ރޮނާލްޑޯ ގެންދަން ސައޫދީ ކްލަބަކުން ރެކޯޑް އަގެއް ހުށަހަޅައިފި
ރޮނާލްޑޯ ގެންދަން ސައޫދީ ކްލަބަކުން ރެކޯޑް އަގެއް ހުށަހަޅައިފި

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިއުމަށް ސައޫދީ އަރަބިއްޔާގެ އައް ނަސްރު ފުޓްބޯޅަ ކްލަބުން ދުނިޔޭގެ ރެކޯޑް އަގެއް ހުށަހަޅައިފި އެވެ.

ރޮނާލްޑޯ ގެންދަން ސައޫދީ ކްލަބަކުން ރެކޯޑް އަގެއް ހުށަހަޅައިފި
ރޮނާލްޑޯ ގެންދަން ސައޫދީ ކްލަބަކުން ރެކޯޑް އަގެއް ހުށަހަޅައިފި

މެންޗެސްޓާ ޔުނައިޓެޑާ އެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓް ދާދި ފަހުން އުވާލާފައިވާތީ ޓްރާންސްފާ ފީއެއް ނެތި އޭނާ އަށް އެހެން ކްލަބަކަށް ބަދަލުވެވޭނެ އެވެ.

މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި އައް ނަސްރު އިން ރޮނާލްޑޯ އަށް ހުށަހެޅީ 2025 ގެ ނިޔަލަށް އަހަރަކު 200 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއްގެ މުސާރައެއް ކަމަށެވެ. އެއީ ގާތްގަނޑަކަށް ޖުމްލަ 600 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެކެވެ.

އެ އަދަދަކީ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް އެއްވެސް ކުޅުންތެރިޔަކަށް އެއްވެސް ކްލަބަކުން ދީފައިވާ ވަރުގެ މުސާރައެއް ނޫނެވެ.

އެކަމަކު އޭގެ ތެރޭގައި އެހެން ބައެއް އެއްބަސްވުންތަކުގެ އަގުތައް ވެސް ހިމެނެ އެވެ. ބެލެވޭ ގޮތުގައި އޭގެ ތެރޭގައި ސައޫދީ ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކާއި 2030 ގެ ވޯލްޑް ކަޕް ބޭއްވުމަށް ސައޫދީން ކުރާ ބިޑުގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރުން ހިމެނެ އެވެ. މީގެ އިތުރުން އޭގެ ތެރޭގައި ސައޫދީގެ ކުންފުނިތަކުން ދޭ ސްޕޮންސާޝިޕް ވެސް ހިމެނޭނެ ކަމަށް ލަފާކުރެވެ އެވެ.

ރޮމާނޯ ބުނި ގޮތުގައި އައް ނަސްރު އިން ރަސްމީކޮށް މި އޮފާ ދިން ނަމަވެސް ރޮނާލްޑޯ އެކަމާ އަދި ގޮތެއް ނުނިންމަ އެވެ. އޭނާގެ ހުރިހާ ފޯކަސްއެއް މިވަގުތު ހުރީ ވޯލްޑް ކަޕުގައި ވާދަކުރާ ޕޯޗުގަލް ޓީމަށެވެ. އެކަމަކު ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑެސް މިހާރު އެއްބަސްވުމުގައި ހުރި ކަންކަމާ ނުރަސްމީކޮށް މަޝްވަރާކުރަމުން އަންނަ ކަމަށްވެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އައް ނަސްރުގެ މި ހުށަހެޅުމުގެ ފަހަތުގައި ހުންނެވީ ސައުދީގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. އެމަނިކުފާނު ގެންދަވަނީ ސައުދީގެ އިގްތިސާދު ޑައިވާސިފައިކޮށް، އެ ގައުމު ދުނިޔެ އަށް ހުޅުވާލުމަށް މަސައްކަތްކުރައްވަމުންނެވެ. އެކަމަށްޓަކައި އާޖެންޓީނާގެ ލިއޮނަލް މެސީ ސައުދީގެ ޓޫރިޒަމް އެމްބެސެޑަރަކަށް ހަމަޖައްސައި ދާދި ފަހުން ވަނީ ކެމްޕެއިނެއް ވެސް ފަށައިފަ އެވެ.

ޔުނައިޓެޑާ އެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓް ދާދި ފަހުން ދެ ފަރާތް އެއްބަސްވެގެން އުވާލީ ކްލަބާއި ކޯޗު އެރިކް ޓެން ހަގް އަށް ފާޑުކިޔައި ރޮނާލްޑޯ ދިން އިންޓަވިއުގެ ސަބަބުންނެވެ. ޔުނައިޓެޑުން ވިދާލި ފޯވާޑް މިދިޔަ ސީޒަނުގައި އެ ޓީމަށް އެނބުރި އައީ ރެއާލް މެޑްރިޑާއި ޔުވެންޓަސްއާ އެކު ކާމިޔާބީ ހޯދުމަށް ފަހު އެވެ.

