29 ނޮވެމްބަރ 2022 - 21:57

ވޯލްޑް ކަޕުގައި ރޭ އުރުގުއޭ އަތުން 2-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި، ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ ގޯލަށް ވަންއިރު އެ ޓީމުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮލުގައި ނުޖެހޭ ކަމަށް މުބާރާތުގެ އޮފިޝަލް ބޯޅަ، "އަލް ރިހްލާ" ގައި ހިމެނޭ އެޑިޑާސްގެ ޓެކްނޮލޮޖީ އިން ހާމަވެއްޖެ އެވެ.

މެޗުގެ 54 ވަނަ މިނިޓުގައި ފެނާންޑޭޒް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ވަދެގެން ލީޑު ލިބުނު އިރު، އެ ބޯޅަ ބޮލުން ޖަހަން އެރި ރޮނާލްޑޯ، އެއީ އޭނާގެ ގޯލެއް ކަމަށް ބަލައި ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ. މެޗް އޮފިޝަލުންނަށް ވެސް އެންމެ ފުރަތަމަ ގަބޫލު ކުރެވުނީ އެއީ ރޮނާލްޑޯގެ ލަނޑެއްގެ ގޮތުގަ އެވެ.

އެހެން ނަމަވެސް ފަހުން ފީފާ އިން ވަނީ ފެނާންޑޭޒް ނެގި ބޯޅަ ގޯލަށް ވަނީ ރޮނާލްޑޯ ބޮލުގައި ނުޖެހި ކަމަށް ނިންމައިފަ އެވެ. އަދި ބޯޅައިގެ ތެރޭގައި ވާ ސެންސަރު މެދުވެރިކޮށް އެޑިޑާސް އިން ވަނީ އެ ބޯޅަ ރޮނާލްޑޯގެ ބޮލުގައި ނުޖެހޭ ކަން ޔަގީން ވެސް ކޮށްދީފަ އެވެ.
"އެޑިޑާސްގެ އަލް ރިހްލާ މެޗް ބޯޅައިގައި ވާ ކަނެކްޓެޑް ބޯލް ޓެކްނޮލޮޖީ އިން ޔަގީން ކަމާ އެކު ދައްކުވައިދެނީ މެޗުގެ ފުރަތަމަ ގޯލުގައި ބޯޅަ އާއި ރޮނާލްޑޯގެ ކޮންޓެކްޓެއް ނެތްކަން،" އެޑިޑާސްގެ ފަރާތުން ފީފާ މެދުވެރިކޮށް އެމެރިކާގެ އީއެސްޕީއެން ނޫހަށް ދިން ބަޔާނެއްގައި ބުނެފައިވެ އެވެ.
"ބޯޅައިގައި އިތުރު އެކްސްޓާނަލް ފޯސް އެއް އިން ކަމަށް އަހަރެމެން ބެލި ބެލުމުން ނުދައްކާ. ބޯޅައިގައި ވާ 500 ހާޓްޒް ގެ އައިއެމްޔޫ ސެންސަރުގެ ސަބަބުން އެންމެ އެކިއުރޭޓް ކޮށް އަހަރެމެންގެ އެނަލިސިސް ތައް ކުރެވޭ."
މެޗު ބޯޅައިގައި ވާ ޓެކްނޮލޮޖީގެ ސަބަބުން މެޗު ކުޅެމުން ދާ ވަގުތު، މެޗް އޮފިޝަލުންނަށް ވަގުތުން ރިއަލް ޓައިމް ޑޭޓާ ފޯރުކޮށްދޭނެ އެވެ. އޭގައިވާ ސެންސަރުގެ ސަބަބުން ކުޅުންތެރިންގެ ކޮންމެ ޓަޗެއް ވެސް ދެނެގަންނާނެ އެވެ. އަދި އޮފްސައިޑް ހާލަތްތަކާއި ޔަގީން ނުވާ ކޮންޓެކްޓްތައް ވެސް ބޯޅައިގެ ޓެކްނޮލޮޖީ އިން ދެނެގަނެވޭނެ އެވެ. މީގެ ސަބަބުން ވީއޭއާރު ރިވިއު ތަކުގެ ނިންމުން ވެސް އަވަސް ވެފައި ސައްހަ ވާނެކަން މި އަހަރުގެ ކުރީކޮޅު އެޑިޑާސް އިން ނެރުނު ބަޔާނުގައި ވެއެވެ.
