01 ޑިސެމްބަރ 2022 - 15:55

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ތުހުމަތުކޮށް ތަހުގީގު ކުރަން ނިންމާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުން އޮތް ފަރާތަކުން ފޮނުވި ފަރީއްކޮޅާ ހަވާލުވެވަޑައިގަތް މައްސަލަކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހާމަކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރިއްކޮޅަކާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް ބަލަމުން އަންނަ ކަމަށް ރިޕޯޓްކުރި ފަހުން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މަހާޒްގެ މައްސަލަ ބަލަން ނިންމައި އިއްޔެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
ޖޭއެސްސީން ބަލަނީ، އެ ބަޔާނުގައިވާ ގޮތުން، "ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާ މެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަސްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު"ގެ މައްސަލަ އެވެ. އެ ކޮމިޝަނުން ނިންމާފައި ވަނީ މި ފަރީއްކޮޅާ ހަވާލުވެވަޑައިގެންފައި ވަނީ މަހާޒްކަމަށް ބުނާ މައްސަލަ ތަހުގީގުކުރަން ފެންނަ ކަމަށެވެ.
އެއީ ޔާމީންގެ ހުކުމާ ގުޅޭ މައްސަލައެއް ކަމެއް ޖޭއެސްސީގެ ބަޔާނުގައި ނެތެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކޯޓުގެ ދެ މުވައްޒަފަކު އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރީ ޔާމީނަށް ހުކުމް އިއްވުމަށް ފަހު ފަނޑިޔާރުން ކޭންބެއްލެވި ފަރީއްކޮޅަކާ ގުޅޭ ގޮތުންނެވެ.
ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގަ އެވެ. ފަރިއްކޮޅުގެ މައްސަލަ ބަލަން ނިންމީ ހުކުމަށް ބަރާބަރު އެއް އަހަރު ވީ ދުވަހު، އިއްޔެ އެވެ.
މި ހުކުމް އޮތް ދުވަހު ފަނޑިޔާރުން ސުޕްރީމް ކޯޓުގައި ފަރިއްކުޅުއްވީ އަމިއްލަ ޖީބުން ހަރަދުކުރައްވައިގެން ކަން "މިހާރު"އަށް ލިބުނު އެކަމާ ގުޅޭ ލިއުމަކުން އެނގިފައިވެ އެވެ. މިއީ, އާއްމު އުސޫލުން ފަނޑިޔާރުންގެ ތެރޭގައި އަމަލުކުރަމުން އަންނަ ގޮތެއް ކަަން ވެސް އެނގިފައިވެ އެވެ.
އަމިއްލަ ހަރަދުގައި އެކި ދުވަހު ކެއުން ގެންނަވާނީ އެކި ފަނޑިޔާރުންނެވެ. މަހާޒްގެ މައްސަލަ ބަލަނީ އެނގިފައިވާ ގޮތުގައި, ޔާމީނަށް ހުކުމް އިއްވި ދުވަހު ގެނައި ބަތް ޕާރުސަލްތަކަށް އޭނާ ފައިސާ ދައްކަވާފައިވާތީ އެވެ. އެ ޕާރުސަލްތައް ގެނައީ ޕީޕީއެމަށް ތާއީދުކުރާ މީހެއްގެ ހިއްސާ އޮންނަ ރެސްޓޯރަންޓަކުން ކަމަށް ޖޭއެސްސީން ބަލާ މައްސަލާގައި ތުހުމަތުކުރާކަން އެނގެ އެވެ.
ބަތް ޕާރުސަލް އޯޑަރުކޮށްގެން ގެންދިޔައީ، ޒަމްޒަމް ހައްޖު ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު، އަބްދުލްއަޒީޒް ހުސެއިން (އަޒީބެ)ގެ ހިއްސާ އޮންނަ ރެސްޓޯރަންޓަކުންނެވެ. އެއީ، ފަނޑިޔާރު މަހާޒްގެ ބަފައިބެ އެވެ.
ޔާމީނަށް ހުކުމް އިއްވި ބެންޗުގައި ރިޔާސަތު ބެލެހެއްޓެވީ މަހާޒެވެ. ޔާމީން މިނިވަން ކުރުމަށް ހުކުމް އިއްވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރުން ފަރިއްކުޅުއްވި މައްސަލަ ޖޭއެސްސީން ބަލާއިރު ޔާމީން މިނިވަންވި ހުކުމަކީ އެ ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންނާ އެކު އެންމެ މަތީ މަރުހަލާގެ ކޯޓުގެ މިނިވަންކަމާއި އިތުބާރު އޮތް ކަމުގެ ހެއްކެއް ކަމަށް ސަރުކާރާއި އިދިކޮޅުން ވެސް ވަނީ ބުނެފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ އެންމެ މަތީ މަރުހަލާގެ ކޯޓުން ޔާމީން މިނިވަންވުމުން އެނގެނީ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމެވެ. މިނިވަންކަމާ އެކު ހުކުމްތައް ނެރޭނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ލިބުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
އެއާއެކު އިދިކޮޅު ޕީޕީއެމުން ވެސް ބުނެފައި ވަނީ އެ ހުކުމާ އެކު ސުޕްރީމް ކޯޓުގެ މިނިވަންކަން ސާބިތުވެ, ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަން ކަށަވަރުވެފައިވާ ކަމަށެވެ.