30 ނޮވެމްބަރ 2022 - 14:55

ބީއެމްއެލްގައި ގިނަ ދުވަހު ހިދުމަތްކޮށްފައިވާ 68 މުވައްޒަފެއްގެ އަގުވަޒަންކޮށް އެވޯޑު ދީފި އެވެ.

ބީއެމްއެލް އިން ވަނީ 15 ،20 ،25، 30، 35 އަދި 40 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދީފަ އެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި "ލޯންގް ސާވިސް އެވޯޑު" ހަފްލާގައި ބީއެމްއެލް ހުޅުވި ދުވަހުން ފެށިގެން ހިދުމަތް ކޮށްފައިވާ މުވައްޒަފުން ކަމަށްވާ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނާއި ޑިވޮލޮޕްމަންޓު ބޭންކިން ޑައިރެކްޓަރު ފާތިމަތު މަނިކެ އާއި ސީނިއާ ފެސިލިޓީ އޮފިސަރު މޫސާ މުހައްމަދު 40 އަހަރު ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކޮށް ހާއްސަ އެވޯޑެއް ވަނީ ދީފަ އެވެ.
އަދި އެ ހަފްލާގައި 35 އަހަރު ހިދުމަތް ކޮށްފައިވާ ބީއެމްއެލްގެ ސީނިއާ ރީކޮންސިލިއޭޝަން އޮފިސަރު ފިރާގު އަހުމަދަށް ވެސް ހާއްސަ އެވޯޑެއް ދިނެވެ.
އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ އެވޯޑު ލިބުނު ހުރިހާ މުވައްޒަފުންނަށް އެ ބޭފުޅުން ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ބީއެމްއެލް އަކީ ދިވެހިންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ދީފައިވާ އެއް ކުންފުންޏެވެ. އެ ކުންފުނީގެ 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ. އެ ކުންފުނިން އަންނަނީ ވަޒީފާ ދިނުމާއި ތަމްރީނު ހޯދައިދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށްބަދަލުތަކެއް ގެންނަމުންނެވެ. ބެންކުން މުވައްޒަފުންގެ އަގު ވަޒަންކުރުމަށް އެކި އެވޯޑުތައް އަންނަނީ ދެމުންނެވެ.