ޔުވެންޓަސް އަށް ފަހު ރޮނާލްޑޯ ދާން ބޭނުންވީ މެންޗެސްޓާ ސިޓީ އަށެވެ. އެކަމަކު އޭގެ ސަބަބުން ޔުނައިޓެޑުގެ ސަޕޯޓަރުންނާ އޭނާއާ އޮތް ގުޅުން ކެނޑިދާނެތީ ކުއްލި ގޮތަކަށް ޔުނައިޓެޑަށް އަލުން ބަދަލުވާން ނިންމީ އެވެ. މިދިޔަ ސީޒަނުގައި އޭނާ އެ ޓީމުގައި މޮޅު ކުޅުމެއް ވެސް ދެއްކި އެވެ. އެކަމަކު މި ސީޒަނުގައި ޔުނައިޓެޑް ޗެމްޕިއަންސް ލީގު ނުކުޅޭތީ ކްލަބް ބަދަލުކުރަން ރޮނާލްޑޯ މަސައްކަތްކުރި އެވެ. އެކަން ކާމިޔާބުނުވީ އޭނާ އަށް ދޭން ޖެހޭ މުސާރަ ބޮޑުކަމުން ބޮޑު ކްލަބަކުން ޝައުގުވެރިނުވުމުންނެވެ.

އެއާ އެކު ޔުނައިޓެޑުގައި މަޑުކުރި ނަމަވެސް، ކޯޗުގެ ޕްލޭނުގައި އޭނާ ނުހިމެނޭތީ އެކަށީގެންވާ ފުރުސަތެއް ނުލިބެ އެވެ. އެހެންވެ ރުޅިގަނޑު ފަޅައިގެން ގޮސް ކްލަބަށް ވަރަށް ބޮޑަށް ފާޑުކިޔައި އިނގިރޭސި ނޫސްވެރިޔާ ޕިއާސް މޯގަން އަށް އިންޓަވިއު ދިނީ އެވެ.

ރޮނާލްޑޯ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ގެންދަން ޕްރިމިއާ ލީގުގެ ޗެލްސީ އާއި ޖަރުމަނުގެ ބަޔާން މިއުނިކާއި އިޓަލީގެ ނަޕޯލީ އާއި ފްރާންސްގެ ޕީއެސްޖީން ޝައުގުވެރިވި ކަމަށް ރިޕޯޓްތައް ބުންޏެވެ. އެކަމަކު ރޮނާލްޑޯގެ އުމުރާ ބަލާއިރު އޭނާ އަށް ކުރަން ޖެހޭ އިންވެސްޓްމަންޓް ބޮޑުކަމުން އެއްވެސް ކްލަބަކުން ރަސްމީކޮށް އެ މަސައްކަތެއް ނުކުރާ ކަމަށްވެ އެވެ.

ރޮނާލްޑޯ ގެންދަން މަސައްކަތްކުރާ އައް ނަސްރު އަކީ ސައޫދީގެ ވެރިރަށް ރިޔާދަށް ނިސްބަތްވާ ކްލަބެވެ. އިޓަލީގެ ރޯމާގެ ކުރީގެ ކޯޗު ރުޑި ގާސިއާ ކޯޗުކޮށްދޭ އައް ނަސްރު އަކީ ސައުދީގެ އެންމެ ކާމިޔާބު ކްލަބެވެ. އެގޮތުން ސައުދީ ލީގު ނުވަ ފަހަރު، ކިންގްސް ކަޕް ހަ ފަހަރު އަދި އޭޝިއަން ކަޕްވިނާސްކަޕް އެއް ފަހަރު އެ ކްލަބުން ހޯދި އެވެ.

އެ ޓީމަށް ކުޅޭ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ވޯލްޑް ކަޕުގައި ސެނެގާލް ޓީމަށް މިހާރު ކުޅޭ ވިންސެންޓް އަބޫބަކުރު އާއި އާސެނަލްގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ ހިމެނެ އެވެ.

ވޯލްޑް ކަޕުގައި އާޖެންޓީނާ 2-1 އިން ބަލިކުރީ ސައޫދީ ގައުމީ ޓީމުގެ ހަ ކުޅުންތެރިން ނިސްބަތްވަނީ އައް ނަސްރު އަށެވެ.

ސައޫދީ ލީގަކީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ލީގެވެ. އެކަމަކު ކެރިއަރު ނިންމާލާއިރު ކުޅެން ރޮނާލްޑޯ ކުރިން ވިސްނައިގެން ހުރި އެމެރިކާގެ މޭޖާ ލީގާ ބަލާއިރު ސައޫދީ ލީގުގެ ފެންވަރު އެހާ ރަނގަޅެއް ނުވާނެ އެވެ.