01 ޑިސެމްބަރ 2022 - 15:54

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރުން ފެށިގެން މަސައްކަތްޕުޅު ކުރެއްވީ ވެރިކަމުގެ ބާރުތައް ޖަމާކުރައްވަން ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ކުރީގެ ރައީސް އަދި މިހާރު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ހެދި ގުޅުން ގޯސްވެފައިވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވީ، އެ މަނިކުފާނު ބާއްވާ ސިލްސިލާ ޕްރޮގްރާމް "އާސްކް ސްޕީކާ" ގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނެވުނުން އެކަމާ މިހާރު ހިތާމަ ކުރައްވަންތޯ މީހަކު އެހުމުން ދެއްވި ޖަވާބުގަ އެވެ.

އެ ސުވާލުގެ ޖަވާބު ދެއްވަން ފައްޓަވަމުން ނަޝީދު ވިދާޅުވީ، އެ މަނިކުފާނު އަބަދުވެސް ބޭނުންފުޅުވަމުން އައީ ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތައް އަށަގަންނަވައި ރައްޔިތުންނަށް ތަނަވަސްކަން ގެނެވޭނެ ގޮތަކަށް ވެރިކަން ކުރިއަށް ގެންދަން ކަމަށެވެ. އަދި ވިދާޅުވީ، ކަންބޮޑުވުން ފާޅުކުރައްވަނީ، ރާއްޖޭގެ ދަރަނީގެ މައްސަލަ އާއި ރާއްޖެ ޑިފޯލްޓް ވެދާނެ ކަމަށް އޮތް ބިރާއި ދައުލަތުގެ ރިޒާވް ދަށްވުމާއި ތަކެތީގެ އަގު މައްޗަށް ދިޔުން ފަދަ ކަންކަމާ ގުޅިގެން ކަމަށެވެ.
ނަޝީދު ވިދާޅުވިގޮތުގައި، އެ މަނިކުފާނާ ގުޅިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 އާ ހަމައަށް މަސައްކަތްޕުޅު ކުރެއްވި އެވެ. އެކަމަކު، ފަހުން ރައީސް މަސައްކަތްޕުޅު ކުރެއްވީ ބާރުތައް އެއްކުރައްވަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންފައި 2019 އާ ހަމައަށް އަޅުގަނޑާ ވަރަށް ގުޅިގެން މަސައްކަތް ކުރެއްވީ،" އެންމެ ކުޑައިރުއްސުރެ ފެށިގެން ގާތްގުޅުމެއް ބާއްވަމުން ގެންދެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.
"ދެން އެހެން ނަމަވެސް އޭގެ ފަހުން، ވެރިކަމުގެ ތަބީއަތެއް ވެސް މެ އެއީ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް] މަސައްކަތް ކުރެއްވުނީ ބާރު ޖަމާ ކުރެއްވުމަށް."
ރައީސް، ވެރިކަމުގެ ބާރުތައް ޖަމާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅު ކުރިއަށް ގެެންދެވީ މި އަހަރުގެ މެދެއްހާ ހިސާބަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މާ ބޮޑު ތަފުސީލަކަށް ވަޑައިނުގަނެ ނަޝީދު ވިދާޅުވީ، މި އަހަރުގެ މެދަކާ ހަމައަށް އައި ހިސާބުން އެމްޑީޕީ އޮއްވައި "އެހެން ނެޓްވޯކެއް" އުފެއްދުން އެއީ ފަސޭހަ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިނުގަތް ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފަހު، އެކަން ވަރަށް ސާފުވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.
ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދު ތާއީދު ކުރެއްވި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ނާކާމިޔާބުވި ހިސާބުން އެ އިންތިހާބަށް ފަހު އެނބުރެވޭނެ ދިމާލެއް ވެސް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އިންތިއާ ވާދަކުރައްވައި ކާމިޔާބު ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކުު ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
"އެ އަށް ފަހުގައި މިހާރު އަޅުގަނޑު ދެކޭ ގޮތުގައި އެނބުރެވޭނެ ދިމާލެއް ނެތް. ހިތާމަވެރި ގޮތަކަށް މިދިޔަ ފަސް އަހަރު ނިއުޅިގެން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ތާއީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅުވައިގެން ވެސް މީހަކު ނަޝީދާ މިއަދު ސުވާލުކުރި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި ނަމަ އެކުގައި މަސައްކަތްޕުޅު ކުރައްވާނަންތޯ އަދި އެއްވެސް ހާލަތެއްގައި ޔާމީންއާ ގުޅިވަޑައިގަންނަވާނެތޯ އާންމު މީހަކު ސުވާލު ކުރުމުން އެ އަށް ވެސް ނަޝީދު ޖަވާބު ދެއްވި އެވެ.
ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ފަސް އަހަރު ކަންތައް ކުރެއްވި ގޮތް މިނާލަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީޕީން ކުރާނެ ކަމަށް ވި ވައުދުތައް ސަރުކާރުން ފުއްދާފައިވާ ކަމަށް ޕާޓީގެ މެމްބަރުން ގަބޫލުނުކުރާ ކަމަށެވެ. ވައުދުތައް ފުއްދުމަކީ "ކުޑަ ރަށެއް ބޮޑު ރަށެއް ބަލައިނުލާ" ކަންކަން ކުރުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީނާ ގުޅުވައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ޔާމީންގެ ސިޔާސަތުތަކުގެ ތެރެއިން އެ މަނިކުފާނު ވަރަށް ކަންބޮޑުވާ ސިޔާސަތެއް އޮންނަ ކަމަށާއި އެއީ އިންޑިއާއާ ދެކޮޅަށް ކުރައްވާ މަސައްކަތް ކަމަށެވެ. އެހެންވެ މަސައްކަތް ހުއްޓާލަން ގޮވާލެއްވި އެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ މަސައްކަތް ހުއްޓަވާލައްވާފައި މި އަވަށްޓެރި ހުރިހާ ގައުމުތަކަކާއި ދިވެހިރާއްޖެއާ ގުޅި އެކުގައި ރާއްޖޭގެ ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދުން،" ނަޝީދު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއން ނެރޭ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު މިހާރު ވަނީ ނިންމަވައިފަ އެވެ. އެކަމަށް ކެމްޕެއިން ގްރޫޕެއް ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށް ވިޔަސް ވެރިކަމުގެ ކޯޅުމުގައި ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ސިޔާސީ ގޮތުން ދެބަސްވުން އުފެދި އޭގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ އެތެރޭގައި އެއިން ކޮންމެ ބޭފުޅަކަށް ތާއީދު ކުރާ ފެކްޝަނެއް ވަނީ އުފެދިފަ އެވެ.