30 ނޮވެމްބަރ 2022 - 19:08

ފިނޭންސް މިނިސްޓްރީގައި 42 އަހަރުގެ ހިދުމަތް ފަހު، އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ އަލީ މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ފިނޭންސް މިނިސްޓްރީއާ 1981 ގައި ގުޅިވަޑައިގެންނެވި އަބްދުﷲ އަލީ ރިޓަޔާ ކުރެއްވުމުން މިއަދު ފިނޭންސް މިނިސްޓްރީގައި ވަނީ އޭނާގެ ހިދުމަތް ފާހަގަކޮށްފަ އެވެ
ފިނޭންސް މިނިސްޓްރީން ބުނީ، އޭނާ ވަނީ އެ މިނިސްޓްރީގެ ފައިސާގެ ކަންތައްތައް ބަލަހައްޓާ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ގިނަ ހިދުމަތްތަކެއް ކުރައްވާފައި ކަމަށެވެ.
އަބުދުلله އަލީ ރިޓަޔާ ކުރެއްވުމުން އޭނާގެ ހިދުމަތް ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އޭނާ ރިޓަޔާ ކުރެއްވީ އެންމެންނަށް ވަރަށް ގިނަ އަގުހުރި ފިލާވަޅުތަކެއް ދަސްކޮށްދެއްވާފައި ކަމަށެވެ.
އަބްދުﷲ އަލީއަށް ޝުކުރުއަދާކުރައްވަމުން އަމީރު ވިދާޅުވީ، މަސްއޫލިއްޔަތުތައް އަދާކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ.
"މާލިއްޔަތު ގަވާއިދު އެކުލަވާލުމާއި, ދައުލަތުގެ ފައިސާ އާއި ބަޖެޓާ ބެހޭ ކަންތައްތައް އަބުދުﷲ އަލީ ކޮށްފައިވަނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު. ދިވެހި ދައުލަތައް ތިކޮށްދެވި އަގުހުރި މަސައްކަތަކީ އަޅުގަނޑުމެން އެންމެންނަށް ނަމޫނާއެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ." އަމީރު ލިޔުއްވި އެވެ.
އަބްދުﷲ އަލީ ވަނީ އޭނާގެ ކެރިއަރުގައި ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތަކެއް އަދާކުރައްވައިފަ އެވެ. ރިޓަޔާ ކުރެއްވި އިރު ހުންނެވީ މިނިސްޓްރީގެ ބަޖެޓާއި ހާއްސަ ބަޖެޓު އަދި ޕެންޝަން ބަޖެޓު ބެލެހެއްޓުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގަ އެވެ.