01 ޑިސެމްބަރ 2022 - 14:20

ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަން ތައްޔާރުވަމުން އަންނަ ބުރު ސްޕޯޓްސްގެ ކޯޗަކަށް، ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް ހަމަޖައްސައިފި އެވެ.
ނިޒާމް އެންމެ ފަހުން މަސައްކަތް ކުރީ ޓީސީ ސްޕޯޓްސްގަ އެވެ. ޓީސީ އަށް 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ނިޒާމް އާއެކު ބުރު ސްޕޯޓްސްއިން އެއްބަސްވުން ހެދީ އެއް އަހަރު ދުވހުގެ ނިޔަލަށެވެ.
ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންގެ ކޯޗަކަށް ދުވަސްކޮޅަކު މަސައްކަތް ކުރި ނިޒާމް ވަނީ ރާއްޖޭގެ އެއްވަނަ ކްލަބް މާޒިއާ އަށް ވެސް 2020 ގެ ސީޒަންގައި ކޯޗުކޮށް ދީފަ އެވެ. އެ ކްލަބްގެ ކޯޗުކަމުން ނިޒާމް އިސްތިއުފާ ދިނީ ސީޒަންގެ ކުރީކޮޅު އެވެ.
ދެވަނަ ފަހަރަށް ޓީސީ އާ ހަވާލުވި އިރު ޓިސީގެ ހާލަތު ތަފާތެވެ. މަޝްހޫރު ކުޅުންތެރިން މަދު ޓީމުގައި ނިޒާމް އަށް ލައްވާލީ ތަޖުރިބާ މަދު ސްކޮޑެކެވެ.
ފުރަތަމަ ޑިވިޝަނަށް ބުރު ސްޕޯޓްސް ކޮލިފައިކޮށް ދިނީ، ޓީސީގައި ކުރިން ނިޒާމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އާފިއު މުހައްމަދު ހަމީދެވެ. އާފީގެ ކޯޗުކަމުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ރެލިގޭޝަންގެ ޕްލޭއޮފްގައި ކުޅެ އެ ބުރުން ވެސް އެންމެ ކުރީގައި އެ ޓީމުން ނިންމާލި އެވެ.