08 ޖޫން 2016 - 15:31

ލިޒްބަން (ޖޫން 8) - ސިކުނޑި މަރުވެފައި އޮންނަތާ ގާތްގަނޑަކަށް ހަތަރު މަސް ދުވަސްވެފައިވާ ޕޯޗުގަލްގެ އަންހެނަކަށް ދަރިއަކު ލިބިއްޖެ އެވެ.
ލިޒްބަންގެ ހޮސްޕިޓަލަކުން ސިޒޭރިއަން ހަދައިގެން ކުއްޖާ ނެގި އިރު މައިމީހާގެ ބަނޑަށް 32 ހަފުތާ އެވެ. ކުއްޖާގެ ބަރުދަނުގައި 2.3 ކިލޯ ހުއްޓެވެ. އެ ކުއްޖާ ވިހޭ އިރު ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ބުންޏެވެ. ސްޓްރޯކަކާ ގުޅިގެން ކުއްޖާގެ މަންމަގެ ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ނިންމީ ފެބްރުއަރީ 20 ގަ އެވެ.
ކުއްޖާގެ މަންމަގެ ސިކުނޑި މަރުވެފައި އޮތް ނަމަވެސް ކުއްޖާ ބަނޑުގައި ބާއްވަން ޑޮކްޓަރުން ނިންމީ ކުއްޖާގެ ސިއްހަތު ރަނގަޅު ކަމަށް ޓެސްޓްތަކުން ދެއްކުމުންނެވެ. އަދި ކުއްޖާގެ ބައްޕަ ވެސް އެ ގޮތަށް އެއްބަސްވުމުންނެވެ. ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގި ނަމަވެސް މައިމީހާ ލައިފް ސަޕޯޓް މެޝިނުގައި ބޭއްވުމާ މެދު ޑޮކްޓަރުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
މިއީ މައިމީހާގެ ސިކުނޑި މަރުވުމަށް ފަހު ބަނޑުގައި ސަލާމަތުން އެންމެ ގިނަ ދުވަހު އޮތް ޕޯޗުގަލްގެ ކުއްޖާ އެވެ.
ޓިއުމަރަކާ ގުޅިގެން ސިކުނޑި މަރުވި ޕޮލެންޑުގެ އަންހެނެއްގެ ބަނޑުން 55 ދުވަހަށް ފަހު ކުއްޖަކު ވަނީ ޖެނުއަރީ މަހު ނަގައިފަ އެވެ. އެ ކުއްޖާގެ ބަރު ދަނުގައި ހުރީ އެއް ކިލޯ އެވެ. ހަތަރު މަސް ދުވަސް ފަހުން ކުއްޖާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.