ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މެންދުރުގެ ފަރިއްކޮޅު ސުލޫކީ މައްސަލައަކަށް!
ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މެންދުރުގެ ފަރިއްކޮޅު ސުލޫކީ މައްސަލައަކަށް!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެންދުރުގެ ފަރިއްކޮޅަކާ ގުޅޭ ގޮތުން ސުވާލުކޮށް އެކަމާ ގުޅުވައި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ.

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މެންދުރުގެ ފަރިއްކޮޅު ސުލޫކީ މައްސަލައަކަށް!
ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މެންދުރުގެ ފަރިއްކޮޅު ސުލޫކީ މައްސަލައަކަށް!

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަތް ފަރިއްކޮޅަކާ ގުޅޭ ގޮތުން ސުވާލުކުރަން އެ ކޯޓުގެ ދެ އަންހެން މުވައްޒަފަކު ވަނީ ޖޭއެސްސީ އަށް ހާޒިރުކޮށްފަ އެވެ. އެ މުވައްޒަފުންނާ ސުވާލުކުރީ, އެނގިފައިވާ ގޮތުގައި, މެންދުރުގެ ފަރިއްކޮޅަކާ ގުޅޭ ގޮތުން ޖޭއެސްސީން މައުލޫމާތު ހޯދަން ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމަށް ފަހު ދިން ޖަވާބުތަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

ޖޭއެސްސީން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލާ ނަމަ އެކަން އާއްމުކުރެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ބަލާ ކަމެއް މިހާތަނަށް އެ ކޮމިޝަނަކުން ނުބުނެ އެވެ.

ޖޭއެސްސީގެ މީޑިއާ އޮފިޝަލް އިޒްމީރާ ޝިހާމް ވިދާޅުވީ ފަނޑިޔާރެއްގެ މައްސަލައެއް ބަލާކަން އެ ފަނޑިޔާރަކަށް އެންގުމުގެ ކުރިން އެކަމުގެ މައުލޫމާތު މީޑިއާއާ އެ ކޮމިޝަނުން ހިއްސާނުކުރާ ކަމަށެވެ. އެހެންކަމުން "މިހާރު"ގެ ސުވާލާ ގުޅިގެން، އެ މައްސަލަ ބަލާކަން ނުވަތަ ނޫން ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ޖޭއެސްސީން ބަލަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެ ކޯޓުން ހުކުމް އިއްވި ދުވަހު ފަނޑިޔާރުން ކޯޓުގައި ފަރިއްކުޅުއްވުން، އެއީ ހުކުމާ ގުޅިގެން އެކަން ފާހަގަކުރުމަށް ބޭއްވި ކެއުމެއް ކަމަށް ބަލައި އެކަން މައްސަލައަކަށް ނަގައިގެންނެވެ. ޔާމީންގެ ޝަރީއަތުގެ އަަޑުއެހުންތަކަށް ވަރަށް ގިނަ އިރު ހޭދަވާތީ އެ ޝަރީއަތް އޮންނަ ކޮންމެ ދުވަހަކު ވެސް އެގޮތަށް ފަނޑިޔާރުންގެ ހަރަދުގައި ކާން ގެނައި ކަމަށްވެ އެވެ.

މަނީ ލޯންޑްރިންގެ ތުހުމަތުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން އެ ދުވަހު މިނިވަންވީ ތަހުގީގުގައި ހުރި ގޯސްތަކާ ހެދި ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. އެކަމަކު އެ ހުކުމުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ އަސްލު ނޭނގޭ ކަމަށާއި އެ މައްސަލައިގައި މަނީ ލޯންޑާކުރިކަން ޔާމީންގެ މައްޗަށް ސާބިތުނުވިޔަސް އެ ފައިސާއާ މެދު ޔާމީން އަމަލުކުރެއްވި ގޮތް ގޯސް ކަމަށެވެ.

"އެ ފައިސާއާ މެދު ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާކަން އެނގި ހުރެ ފައިސާ އިންވެސްޓް ކުރުމަކީ ތަހުގީގު އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގުތަކަށާ ބަލާ ބެލުންތަކަށް ފަރުވާލެއް ނުބަހައްޓާ ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި ގާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެއް،" ހުކުމުގައިވެ އެވެ.

ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގަ އެވެ. ފަރިއްކޮޅުގެ މައްސަލަ ބަލަން ނިންމީ ހުކުމަށް ބަރާބަރު އެއް އަހަރު ވީ ދުވަހު، އިއްޔެ އެވެ.

މި ހުކުމް އޮތް ދުވަހު ފަނޑިޔާރުން ސުޕްރީމް ކޯޓުގައި ފަރިއްކުޅުއްވީ އަމިއްލަ ޖީބުން ހަރަދުކުރައްވައިގެން ކަން އެނގިފައިވެ އެވެ. މިއީ, އާއްމު އުސޫލުން ފަނޑިޔާރުންގެ ތެރޭގައި އަމަލުކުރަމުން އަންނަ ގޮތެކެވެ.

އަމިއްލަ ހަރަދުގައި އެކި ދުވަހު ކެއުން ގެންނަވާނީ އެކި ފަނޑިޔާރުންނެވެ. މަހާޒްގެ މައްސަލަ ބަލަނީ އެނގިފައިވާ ގޮތުގައި, ޔާމީނަށް ހުކުމް އިއްވި ދުވަހު ގެނައި ބަތް ޕާރުސަލްތަކަށް އޭނާ ފައިސާ ދައްކަވާފައިވާތީ އެވެ. އެ ޕާރުސަލްތައް ގެނައީ ޕީޕީއެމަށް ތާއީދުކުރާ މީހެއްގެ ހިއްސާ އޮންނަ ރެސްޓޯރަންޓަކުން ކަމަށް ޖޭއެސްސީން ބަލާ މައްސަލާގައި ތުހުމަތުކުރާކަން އެނގެ އެވެ.

ޔާމީނަށް ހުކުމް އިއްވި ބެންޗުގައި ރިޔާސަތު ބެލެހެއްޓެވީ މަހާޒެވެ. ޔާމީން މިނިވަން ކުރުމަށް ހުކުމް އިއްވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރުން ފަރިއްކުޅުއްވި މައްސަލަ ޖޭއެސްސީން ބަލާއިރު ޔާމީން މިނިވަންވި ހުކުމަކީ އެ ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންނާ އެކު އެންމެ މަތީ މަރުހަލާގެ ކޯޓުގެ މިނިވަންކަމާއި އިތުބާރު އޮތް ކަމުގެ ހެއްކެއް ކަމަށް ސަރުކާރާއި އިދިކޮޅުން ވެސް ވަނީ ބުނެފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ އެންމެ މަތީ މަރުހަލާގެ ކޯޓުން ޔާމީން މިނިވަންވުމުން އެނގެނީ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމެވެ. މިނިވަންކަމާ އެކު ހުކުމްތައް ނެރޭނެ ކަމުގެ އިތުބާރު ރައްޔިތުންނަށް ލިބުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

އެއާއެކު އިދިކޮޅު ޕީޕީއެމުން ވެސް ބުނެފައި ވަނީ އެ ހުކުމާ އެކު ސުޕްރީމް ކޯޓުގެ މިނިވަންކަން ސާބިތުވެ, ފަނޑިޔާރުންގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަން ކަށަވަރުވެފައިވާ ކަމަށެވެ.

ޔާމީނަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިހާރު އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އިއްޔެ އަޑުއެހުންތައް ނިންމާލި ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީލޯންޑަރިން ހިންގިކަމުގެ މައްސަލާގައި ދައުލަތުން ވަނީ ޔާމީނާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކުރި އެތައް ކަމެއް ފާހަގަކޮށްފައިވެ އެވެ.