30 ނޮވެމްބަރ 2022 - 06:54

ރާއްޖޭގެ މަސްވެރިކަމުގެ ކުރިމަގަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ؛ އެ ކުރިމަގު އަދި ދައްކަނީ އެހާ ފަހިކޮށް ނޫން ކަމެވެ.

އެކަމަކު މަސްވެރިކަމުގެ ސިނާއަތުގެ އުންމީދެއް ނެތަސް އެއް ކަމެއް ރަނގަޅަށް ވަމުން ދެ އެވެ. އެއީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އާންމުން އެއަށް ކުރާ އިންވެސްޓްމަންޓްތައް ވަރުގަދަވުމެވެ. ބޮޑެތި ޒަމާނީ ދޯނިފަހަރު، އެންމެ ފަހުގެ ސާމާނާ އެކު ކަނޑަށް އެބަ ނުކުމެ އެވެ. އަނެއްކޮޅުން ފެންނަނީ އަމިއްލަ ކުންފުނިތައް މަޑުމަޑުން މި ވިޔަފާރީގައި ހިންދެމިލާ މަންޒަރެވެ.

އޭގެ ދެކޮޅު ދިމާނުވަނީ ސަރުކާރުގެ މަސްކުންފުނި، މިފްކޯ އަށެވެ. އިންވެސްޓްމަންޓް އިތުރެއް ނުވެ އެވެ. މަސްގަތުން ފުޅަލެއް ނުކުރެވެ އެވެ. ކުންފުންޏަކަށް ފައިދާއެއް ނުވެ އެވެ. ނުވިތާކަށް، ކުންފުނި އޮންނަނީ އަބަދުވެސް މަސްވެރިންގެ ޑިމާންޑްތަކާ އެއްވަރަށް ފައި ހަމަނުކުރެވޭ ހިސާބުގަ އެވެ.

ސަރުކާރުގެ ސިޔާސަތުތައް މިހާތަނަށް ރާވަމުން އައި ގޮތުން، މިފްކޯ އަކީ މަސްވެރިކަމުގެ ކުރިމަގެވެ. އެ ކުންފުނި އެގޮތަށް އޮންނަހާ ހިނދަކު މަސްވެރިކަމަށް ވެސް އިތުރު ދިރުމެއް ނެތެވެ. މަސްވެރިކަމުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިސް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މަސްވެރިކަމުގެ ކުރިމަގު ބަދަލުކޮށްލަން ބޭނުން ނަމަ އޮތީ ދެގޮތެކެވެ؛ އެއްގޮތަކީ ސަރުކާރުން މަސްގަތުން ހުއްޓާލުމެވެ. އަނެއްގޮތަކީ މިފްކޯ، އަމިއްލަ އިހުތިޔާރުގައި ކުރިއަށް ދާން ދޫކޮށްލުމެވެ.

މިފްކޯ އަކީ، ދައުލަތުގެ މަސް ކުންފުންޏެވެ. އެތައް އަހަރެއް ކުރިން ސަރުކާރުން ގަބޫލުކުރަމުން އައީ މަސްވެރިންނަކީ އެންމެ އާދައިގެ ދިރިއުޅުމެއް އުޅޭ ބަޔަކަށް ވާތީ، މަސްވެރިކަމުން އެކަށީގެންވާ އާމްދަނީއެއް މަސްވެރިކަމުން އެ މީހުންނަށް ލިބެން ޖެހޭ ކަމަށެވެ. އެހެންވެ، ބާނާ ހުރިހާ މަހެއް ދައުލަތުން ގަންނަން ޖެހޭ އުސޫލު އަދިވެސް ބަދަލެއް ނުވެ އެވެ. އެކަމަކު، މަސްވެރިކަން ބަދަލުވެ، އެ ވިސްނުން މިހާރު އޮތީ ދޫކޮށްލަން ޖެހިފަ އެވެ. މަސްވެރިކަމަކީ ވެސް މިހާރު ވިޔަފާރިއެކެވެ. އެހެން ވިޔަފާރިތަކެކޭ އެއްގޮތަށް މި ވިޔަފާރީގައި ވެސް ވާދަވެރިކަން އޮންނަން ޖެހެ އެވެ.
