ވޯލްޑް ކަޕުން ޖަރުމަން ކެޓިއަސް ކޯޗު ހާހެއް ނުވާނެ
ވޯލްޑް ކަޕުން ޖަރުމަން ކެޓިއަސް ކޯޗު ހާހެއް ނުވާނެ

އަލް ކޯރު (ޑިސެމްބަރު 1) - ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗާ ކުރިމަތިލާއިރު އެންމެ ޕޮއިންޓަކާ އެކު ފުލުގައި އޮތް ޖަރުމަނަށް، ގަދަ 16 އިގެ ޖާގަ ގެއްލުނު ކަމުގައި ވިއަސް، ކޯޗު ހަންސީ ފްލިކް އޭނާގެ މަގާމު ގެއްލިދާނެތީ އެއްވެސް ހާސްކަމެއް ނެތް ކަމަށް ބުނެފި އެވެ.

ވޯލްޑް ކަޕުން ޖަރުމަން ކެޓިއަސް ކޯޗު ހާހެއް ނުވާނެ
ވޯލްޑް ކަޕުން ޖަރުމަން ކެޓިއަސް ކޯޗު ހާހެއް ނުވާނެ

ޖަރުމަނުން ވަނީ 2014 ވަނަ އަހަރުގެ ކާމިޔާބާ އެކު ހަތަރު ފަހަރު ވޯލްޑް ކަޕް ތަށި އުފުލާލައިފަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އެޓީމު ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

މި އަހަރުގެ މުބާރާތުގައި ފުރަތަމަ މެޗުން ހިތްދަތި ގޮތަކަށް ފުރަތަމަ މެޗުގައި ޖަޕާން އަތްދަށުވުމުން، ބޮޑެތި ފާޑުކިޔުން ތަކެއް ފްލިކް އަށް އަމާޒު ވިއެވެ. އޭގެ ތެރޭގައި ޖަރުމަން ޓީމުގެ ކުރީގެ ކެޕްޓަން ފިލިޕް ލާމް ވެސް ހިމެނެ އެވެ.

ދެވަނަ މެޗުގައި ސްޕެއިންއާ އެއްވަރު ކޮށްލައި ޕޮއިންޓެއް ހޯދައިގެން ދެވަނަ ބުރަށް ދިއުމުގެ ކުޑަ އުންމީދެއް ހޯދި އެވެ. ފުރިހަމަ އަމިއްލަ ބާރު ނެތް ނަމަވެސް ފަހު މެޗުގައި ކޮސްޓަ ރިކާއާ ދެކޮޅަށް ނުކުންނައިރު މިއީ ޖަރުމަނަށް މޮޅުވުން މަޖުބޫރު މެޗެކެވެ.

"އަހަރެންގެ ޓީމުގެ މުސްތަގުބަލް ކަނޑައެޅުން އޮތީ އަހަރެންގެ އަތްމަތީގައި. އަހަރެންގެ ކޮންޓްރެކްޓް އެބަ އޮތް 2024 އާ ހަމައަށް، އަދި އަހަރެން މި އަންނަނީ އަމިއްލަ ގައުމުގައި ބާއްވަން ހަމަޖެހިފައި ޔޫރޯ 2024 އަށް ވެސް ތައްޔާރު ވަމުން،" 2014 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި ފްލިކް ބުންޏެވެ.

"އަހަރެންނަށް އެއްވެސް ޕްރެޝަރެއް އިހުސާސެއް ނުވޭ. ޖަޕާން އަތުން ބަލިވުމުން ވެސް ޕްރެޝަރެއް އިހުސާސެއް ނުވި. މުބާރާތުގެ ކުރިން އަހަރެމެންނަށް މާ ބައިވަރު ވަގުތެއް ނުލިބުނު، ގިނަ ދުވަހު އަހަރެމެން އެކުގައި ތިބެގެން ބޮޑު ކުރިއެރުމެއް ލިބޭނީ.

"މައްސަލައަކީ މިހާރު އަހަރެމެންގެ އަތުގައެއް ނޫން (ކޮންޓްރޯލް) އޮތީ. ނުބުންނާސް އެނގޭނެ ފުރަތަމަ މެޗު ދިޔައީ އަހަރެމެން ބޭނުންވި ގޮތަކަށް ނޫން. އަހަރެމެން ޕްރެޝަރު ކުރަން ޖެހޭނެ ފުރަތަމަ މެޗުން ފެށިގެން. އެނގޭ ވަރަށް އުނދަގޫ ވާނެކަން."

ކުޅުން ހުއްޓާލުމަށް ފަހު މިހާރު ޖަރުމަންގެ ފުޓުބޯޅަ އެސޯސިއޭޝަންގައި މަސައްކަތް ކުރަމުން އަންނަ، ލާމް ބުނީ، ފުރަތަމަ މެޗުގައި ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، ޓީމުގައި ތިބި އެންމެ ތަޖުރިބާ ބޮޑު ދެ ކުޅުންތެރިން ކަމަށްވާ އިލްކާއި ގުންޑޮއާން އާއި ތޯމަސް މުލާ ބަދަލުކުރުން ކަމަށެވެ.

