12 ޖެނުއަރީ 2017 - 12:10

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކަށް ދައްކަން ޖެހޭ ބޮޑު ޑައުންޕޭމަންޓަށް ލުއި ގޮތެއް ހަދައިދިނުމަށް އެދި، ފްލެޓް ލިބުނު ބައެއް މީހުން ނައިބު ރައީސް އަބްދުﷲ ޖިހާދާ އިއްޔެ ބައްދަލުކޮށްފި އެވެ.
ވެށިފަހި ޕްރޮޖެކްޓުގެ ދަށުން މީގެ ފަސް އަހަރު ކުރިން ލިބުނު އެ ފްލެޓްތައް އެ މީހުންނަށް މިލްކު ކުުރެވެން ލޯނެއް ނެގެން އޮތީ 400،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކައިގެންނެވެ. މި މަހުގެ 26ގެ ކުރިން ލޯނު ނަގަން ޖެހޭއިރު، ޑައުންޕޭމަންޓް ބޮޑުކަމުން މިހާތަނަށް އައިއިރު އެ ލޯނު ނެގުނީ މަދު ބަޔަކަށެވެ.
ފްލެޓް ލިބުނު މީހުން އިއްޔެ ނައިބު ރައީސާ ބައްދަލު ކުރި ނަމަވެސް މަޝްވަރާ ކުރި ކަންތައްތަކެއް ނޭނގެ އެވެ.
އެ މީހުން މީގެ ކުރިން ވަނީ ހައުސިން މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް ވެރިންނާ ވެސް އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށް، އެކަމަށް ލުއި ގޮތަށް ހޯދައިދިނުމަށް އެދިފަ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ވަނީ، ހައުސިން މިނިސްޓްރީ އާއި އެޗްޑީސީގެ އިތުރުން ރައީސް އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އެ މީހުންގެ ކަންބޮޑުންތަކާ ގުޅޭގޮތުން ޕެޓިޝަނެއް ހުށަހަޅާފަ އެވެ.
އެކަމަކު އެއިން އެއްވެސް އިދާރާއަކުން އެދެވޭ ޖަވާބެއް ދީފައެއް ނުވެ އެވެ.
ފްލެޓެއްގެ އަގު ކަމަށް ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ ދެ މިލިއަން ރުފިޔާ އެވެ. މިއީ ފްލެޓް ލިބުނު މީހުންނަށް ކުރިން ކަނޑައެޅި ޝަރުތުތަކަށް ވުރެ މާ ބޮޑު، އިޖުތިމާއީ ބޯހިޔާވަހިކަމުގެ އުސޫލުތަކާ ވެސް ޚިލާފު އަގެއް ކަމަށް އެ މީހުން ދެކެ އެވެ.
ގެދޮރު ގަންނަން ބޭންކުތަކުން ލޯނު ދޭ އާންމު އުސޫލުން ލޯނު ލިބެން އެބަ އޮތެވެ. އެކަމަކު 20 ޕަސެންޓްގެ ޑައުންޕޭމަންޓް ކަމަށްވާ 400،000ރ. ދެއްކޭނެ ގޮތެއް އަދި ދެ މިލިއަން ރުފިޔާގެ ލޯނަކަށް ޝަރުތު ހަމަވާ އާމްދަނީއެއް، ފްލެޓް ލިބުނު ގިނަ މީހުންގެ ނެތެވެ.
ފްލެޓަށް ދޫކުރާ ދެ މިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާ އިރު އިންޓްރެސްޓާ އެކު ގާތްގަނޑަކަށް 3.4 މިލިއަން ރުފިޔާ ޖެހެ އެވެ.