ސަބްސިޑީ ދީގެން، އޭގެ ބަދަލުގައި ސަރުކާރުން ކަނޑައަޅާ އަގެއްގައި މަސް ގަންނަން މިފްކޯ އަށް މަޖުބޫރުކުރުވުމަކީ މިފްކޯ އަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އެވެ. އަދި، ދައުލަތުން ސީދާކޮށް މިފްކޯގެ ބޮލުގައި އަޅުވާފައި އޮތް އިޖުތިމާއީ "ޒިންމާ" އަދާކުރަން ޖެހުމަކީ އެ ކުންފުނި ކުރިއަށް ދާން އެޅިފައިވާ އެންމެ ބޮޑު ހުރަސް ވެސް މެ އެވެ. އެކަން އެންމެ ބޮޑަށް އެނގެނީ އެ ކުންފުނީގެ ވޭތުވެދިޔަ ހަ އަހަރުގެ މާލީ ތަފާސްހިސާބުތަކުންނެވެ.
އޮޑިޓް އޮފީހުން މިދިޔަ މަހުގެ ތެރޭގައި އާންމުކުރި، މިފްކޯގެ ވޭތުވެދިޔަ ހަ އަހަރުގެ ތަފާސްހިސާބުތަކުން ވަަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ކުރު ހުލާސާ އަކީ، ސަރުކާރުން ކިތަންމެ ވަރަކަށް ފައިސާ އޮއްސިޔަސް، މިފްކޯ އަކީ ސަލާމަތް ވާން އޮތް ތަނެއް ނޫން ކަމެވެ.
އޮޑިޓް ރިޕޯޓްގައި ހުރި ބައެއް ކަންބޮޑުވުންތަކަކީ މި އެވެ؛
- 2016-2021 އަށް މިފްކޯ އަށް ލިބިފައިވާ އާމްދަނީ އަކީ 6.9 ބިލިއަން ރުފިޔާ. އެކަމަކު ހަރަދަކީ 7.1 ބިލިއަން ރުފިޔާ. މާނައަކީ 250 މިލިއަން ރުފިޔާ ގެއްލުންވެފައި ވުން.
- މިދިޔަ އަހަރުގެ ނިޔަލަށް މިފްކޯ އަށް ލިބިފައިވާ މާލީ ގެއްލުމުގެ އަގު 1.3 ބިލިއަން ރުފިޔާ އަށް އަރާ. އަދި ދަރަނީގެ އަދަދު 1.9 ބިލިއަން ރުފިޔާ އަށް އަރާ. އެއީ އެ ކުންފުނީގެ ހަރުމުދަލަށް ވުރެ 955 މިލިއަން ރުފިޔާ އިތުރު އަދަދެއް. މާނައަކީ، ކުންފުނި އޮތީ ބަނގުރޫޓުވެފައި ކަން.
- މިފްކޯ އަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި 701 މިލިއަން ރުފިޔާ ސަރުކާރުން ސަބްސިޑީ ދީފައިވާކަން. އެއީ ސަރުކާރުން ކަނޑައަޅާ ވަކި އަގެއްގައި މަސްގަތުމަށްޓަކައި. އެކަމަކު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެއީ ސާފު ގެއްލުމުގެ 65 ޕަސެންޓް ފައިސާ.
- ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި މިފްކޯ އިން ބޭރުކުރި 394 މަސް ޝިޕްމަންޓްގައި ހިމެނޭ މަސް، ކޮލިޓީ އާއި ސައިޒް ތަފާތުވެގެން 290 މިލިއަން ރުފިޔާ ގެއްލުން ވެފައިވާކަން. އަދި، އެއީ އަހަރަކަށް އެވްރެޖްކޮށް 48 މިލިއަން ރުފިޔާގެ ގެއްލުންކަން. އެހެން އެ ދިމާވާ އެއް ސަބަބަކީ، ބެލެވޭ ގޮތުގައި މަސްވެރިން ބާނާ ހުރިހާ މަހެއް ގަންނަން މިފްކޯ އަށް މަޖުބޫރުވެފައި އޮތުން ކަމަށް ބެލެވޭ.
މިފްކޯގެ މެނެޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި މިކަން މިފްކޯ އިން ކުރަން ބޭނުން ނަމަ އެހެން ކުންފުނިތަކެކޭ އެއްގޮތަށް މިފްކޯ އަށް ވެސް މާކެޓް ޕްރައިސްގައި މަސް ގަތުމުގެ ފުރުސަތު ލިބުން މުހިންމެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ސަބްސިޑީ ދޭތީ، އޭގެ ބަދަލުގައި ބާނާ ހުރިހާ މަހެއް ގަންނަން ޖެހޭ އުސޫލަކީ އެންމެ ރަނގަޅު އުސޫލު ނޫން ކަމަށެވެ.
