކުމެ، އާންމުން އެއްވިޔަނުދިނުމަށް މަސައްކަތް ކުރަމުންނެވެ.

ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީން ނެރުނު ބަޔާނެއްގައި، ރައީސް ޖިއެންގް ސިފަކޮށްފައިވަނީ ގައުމީ ބަތޮލެއްގެ ގޮތުގަ އެވެ. ރައީސް ޖިއެންގްއަކީ 1989 ވަނަ އަހަރުގެ ތެރޭގައި އެ ގައުމަށް ކުރިމަތިވި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ސަރުކާރާ ދެކޮޅަށް އާންމުންގެ ބަޔަކު ހިންގި ހަމަނުޖެހުންތައް މައިތިކޮށް ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި، ރަނގަޅު ވަގުތުގައި ރަނގަޅު ނިންމެވުންތައް ނިންމެވި ލީޑަރެއް ކަމަށް އެ ޕާޓީން ބުނެ އެވެ.

ޗައިނާގެ ކޮމިޔުނިސްޓް ދައުލަތުގެ ބާރު ދިފާއުކޮށް ރައްޔިތުންގެ އަސާސީ މަސްލަހަތުތައް ހިމާޔަތްކޮށްދިނުމުގަޔާއި، ޚާއްސަކޮށް ވެރިރަށް ޝަންހާއީގެ ހަމަޖެހުން ގާއިމުކުރުމުގައި ރައީސް ޖިއެންގް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ކަމަށް، އެ ޕާޓީން ބުނެ އެވެ.

ރައީސް ޖިއެންގް އަވަހާރަވުމުގެ ހިތާމައި ތައުޒިޔާ ފޮނުއްވަމުން، މިހާރުގެ ރައީސް ޝީ ޖިންޕިންގް މިއަދު ވިދާޅުވީ، ރައީސް ޖިއެންގް އަވަހާރަވުމަކީ ގައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. ނަމަވެސް އެ ހިތާމައަކީ، ޒަމާނީ ސޯޝަލިސްޓް ޗައިނާއެއް ބިނާކުރެވޭ ފަދަ ބާރަކަށް ބަދަލުކޮށްލައްވާނެ ކަމަށް ވެސް ރައީސް ޝީ ވިދާޅުވި އެވެ.

ޗައިނާ ސަރުކާރާ ދެކޮޅަށް 1989 ވަނަ އަހަރު ޓިއަނަމަން މައިދާނަށް އެއްވެ މުޒާހަރާ ކުރި މީހުން މައިތިރިކުރުމަށް، ޗައިނާގެ އޭރުގެ ސަރުކާރުން ހިންގި އަނިޔާވެރި އަމަލުތަކާ ވިދިގެން، އެ ގައުމު އޮތީ ބައިނަލްއަގުވާމީ މުޖްތަމައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފަ އެވެ. ނަމަވެސް ރައީސް ޖިއެންގްގެ ސިޔާސަތަށް ގެންނެވި ބަދަލުތަކާ އެކު، ޗައިނާ އަށް އަލުން ބައިނަލްއަގުވާމީ މުޖްތަމައަށް ނުކުމެވޭ ގޮތްވި އެވެ.