ފެނާންޑޭޒް ނެގި ހުރަސް ރޮނާލްޑޯގެ ބޮލުގައި ކޮންމެވެސް ވަރަކަށް ކޭއްތިލައިފައި ގޯލަށް ވަން ކަމަށް ބެލެވުނު ނަމަވެސް ޓީވީ ރިޕްލައިތަކުން ފެންނަ ގޮތުގައި އެ ބޯޅަ ގޯލަށް ވަނީ ރޮނާލްޑޯގެ ބޮލުގައި ނުޖެހި، އެއްވެސް ވަރަކަށް އޭގެ މިސްރާބު ބަދަލު ނުވެ އެވެ.
ޕޯޗުގަލް އަށް ލީޑު ލިބުމާ އެކު ރޮނާލްޑޯ ވަނީ އެއީ އޭނާ ވޯލްޑް ކަޕް މުބާރާތުގައި ކާމިޔާބު ކުރި ނުވަ ވަނަ ގޯލު ކަމަށް ބަލައި ވަރަށް ބޮޑަށް އުފާފާޅު ކޮށްފަ އެވެ. އަދި މެޗަށް ފަހު ވެސް ރެފްރީން ގާތުގައި އޭނާގެ ބޮލުގައި ބޯޅަ ޖެހުނު ކަމަށް ދައްކަން އުޅުނު ތަން ވީޑިއޯއިން ފެނެ އެވެ. މި ވީޑިއޯ ސޯޝަލް މީޑީއާގައި އާއްމުވެ، އޭނާއަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒު ވިއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ފެނާންޑޭޒް މީޑީއާއާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ގޯލު ޖެހީ ކާކުކަން އޭނާ އަށް ޔަގީން ނުވާ ކަމަށެވެ. އަދި ރޮނާލްޑޯ އަށް ނަގައިދިން ބޯޅައަކަށް ވެފައި ބޯޅަ ގޯލަށް ވަނުމުން އުފާފާޅުކުރީ އެއީ ރޮނާލްޑޯގެ ގޯލެއް ކަމަށް ހީކޮށް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"އަހަރެން އުފާފާޅުކުރީ އެއީ ކްރިސްޓިއާނޯގެ ގޯލެއް ކަމަށް ހީކޮށް. އަހަރެންނަށް ހީވީ އެ ބޯޅަ ގޯލަށް ވަނީ ރޮނާލްޑޯގެ ބޮލުގައި ޖެހިފައި ކަމަށް. އަހަރެން އެ ހުރަސް ނަގައިދިނީ އޭނާ އަށް،" ފެނާންޑޭޒް ބުންޏެވެ.
"ކޮންމެ ކުޅުންތެރިއެއްގެ ގޯލެއް ވިއަސް އަހަރެމެން މިތިބީ ޓީމު މޮޅުވުމުން އެކަމާ ވަރަށް އުފަލުން. އެންމެ މުހިއްމު ކަމަކީ އަހަރެމެންގެ މަގްސަދު ހާސިލްވުން. އެއީ ދެވަނަ ބުރުގެ ޖާގައެއް ހޯދުން."
އެއީ ފެނާންޑޭޒްގެ ގޯލެއް ކަމަށް ވިއަސް، ރޮނާލްޑޯގެ ހަރަކާތާ ނުލައި އެ ބޯޅަ ގޯލަށް ނުވަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެއީ އުރުގުއޭގެ ގޯލް ކީޕަރު ސާޖިއޯ ރޮޗޭ އަށް އެ ބޯޅައިގެ ވާނުވާ އޮޅިފައި ހުއްޓުން އަރައިފައި ހުރެވުނީ ރޮނާލްޑޯ ބޯޅައަށް ހަރަކާތް ކުރުމުން ކަމަށް ވާތީ އެވެ.
ފުރަތަމަ ދެ މެޗް ކާމިޔާބު ކޮށްގެން ޕޯޗުގަލް ވަނީ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ. ގުރޫޕްގެ އެއް ވަނަ ހޯދަން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމު ނުކުންނާނީ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.