"މިފްކޯ އަކީ ކުރިމަގު އޮތް ތަނެއް. އެކަމަކު ސިޔާސަތަށް ބަދަލުތަކެއް ގެނެސް، އިންވެސްޓްމަންޓްތަކެއް ކުރެވިގެން މިކަން ވާނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ދެއްވި އެއް ހިޔާލަކީ، އެހެން ސަބްސިޑީތަކެކޭ ވެސް އެއްގޮތަށް މަސްވެރިކަމުގެ ސަބްސިޑީ ވެސް އެ ބޭނުންވާ މީހާ އަށް ސީދާ ދެވޭނެ ގޮތެއް ހެދުމެވެ.
"ސަބްސިޑީ ދޭ ނަމަ މަސްވެރިޔާ އަށް ސީދާ ދޭންވީ ނޫން. މިފްކޯ އިން މަސް ކިރާފައި އޮންނަ ބިލެއް އޮންނާނެ. އެ ބިލް ހިފައިގެން ދިޔައީމަ, މިސާލަކަށް ކިލޯއަކަށް އިތުރަށް ދެ ރުފިޔާ ދެންޏާ ސީދާ މަސްވެރިޔާ އަށް ދޭންވީ. އޭރުން މިފްކޯ އިން ގަންނާނެ މާކެޓް ރޭޓުގައި،" އޭނާ ވިދާޅުވި އެވެ.
"އެގޮތަށް ސަބްސިޑީ ދޭނަމަ އެއީ މިފްކޯ އަށް ދޭ އެއްޗަކަށް ނުވާނެ. އޭރުން ސަރުކާރަކަށް މަޖުބޫރެއް ނުވާނެ ވަކި އަގުތަކެއްގައި މިފްކޯ އިން މަސް ގަންނާކަށް."
އޭނާ ވިދާޅުވި ގޮތުގައި ފިކްސްޑް ރޭޓްތަކެއްގައި މަސް ގަންނަން ޖެހުމާއި، ބާނާ ހުރިހާ މަހެއްހެން ގަންނަން ޖެހުމަކީ މިފްކޯ އަށް ދިމާވެފައި އޮތް އެންމެ ބޮޑު ހުރަހެވެ. އެއް ސަބަބަކީ، މަހުގެ އަގުތައް އިރުއިރުކޮޅާ ބަދަލުވުމެވެ.
"އަޅުގަނޑުމެންގެ ނުހުރޭ ހޯލްޑިން ކެޕޭސިޓީއެއް. ގަނެފައި ބެހެއްޓޭނެ ގޮތެއް. ކޮންމެ އަގެއްގައި ވިކުނަސް އެ ޖެހޭނީ ފޮނުވާލަން،" އޭނާ ވިދާޅުވި އެވެ.
މިފްކޯ އަކީ 1600އެއްހާ މުވައްޒަފުންނާ އެކު ރާއްޖޭގެ ތިން ސަރަހައްދަކުން މަސް ގަންނަ ކުންފުންޏެކެވެ. ހިންގުމުގެ ހަރަދު ވެސް އެހާ ބޮޑެވެ. އަނެއްކޮޅުން ބާނާ މަސް އެ ބަޔަކު ތިބި ތަނަކަށް ގޮސްގެން ވަކި އަގެއްގައި ގަންނަން ޖެހޭއިރު ވެސް، ފައުޒީ ވިދާޅުވީ ޕްރައިވެޓް ސެކްޓަރަށް "މިފްކޯ އަށް ވުރެ ވަކި ރަނގަޅު އަގެއް ނުދެވޭ" ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ރަނގަޅު ޕްލޭންތަކަކާ އެކު ކުރިއަށް ދިޔައީމަ ރަނގަޅުވާނެ. އެބަހުރި ގޮންޖެހުންތައް. އެކަމަކު އެ ގޮންޖެހުންތަކުން އަރައިގަނެގެން ކުރިއަށް ދެވިދާނެ،" އޭނާ ވިދާޅުވި އެވެ.
މަސްވެރިކަމަށް ސަރުކާރުން މިހާރު އަންނަނީ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. އޭގެ އެއް ފިޔަވަހި ރާވާފައި އޮތީ ފެލިވަރުގެ ކޭނިން ފެކްޓަރީ ބޮޑުކުރުމެވެ. އޭރުން މިހާރު އުފައްދާ މަހުގެ ދެ ގުނަ އިތުރުވާނެ އެވެ.
"ދެން އޭގެ އިތުރުން ދެކުނުގެ ތަރައްގީ އަށް މި އަންނަނީ ސައުދީ ފަންޑުގެ ޕްރޮޖެކްޓް. އޭގެ ތެރޭގައި ކޫއްޑޫގެ ބަނދަރު ބޮޑުކުރުމާއި ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް އިތުރު 4000 ޓަނަށް ގެނައުން. އޭރުން 6000 ޓަނަށް ކެޕޭސިޓީ އިތުރުކުރެވޭނެ،" ފައުޒީ ވިދާޅުވި އެވެ.
"ސައުދީ ފަންޑުން އިތުރަށް މި ތަރައްގީ ކުރަނީ ތިނަދޫގައި 100 ޓަނުގެ ބްރައިން ފްރީޒިން އާއި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖް. މީގެ އިތުރުން މ. މުލަކުގައި 100 ޓަނުގެ ބްރައިން ފްރީިން އާއި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް. މީގެ އިތުރުން ކަނޑުއޮތްގިރި ވެސް މި ޒަމާނާ އެއްގޮތަށް ޕެކިން ފެސިލިޓީއެއްގެ ގޮތަށް އެތަން އިތުރަށް ތަރައްގީ ކުރަން ނިންމާފައި އޮތީ. އައްޑޫގައި ވެސް ބަނދަރުގެ ދަތިކަން ހައްލުކުރަން މަސައްކަތް އެބަކުރޭ."
މި ހުރިހާ މަޝްރޫއެއް ނިމުމުން، މަސްވެރިކަމަށް މި ވަގުތަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ފައުޒީ ވިދާޅުވި އެވެ.
"މީގައި މުހިންމީ މަސް ގަނެގެން އޭގެ ރޯމެޓީރިއަލް ބޭރުނުކޮށް އުފެއްދުންތައް ރާއްޖޭގައި އުފައްދައިގެން ބޭރުކުރުން. އެކަން ކުރެވޭނީ އަޅުގަނޑުމެންގެ ހޯލްޑިން ކެޕޭސިޓީ އިތުރުކޮށްގެން. މިވީ ހުރިހާ ދުވަހަކު މަސްވެރިކަމަށް އަޅުގަނޑުމެން މިކަހަލަ އިންވެސްޓްމަންޓްތައް ނުގެނެސް ތިބީމަ މިހާރު މި އަންނަ ޝަކުވާތައް މި އަންނަނީ،" ފައުޒީ ވިދާޅުވި އެވެ.
ސިޔާސަތަށް ގެންނަ ބަދަލާއި، އިންވެސްޓްމަންޓްތަކަށް ގެންނަ ބަދަލުތަކާ އެކު މިފްކޯ އަށް އަދިވެސް ފުރުސަތު އޮތް ކަމަށް ފައުޒީ ވިދާޅުވި އެވެ.
"ރައްޔިތުން އެބަ މި ސިނާއަތަށް ވަރަށް ބޮޑު އިންވެސްޓެއް ކުރޭ. އެއާ އެއްވަރަށް ސަރުކާރުން މި ހުރިހާ ދުވަހަކު ނެތް އިންވެސްޓް ކޮށްފައެއް. މިސާލަކަށް ކޫއްޑޫ. އަންނަ ފެބްރުއަރީ މަހު ކޫއްޑު އަށް 26 އަހަރުވާއިރު އަދިވެސް އެހުރީ 2000 ޓަނުގެ ކެޕޭސިޓީ،" އޭނާ ވިދާޅުވި އެވެ.
އާ އިންވެސްޓްމަންޓްތަކާ އެކު، މިފްކޯ އަށް އޮތް ހުރަސްތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ އެވެ. އެކަމަކު އެ ހައްލުތަކަކީ ސްޓޯރޭޖާއި ފިނި ކުރުމުގައި ޕްރޮސެސް ކުރުމަށް އަންނާނެ ހައްލުތަކެކެވެ. އަސްލު މައްސަލަ އަދިވެސް އޮންނާނީ އޮތްތާނގަ އެވެ. އެއީ ސަރުކާރުން އެ ކުންފުންޏަށް ކޮށްފައި އޮންނަ މަޖުބޫރެވެ.
އެއީ ނިމުން ގެންނަން ވެއްޖެ މަޖުބޫރެކެވެ. މިފްކޯ އަށް ޓަކަ އެވެ. މުޅި މަސްވެރިކަމުގެ ކުރިމަގަށްޓަކަ އެވެ.