12 ޖެނުއަރީ 2017 - 12:52

މިދިޔަ އަހަރު ވެސް ވެލެންސިއާ އަށް ކުޅުނު ނައިޖީރިއާގެ ޗިންކީ ކަކާ އާއި ނިއު ރޭޑިއަންޓަށް ކުޅުނު ޒުވާން ފޯވާޑް މުހައްމަދު މުސްލިހު (މުއްޓި) ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

ކަކާ އަކީ ކުރިން ވިކްޓަރީ އަށް ކުޅުނު ކުޅުންތެރިޔެކެވެ. މިދިޔަ ސީޒަނުގައި ވެލެންސިއާގެ ގިނަ މެޗުތަކުގައި އޭނާ ވަނީ ކުޅެފަ އެވެ. އަދި ވެލެންސިއާ އިން އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދިއިރު، ކަކާގެ ދައުރު ބޮޑެވެ.
އީގަލްސް އަށް ކުރިން ކުޅުނު މުއްޓި މިދިޔަ އަހަރު ނިއުގެ ފުރަތަމަ އެގާރައިން ބައެއް މެޗުތަކުގައި ޖާގަ ހޯދި ނަމަވެސް ގިނަ މެޗުތަކުގައި އޭނާ ފެނުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ސީޒަންގެ ކުރީކޮޅުފައި ފޯމު ގެއްލިފައި ހުރި ނަމަވެސް ސީޒަންގެ ފަހު ބައިގައި އޭނާގެ ކުޅުން ރަނގަޅުކުރި އެވެ.
މި މަހު 31 ވަނަ ދުވަހު އޭއެފްސީ ޕްލިމިނަރީ ބުރަށް ތައްޔާރުވުމުގެ ގޮތުން ވެލެންސިއާ އިން ވަނީ މިހާރު ޕްރެކްޓިސް ފަށާފަ އެވެ. އެ ޓީމުގެ ހެޑް ކޯޗަކީ މުހައްމަދު އިގުބާލް އެވެ. އަދި އޭނާއާ އެކު ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކުރީގެ ކެޕްޓަން އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ.
ވެލެންސިއާ އިން މި ސީޒަނަށް ގެނައި ކުޅުންތެރިންގެ ތެރޭގައި ވިކްޓަރީ އަށް މިދިޔަ ސީޒަނުގައި ކުޅުނު މުހައްމަދު ތަސްނީމް (ތައްތި) އާއި ގޯލްކީޕަރު ތޮލާލް ހަސަން އަދި ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ ގޮޑްފްރޭ ވެސްޓް ހިމެނެ އެވެ. އަދި ބީޖީ އަށް މިދިޔަ އަހަރު ކުޅުނު އިބްރާހިމް ޝިޔާމް (ދޮނާ) އާއި އިބްރާހިމް ހަމްދާން ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.
ވެލެންސިއާ އިން އަންނަނީ އިތުރު ބިދޭސީ ކުޅުންތެރިންނަށް ވެސް ފާރަލަމުންނެވެ. ނަމަވެސް މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންޖެލް މުނޯޒް މި ފަހަރު ނުގެންނަން އެ ޓީމުން ވަނީ ނިންމައިފަ އެވެ.
ވެލެންސިއާ ދޫކޮށްދިޔަ ކުޅުންތެރިންނަށް ބަލާއިރު ވިކްޓަރީ އަށް ބަދަލުވި ހަސަން އަދުހަމް (ސަޑޭ) އާއި ނިއު ރޭޑިއަންޓަށް ސޮއިކުރި އަކުރަމް އަބްދުލް ގަނީ (އަކޫ) ހިމެނެ އެވެ. މީގެ އިތުރުން މުހައްމަދު އާރިފް (ބަކާ) ވެސް އެ ޓީމު ދޫކޮށްލާނެކަން ވަނީ ޔަގީންވެފަ އެވެ.
އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ވެލެންސިއާ ކުޅޭ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހު 31 ވަނަ ދުވަހު ރަށުން ބޭރުގައި ބޫޓާންގެ ތިމްޕޫއާ އެވެ. މާލޭގައި ދެ ވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ މަހު 7 ވަނަ ދުވަހު އެވެ. އެ މެޗުން މޮޅުވެއްޖެނަމަ ވެލެންސިއާ ދާނީ ޕްލޭ އޮފް ބުރަށެވެ. ޕްލޭ އޮފްގައި ވެލެންސިއާ ކުޅޭނީ މޯހަން ބަގާން އާއި ކޮލަމްބޯ ކުޅެ މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފް އޮންނާނީ ފެބްރުއަރީ 21 އަދި 28 ގަ އެވެ.