01 ޑިސެމްބަރ 2022 - 06:22

ދޯހާ (ޑިސެމްބަރު 1) - ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އާޖެންޓީނާ އިން ޕޮލެންޑާ ވާދަކޮށް 2-0 އިން މޮޅުވެ، ގުރޫޕް ސީ ގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދި އިރު، ދެ ވަނަ ޓީމުގެ ގޮތުގައި ޕޮލެންޑަށް ދެ ވަނަ ބުރުން ފުރުސަތު ލިބިއްޖެ އެވެ.

މި ގުރޫޕް ގައި ހިމެނޭ މެކްސިކޯ އިން 2-1 އިން ސައުދީ އަރަބިއްޔާ ބަލިކޮށް، ޕޮލެންޑާ އެއްވަރަށް ހަތަރު ޕޮއިންޓް ހޯދި ނަމަވެސް ފައިދާ ގޯލުން ކުރި ލިބެނީ ޕޮލެންޑަށެވެ. ސައުދީން ގުރޫޕް ސްޓޭޖް ނިންމާލީ ތިން ޕޮއިންޓާ އެކު އެވެ.
އާޖެންޓީނާ އާއި ޕޮލެންޑް ކުޅުނު މެޗް ޑޮމިނޭޓް ކޮށްގެން ގިނަ ހަމަލާ އުފެއްދީ ވެސް އާޖެންޓީނާ އެވެ. މެޗުގައި ޕޮލެންޑަށް އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ޓެސްޓް ކޮށްލާ ވަރުގެ ހަމަލާއެއް ފޮނުވާލެވިފައެއް ނުލެވެ އެވެ.
ފުރަތަމަ ހާފުގައި މެސީ އަށް ފައުލް ކޮށްގެން އާޖެންޓީނާ އަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް މެސީ ފޮނުވާލި ޕެނަލްޓީ، ޕޮލެންޑްގެ ގޯލްކީޕަރު ވޮއިޒެކް ޝެޒްނީ ދިފާއު ކުރުމުން، މި ހާފް ނިމުނީ ލަނޑެއްނުޖެހި އެއްވަރު ވެގެންނެވެ.
އެހެން ނަމަވެސް ދެވަނަ ހާފް އާޖެންޓީނާ ފެށީ ގޯލަކުންނެވެ. މި ހާފުގެ ފުރަތަމަ މިނިޓުގައި އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފުލްބެކް ނަހުއެލް މޮލީނާ ތިރިތިރިން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލައިގެން މި ލަނޑު ޖަހައިދިނީ އިންގްލެންޑުގެ ބްރައިޓަން އަށް ކުޅޭ ޒުވާން މިޑްފީލްޑަރު އަލެކްސިސް މެކް އަލިސްޓާ އެވެ.
އާޖެންޓީނާގެ ދެވަނަ ލަނޑު 67 ވަނަ މިނިޓުގައި ޖަހައިދިނީ މެންޗެސްޓާ ސިޓީއަށް ކުޅޭ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. އޭނާ މި ލަނޑު ޖެހީ އެންޒޯ ފެނާންޑޭޒް ދިން ބޯޅައަކުންނެވެ. އެއަށް ފަހު ވެސް އަލްވަރޭޒް އާއި ލިސަންޑްރޯ މާޓިނޭޒް އަށް ލީޑު ފުޅާކުރަން ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް، ހަމަލާތައް ގޯލާ އަމާޒުކޮށެއް ނުލެވުނެވެ.
މިއީ ޕޮލެންޑުން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކުރި ފަހުން، ގުރޫޕް ސްޓޭޖް ފަހަނައަޅައި ދެވުނު ފުރަތަމަ ފަހަރެވެ.
މެކްސިކޯ އާއި ސައުދީ އަރަބިއްޔާ ކުޅުނު މެޗުގައި ފެނުނު ތިން ގޯލު ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެކްސިކޯ އިން ވަނީ ދެ ވަނަ ހާފުގެ ވަރަށް ކުރީކޮޅު ދެ ގޯލުގެ ލީޑެއް ހޯދައިފަ އެވެ. ފުރަތަމަ ލަނޑު 47 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް ހެންރީ މާޓިން އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ދެ ވަނަ ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ލުއިސް ޗާވޭޒް އެވެ.
ދެ ގޯލުގެ ލީޑަކާ އެކު މެކްސިކޯ ކުރީގައި އޮއްވައި ގޯލުގެ ތަފާތުން ވެސް މެކްސިކޯ އާއި ޕޮލެންޑް އޮތީ އެއްވަރު ވެފަ އެވެ. ގޯލުގެ ތަފާތުން މެކްސިކޯ ފަހަތަށް ޖެހުނީ ސައުދީ އިން އެންމެ ފަހު ވަގުތު ކާމިޔާބުކުރި ގޯލުންނެވެ.
އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ސައުދީގެ ހަމައެކަނި ގޯލު ޖަހައިދިނީ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ސާލިމް އަލް ދައުސާރީ އެވެ.
ގަދަ 16 ޓީމް ވާދަކުރާ ބުރުގައި އާޖެންޓީނާ ކުޅެން ޖެހޭނީ ގުރޫޕް ޑީ ގެ ދެ ވަނަ ހޯދި އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އަދި ޕޮލެންޑް ނުކުންނާނީ ގުރޫޕް ޑީ ގެ އެއް ވަނަ ހޯދި، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ.