12 ޖެނުއަރީ 2017 - 12:48

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާގައި މޮޅު ކުޅުމެއް ދެއްކި ހަސަން އަދުހަމް (ސަޑޭ) އޭނާ ކެރިއަރު ފެށި ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.
ވެލެންސިއާ އިން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކޮށް އޭއެފްސީ ކަޕުން ޖާގަ ހޯދި އިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ، އޭއެފްސީ ކަޕް އޮތުމާ އެކު މި ސީޒަނުގައި ވެލެންސިއާގައި މަޑުކުރާނެ ކަމަށް އޮތީ ބެލެވިފަ އެވެ.
"ވިކްޓަރީ އިން އެންމެ ރަނގަޅު އޮފާއެއް އައީ. އެހެންވެ މޫވްކުރީ. އަނެއްކާ ވިކްޓަރީ އަކީ އަބަދުވެސް އެންމެ ސަޕޯޓްކުރާ އެންމެ ކުޅޭ ހިތްވާ ޓީމް. އެހެންވީމާ އެވަރު ޓީމަކުން ރަނގަޅު އޮފާއެއް ލިބުނީމަ ބޭނުންވީ ދާން،" އަދުހަމް ބުންޏެވެ.
އަދުހަމް 2007 ވަނަ އަހަރު ގަލޮޅު ދަނޑަށް ތައާރަފްވީ ގައުމީ ޓީމުގެ ޖާޒީގަ އެވެ. ދުވަހު ނޫސް ހަވީރުން އިންތިޒާމްކުރި ޗެރިޓީ މެޗެއްގައި އަދުހަމް ގައުމީ ޓީމަށް ކުޅުމަށް ފަހު އެ އަހަރު ފުރަތަމަ ވެސް ގުޅުނީ ވިކްޓަރީއާ އެވެ.
ވިކްޓަރީ އަށް ފަހު ވީބީ އައްޑޫ އެފްސީ އާއި މާޒިޔާ އާއި ބީޖީ ސްޕޯޓްސް އަދި ކްލަބް އީގަލްސް އަށް ވެސް ކުޅުނު އަދުހަމް ވަނީ މިދިޔަ ސީޒަނުގައި ވެލެންސިއާގައި އޭނާގެ ކުރީގެ ކުޅުން ތަކުރާރުކޮށްފަ އެވެ. އިންޑިއާގައި 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފަހަކަށް އައިސް ގައުމީ ޓީމުން ފުރުސަތެއް ނުލިބެ އެވެ.