"ފްލިކް ޖެހޭނެ ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ތަޖުރިބާ ހުރި ކުޅުންތެރިންނަށް ބަރޯސާ ވާން، ޖަޕާނާ ދެކޮޅަށް ކުޅުނު މެޗު ގެއްލުނީ އޭނާ އެހެން ކަންތައް ނުކުރުމުން،" ބްރެޒިލްގައި 2014 ވަނަ އަހަރު ވޯލްޑް ކަޕް ތަށި އުފުލާލި ކެޕްޓަން ބުންޏެވެ.

ޖަރުމަން ހިމެނޭ ގުރޫޕް އީ ގެ އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ސްޕެއިން އެވެ. ފުރަތަމަ މެޗުގައި 7-0 އިން ކޮސްޓަ ރިކާ ބަލިކޮށްފައިވާ ސްޕެއިން އަށް ފައިދާ ހަތް ގޯލު އެބަ އޮތެވެ. ޖަޕާނާއި ކޮސްޓަ ރިކާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ޕޮއިންޓަކާ އެކު ފުލުގައި އޮތް ޖަރުމަނުން އަމިއްލަ ބާރުގައި ނޮކައުޓް ބުރަށް ދަތުރު ކުރަން ކޮސްޓަ ރިކާ ކައިރިން އަށް ގޯލުގެ ތަފާތަކުން މޮޅުވާން ޖެހެ އެވެ.

"ކޮސްޓަ ރިކާ ކޯޅަށް އަހަރެމެން އަށް ގޯލު ޖަހަން ބޭނުމޭ ބުނެފިއްޔާ އެ ވާނީ ވަރަށް އިހުރިރާމް ކުޑަ ކަމަކަށް. އަހަރެމެން އުފާވާނެ މެޗުން މޮޅު ވެވުނަސް. ބޭނުމަކީ ޕޮޒިޓިވް ނަތީޖާއެއް ހޯދުން،" ދެވަނަ ބުރުގެ ފުރުސަތުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ފްލިކް ބުންޏެވެ.

"ފުރަތަމަ މެޗުގައި ކޮސްޓަ ރިކާ ކޮޅަށް ހަތް ގޯލު ވަދެގެން ވީ ބައްޔަށް ފަހު، ދެވަނަ މެޗުގައި ޖަޕާން ބަލިކުރުމަކީ ދެރަ ކާމިޔާބެއް ނޫން. (ގުރޫޕް) ޓޭބަލް އަށް ބަލައިލާއިރު އެބަ ފެނޭ، ކޮސްޓަ ރިކާ އަށް ވެސް ގަދަ 16 އަށް ދިޔުމުގެ ފުރުސަތު އޮތް ތަން."

ޖަރުމަނާއި ކޮސްޓަ ރިކާ ބައްދަލުކުރާ މެޗަށް އިންސާފު ކުރާނީ ފްރާންސްގެ ތަޖުރިބާކާރު އަންހެން ރެފްރީ ސްޓެފަނީ ފްރެޕާޓް އެވެ. ޖަރުމަންގެ ކޯޗު ފްލިކް އާއި ކޮސްޓަ ރިކާ ގެ ކޯޗު ލުއިސް ފެނާންޑޯ ސުއަރޭޒް ވެސް ވަނީ މި މެޗުގެ ރެފްރީކަން ކުރަން ފުރުސަތު ލިބުނު ފްރެޕާޓް އަށް މަރުހަބާ ކިޔައިފަ އެވެ.

"ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ އަންހެނުންނަށް އަހަރެން ވަރަށް ތާއީދު ކުރަން. ފުޓުބޯޅައިގައި އަބަދުވެސް ދެ ޖިންސުގެ ތަފާތުކުރުން އޮވޭ، މިހާހިސާބަށް ވާސިލް ވެވުނީ ވަރަށް އުނދަގުލުން. މިއީ ކުރިއަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް. ވޯލްޑް ކަޕް ގައި އަންހެން ރެފްރީ އެއް ހުރުމަކީ ވަރަށް ޑިމޮކްރެޓިކް ފިޔަވަޅެއް،" ކޮސްޓަ ރިކާގެ ކޯޗު ސުއަރޭޒް ބުންޏެވެ.

މީގެ އިތުރުން ފްލިކް ބުނީ، އޭނާ އަށް އިތުބާރު ކުރާ ކަމަށާއި އޭނާގެ ފަރާތުން ރަނގަޅު މެޗެއް ފެންނާނެ ކަމަށް އުންމީދު ކުރާކަމަށެވެ.