01 ޑިސެމްބަރ 2022 - 14:02

ދޯހާ (ޑިސެމްބަރު 1) - ވޯލްޑް ކަޕް ގުރޫޕް އެފްގައި ހިމެނޭ، ދުނިޔޭގެ ރޭންކިންގެ ދެވަނަ ބެލްޖިއަމްގެ މައްޗަށް ހޯދި މޮޅާއެކު މިހާރު މޮރޮކޯ ބަލިކުރަން ފަސޭހަ ނުވާނެ ކަމަށް އެޓީމުގެ ކޯޗު، ވަލީދު ރެގްރަގީ ބުނެފި އެވެ.

"އަހަރެމެންނަކީ ބަލިކުރަން ވަރަށް އުނދަގޫ ޓީމެއް، ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނޭ ދެ ޓީމަކާ ދެކޮޅަށް އަހަރެމެން ނަތީޖާ ނެރެފިން. ހިތްވަރާއެކު އަދިވެސް ކުރިއަށް ދާންވީ،" މި އަހަރުގެ އޮގަސްޓް މަހު މޮރޮކޯ ޓީމާ ހަވާލުވި ކޯޗު ރެގްރަގީ ބުންޏެވެ.
މޮރޮކޯ ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށް ކުޅެ އެއްވަރު ކޮށްފަ އެވެ. އަދި ދެވަނަ މެޗުގައި އެޓީމުން ވަނީ ވަރުގަދަ ބެލްޖިއަމް ބަލިކޮށް، ދުނިޔެއަށް ސިހުން ގެނުވައިފަ އެވެ. ފަހު މެޗުގައި އެޓީމް ނުކުންނާނީ ކެނެޑާއާ ދެކޮޅަށެވެ.
ބެލްޖިއަމް ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އިންގްލެންޑްގެ ޗެލްސީ އަށް ކުޅެމުން އަންނަ އުމުރުން 29 އަހަރުގެ ވިންގާ ހަކީމް ޒިޔެޝް އެވެ. ކޯޗު ރެގްރަގީ ޓީމާ ހަވާލުވުމުގެ ކުރިން ކޯޗަކަށް ހުރި ވާހިދު ހަލީލޮޑްޒިކް އާ މައްސަލަ ޖެހިގެން އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރި ޒިޔެޝް، އެނބުރި ގައުމީ ޓީމާ ގުޅުނީ 15 މަސްދުވަހަށް ފަހު، މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
"ވަރަށް ބައިވަރު މީހުން އޭނާއާ ގުޅޭގޮތުން ވާހަކަ ދައްކާ، އޭނާއަކީ ބޯހަމަނުޖެހޭ ކުޅުންތެރިއެއް ކަމަށާއި، މެނޭޖް ކުރަން އުނދަގޫ ކުޅުންތެރިއެކޭ، އޭނާ ގޮވައިގެން ޓީމަށް އެއްވެސް ފައިދާއެއް ނުވާނެއޭ ވެސް ބުނޭ،" މޮރޮކޯ ގައުމީ ޓީމަށް ނުވަ އަހަރު ވަންދެން ކުޅުނު ރެގްރަގީ ބުންޏެވެ.
"އަހަރެން ދެކޭގޮތުގައި އޭނާ (ޒިޔެޝް) އަށް ލޯތްބާއެކު އިތުބާރު ހޯދައިދީފި ނަމަ އޭނާ ޓީމަށްޓަކައި މަރުދޭނެ. އަހަރެން އޭނާއަށް އަބަދުވެސް ހިތްވަރު ދެން. އޭނާއަކީ ޔޫރަޕުގެ ވަރުގަދަ ޓީމުތަކަށް ކުޅޭ ވަރުގަދަ ކުޅުންތެރިއެއް، ގައުމީ ޓީމުގައި ވެސް އެ ތަފާތު ފެންނާނެ."
