ރާއްޖޭގެ އެންމެ ދޮށީ މެރެތަން ދުވުންތެރިޔާ އަށް ސްޓްރޯކެއް ޖެހިއްޖެ
ރާއްޖޭގެ އެންމެ ދޮށީ މެރެތަން ދުވުންތެރިޔާ އަށް ސްޓްރޯކެއް ޖެހިއްޖެ

ރާއްޖޭގެ އެންމެ އުމުރުން ދުވަސްވީ އެއް ދުވުންތެރިޔާ އަބްދުއްރަޝީދު (އަބްސީބެ) އަށް ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގައި ފަރުވާ ދެމުން އެބަދެ އެވެ.

ރާއްޖޭގެ އެންމެ ދޮށީ މެރެތަން ދުވުންތެރިޔާ އަށް ސްޓްރޯކެއް ޖެހިއްޖެ
ރާއްޖޭގެ އެންމެ ދޮށީ މެރެތަން ދުވުންތެރިޔާ އަށް ސްޓްރޯކެއް ޖެހިއްޖެ

އޭނާ އަށް ސްޓްރޯކެއް ޖެހުނީ ހޯމަ ދުވަހުގެރޭ މެންދަމު ވޯލްޑް ކަޕުގެ މެޗެއް ޓީވީން ބަލަން ހުއްޓަ އެވެ.

އުމުރުން 63 އަހަރުގެ އަބްސީބެގެ ގާތް މީހަކު ބުނި ގޮތުގައި އައިސީޔޫ ގައި ފަރުވާ ދިނަސް އޭނާ މިހާރު އޮތީ ސްޓޭބަލްކޮށެވެ. އަދި ސްޓްރޯކުގެ ސަބަބުން މާބޮޑު ޑެމޭޖްތަކެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

"އެންމެންގެ ހެޔޮ ދުއާއާ އެކު މިހާރު ކުރިއަށް ވުރެ އަބްސީބެގެ ހާލު ވަރަށް ބޮޑުތަނުން ރަނގަޅު،" އޭނާގެ އެކުވެރިޔަކު ފޭސްބުކުގައި ލިޔުނެވެ.

އަބްސީބެ އަކީ މެރެތަން ރޭހެއް ފުރިހަމަ ކުރި ރާއްޖޭގެ އެންމެ އުމުރުން ދުވަސްވީ އެއް ދުވުންތެރިޔާ އެވެ. އަދި މެރެތަން ރޭހަކުން އެންމެ ރަނގަޅު ޓައިމިންއެއް ހޯދި އެންމެ އުމުރުން ދުވަސްވީ ދިވެހި ދުވުންތެރިޔަކީ ވެސް އޭނާ އެވެ.

އަބްސީބެ މެރެތަން ފުރިހަމަކުރީ 2020 ވަނަ އަހަރު ދުބާއީ މެރެތަންގައި 4 ގަޑި 7:50 މިނެޓުންނެވެ. އެއީ އެ އުމުރުގައި ދިވެއްސަކު މިހާތަނަށް ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ. ޖުމްލަ 42 ކިލޯމީޓަރު (މާލެ ވަށައި ނަމަ އަށް ބުރު) ޖަހަން ޖެހޭ މި ރޭސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމާލުމަކީ ގަވާއިދުން ދުވާ ޒުވާނުންނަށް ވެސް ކުރަން އުނދަގޫ ކަމެކެވެ.

އަބްސީބެ އެންމެ ފުރަތަމަ މެރެތަން ރޭހެއް ދުވަން ޝައުގުވެރިކަން އުފެދި ނުވަދިހައިގެ ކުރީކޮޅު މާލޭގައި ބޭއްވި ރޭހަށް ނުކުތީ އެއްވެސް ތަމްރީނެއް ނެތި، މިއީ ކިހިނެއް ދުވަންޖެހޭ އެއްޗެއް ކަމެއް ވެސް ނޭގި އެވެ. އެހެންވެ، އޭރު ގައުމީ ފެންވަރުގެ ދުވުންތެރިންނާއި ސިފައިން ހަމައެކަނި ބައިވެރިވާ އެ ރޭސް ފަށައިގެން މާ ބާރަށް ދުއްްވައިގަތުމުން ކުރިއަށް ނުދެވި ހުއްޓާލަން ޖެހުނީ އެވެ.

އޭގެ ފަހުން މިދިޔަ ތިރީހަކަށް އަހަރު އޭނާ ދުވަމުން ދިޔައީ އެކަނިމާއެކަނި، ކަސްރަތަށެވެ. އަބްސީބެގެ ނަސީބު އަތުގައި ހިފީ ދުވާ ސާމާނު ވިއްކާ ފިހާރަ "ދި މެރެތަން ޝޮޕް" ގެ ވެރިންނަށް އޭނާ ފާހަގަކުރެވުމުންނެވެ. އެ އުމުރުގައި ކުރާ ހިތްވަރުގެ އަގުވަޒަންކޮށް އެ ފިހާރައިން އަބްސީބެގެ ކިޓާއި ޓްރެއިނިން ސްޕޮންސާކުރީ އެވެ. އަދި އޭނާ އަށް ތަމްރީން ގައުމީ މިޑްލް ޑިސްޓެންސް ކޯޗެއް ކަމަށްވާ އަބްދުﷲ އިބްރާހިމް (އަބުޅޯ) ހަމަޖައްސައިދީނީ އެވެ.

އަބުޅޯގެ ތަމްރީންތަކާ އެކު އަބްސީބެ ހާފް މެރެތަން އަދި 10 ކިލޯމީޓަރު ރޭސްތަކުގައި ވާދަކޮށް ޓައިމިން ރަނގަޅުކުރި އެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ފުވައްމުލަކުގައި ބޭއްވި މޯލްޑިވްސް ފުވައްމުލައް މެރެތަންގައި ހާފް މެރެތަން ރޭސް 1 ގަޑި 59 މިނެޓުން ނިންމައި ޖުމްލަ 30 ދުވުންތެރިންގެ ތެރެއިން ހަތަރު ވަނަ ހޯދައިފަ އެވެ. އެއީ ވެސް އޭނާގެ އުމުރާ ބަލާއިރު ވަރަށް ރަނގަޅު ޓައިމިން އެކެވެ.

އަބްސީބެ މިހާރު ތަމްރީން ހަދަނީ އަމިއްލަ އަށެވެ. ކޮންމެ ދުވަހަކު ވެސް ހުޅުމާލޭގައި އޭނާ ދުވެ އެވެ.