އަރުހަމްގެ ގާތިލް ވިސާމް މެރުމަށް ކުރި ހުކުމް އިސްތިއުނާފްކޮށްފި
އަރުހަމްގެ ގާތިލް ވިސާމް މެރުމަށް ކުރި ހުކުމް އިސްތިއުނާފްކޮށްފި

ކުއްލިއްޔާގެ އިރަށް އޮންނަ ލޮރެންޒޯ ޕާކް ތެރޭގައި މަރައިލި، ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި މުހައްމަދު ވިސާމްގެ މެރުމަށް ކުރި ހުކުމް އޭނާގެ ފަރާތުން ހަައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ޖޫން، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި ގުރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ އަރުހަމް މަރައިލި މައްސަލާގައި ލ. މާވަށް، އެވާބްލޫގޭ މުހައްމަދު ވިސާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. މި މައްސަލާގައި އިތުރު ތިން މީހަކަށް ދައުލަތުން ދައުވާ ކުރިޔަސް އެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

ވިސާމް މެރުމަށް ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން، އެ މައްސަލަ މިދިޔަ މަހު އެ މައްސަލަ ހައި ކޯޓުން ވަނީ ބަލައިގެންފަ އެވެ. އެކަމަކު އިސްތިއުނާފްގެ ޝަރީއަތް އަދި ނުފަށަ އެވެ.

ވިސާމްގެ ފަރާތުން މި މައްސަލަ އިސްތިއުނާފް ނުކުރި ނަމަ، އެ ހުކުމް ކަށަވަރުކުރަން ދައުލަތުން ވެސް ހައި ކޯޓަށް ދާނެ އެވެ.

މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު ބުނާގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ނިމުމުންނެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިމި، މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު މިހާރު ވެސް ޖަލުގައި އެބަ ތިއްބެވެ. އެއީ ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދު މަރައިލި ގ. ރީފް މުހައްމަދު ނަބީލް އަދި ވަކީލް އަހުމަދު ނަޖީބްގެ ގާތިލް އަހުމަދު މުއްރަތެވެ.

އެކަމަކު މި މީހުންނަށް މަރުގެ އަދަބު ދޭނެ ދުވަހެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.