ކެނެޑާއާ ދެކޮޅަށް މެޗުން މޮޅުވެގެން ނުވަތަ އެއްވަރު ކޮށްލައިގެން ވެސް މޮރޮކޯ އަށް ގަދަ 16 ގެ ޖާގައެއް ޔަގީން ވާނެ އެވެ. މެޗުން ބަލި ވިއަސް، ބެލްޖިއަމް އާއި ކްރޮއޭޝިއާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މޮރޮކޯ އަށް ފުރުސަތު އޮންނާނެ އެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގެ ކުރިން ކްރޮއޭޝިއާ އާއި މޮރޮކޯ އަށް ވެސް ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހު ވޯލްޑް ކަޕް ގެ ތިންވަނަ ހޯދި ބެލްޖިއަމް އޮތީ ތިން ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ މެޗުން ވެސް ބަލިވެފައިވާ ކެނެޑާ ވަނީ މުބާރާތުން ކަޓައިފަ އެވެ.
ދެވަނަ ބުރަށް ދަތުރު ކޮށްފި ނަމަ މޮރޮކޯ ވާދަކުރަން ޖެހޭނީ، ގުރޫޕް އީ ގެ ޓީމަކާ އެވެ. ޖަރުމަނާއި ސްޕެއިން އަދި ޖަޕާނާއި ކޮސްޓަ ރިކާ ހިމެނޭ ގުރޫޕް އީ އިން ދެވަނަ ބުރަށް ދާ ޓީމުތައް ވެސް ޔަގީން ވާނީ މިރޭ ކުޅޭ މެޗް ތަކަށް ފަހު އެވެ.
މޮރޮކޯ އިން މީގެ 36 އަހަރު ކުރިން މެކްސިކޯ ގައި ބޭއްވި މުބާރާތުގެ ދެވަނަ ބުރަށް ދިޔައީ، ގުރޫޕް ސްޓޭޖުގައި ޕޮލެންޑާއި އިންގްލެންޑާ އެއްވަރުކޮށް، ފަހު މެޗުގައި ޕޯޗުގަލް ބަލިކުރުމަށް ފަހު ގުރޫޕްގެ އެއްވަނަ ހޯދައިގެންނެވެ. ދެވަނަ ބުރުގައި އެޓީމު ބަލިވީ، އެ މުބާރާތުގެ ރަނަރަޕް ހުޅަނގު ޖަރުމަން އަތުން 1-0 އިންނެވެ.
ދެން އޮންނަ ވޯލްޑް ކަޕް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ކެނެޑާ، އެމެރިކާ، މެކްސިކޯ މި ތިން ގައުމު ގުޅިގެންނެވެ.
މި އަހަރުގެ މުބާރާތުން ކެނެޑާ ކަޓައިފައި ވިއަސް ކޯޗު ބުނީ، އެޓީމުން ފަހު މެޗަށް ނުކުންނާނީ، މޮޅަކާ އެކު މުބާރާތް ނިންމާލައި، 2026 ވަނަ އަހަރު އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގެ ކުރިން ގައުމުގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ހޯދައިދިނުމުގެ އުންމީދުގައި ކަމަށެވެ.
"އަހަރެމެން މުބާރާތަށް އައީ ތާރީހުން ޖާގައެއް ހޯދަން. ފުރަތަމަ މެޗުގައި ކުޅުންތެރިން ބޭނުންވި (ބެލްޖިއަމް އާ ދެކޮޅަށް) ޖެހިލުން ކުޑަކަން ދައްކާލަން. އެކަން ވަރަށް ރަނގަޅަށް އެކަން ހާމަކޮށް ދިން. ދެވަނަ މެޗުގައި ގޯލު ޖަހަން ކުޅުނީ، އެކަން އެންމެ ފުރިހަމައަށް ހާސިލް ނުވެ ތިން ޕޮއިންޓް ގެއްލުނީ،" ކެނެޑާގެ ކޯޗު ޖޯން ހާޑްމަން ބުންޏެވެ.
"އެހެންވެ، އެންމެ ފަހު މެޗުން ބޭނުމީ ނަތީޖާ ނެރެން. މޮޅެއް ހޯދައިގެން އަހަރެމެން ބޭނުމީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ދާއިރު އަހަރެމެންގެ މިސްރާބު ހުރީ ރަނގަޅު ދިމާއަށް ކަން ކެނެޑާގެ ރައްޔިތުންނަށް ޔަގީން ކޮށްދޭން."
ކެނެޑާ އާއި މޮރޮކޯގެ އިތުރުން، ގުރޫޕް އެފް ގައި ދެން ކުޅޭ ކްރޮއޭޝިއާ އާއި ބެލްޖިއަމް ކުޅޭ މެޗް ވެސް ފަށަން ހަމަޖެހިފައި ވަނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރެވެ.