01 ޑިސެމްބަރ 2022 - 16:17

ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމުގެ ކަންކަން އެ އިދާރާތަކަށް ދޫކޮށްލައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މޭ 17، 2017 އިން ފެށިގެން އަމަލުކުރަމުން އަންނަ ވަޒީފާއާ ގުޅޭ މަސައްކަތްތައް ސީދާ އެ ކޮމިޝަނުން އެޕްރޫވް ކުރާ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ކޮންޓްރެކްޓް މުވައްޒަފުން ނެގުމަށް މިހާތަނަށް ފައިނަލް އެޕްރޫވްކުރަމުން ދިޔައީ ސީއެސްސީންނެވެ.
ސާކިއުލާގައި ބުނީ، ސިވިލް ސާވިސްގެ އިދާރާތަކުގެ ވަޒީފާގައި ވަގުތީ ގޮތުން ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުންގެ ކޮންޓްރެކްޓާއި ސިވިލް ސާވިސްގެ ގާނޫނާއި ގަވައިދާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް "ސީއެސްވިއުގަ" އިން އަދާހަކުރުމުގެ މަސައްކަތް އެ އިދާރާތަކުން ކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
"މި ނިންމުމާ ގުޅުގެން ޑިސެމްބަރު 1، 2022 އިން ފެށިގެން ކޮންޓްރެކްޓް އާ ކުރާ ރިކުއެސްޓުތަކާއި އަލަށް ކޮންޓްރެކްޓްކުރާ ހުރިހާ ރިކުއެސްޓެއް އެޕްރޫވްކުރާނީ އެ އިދާރާއަކުން ނުވަތަ މަސްއޫލު އޮފީހެއްގެ ދަށުގައި ހުރި ނަމަ، މަސްއޫލު އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމުގައި ދެންނެވީމެވެ،" ސާކިއުލާގައި ބުންޏެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު "މިހާރު" އަށް ވިދާޅުވީ ކޮންޓްރެކްޓް ދިވެހިންނާއި ބިދޭސީ މުވައްޒަފުން ނެގުމުގެ އުސޫލު ބަދަލުކުރީ ހިދުމަތްތައް އަވަސް ކުރުމަށް ކަމަށެވެ.