ފުޓްބޯޅަ ބަދަލު ކުރި އަރިގޯ ސާކީ އާއި ޔޯހާން ކްރައިފް
ފުޓްބޯޅަ ބަދަލު ކުރި އަރިގޯ ސާކީ އާއި ޔޯހާން ކްރައިފް

ފުޓްބޯޅައިގެ ގޭމް ސްޓައިލަށް ޒަމާނީ ބަދަލެއް ގެނައީ ހޮލެންޑްގެ ޔޯހާން ކްރައިފް އާއި އިޓަލީގެ އަރިގޯ ސާކީ އެވެ. މިއީ މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ، ކްރައިފް އާއި ސަކީ ސިފަ ކުރި ގޮތެވެ.

ކްރައިފް އަކީ ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ފުޓްބޯޅައިގައި މަޝްހޫރު ނަމެކެވެ. ލޯކަލް ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި އުޅުނު ނަމަވެސް އެކަށީގެންވާ ހުނަރެއް ސާކީގެ ނެތުމުން ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގައި ކުރިއަކަށް ނުދެވުނެވެ. އިޓަލީގެ ފުސިގަނޯގައި އޭނާ މަސައްކަތް ކުރީ ބޫޓު ވިއްކާ މީހެއްގެ ގޮތުގަ އެވެ. ޓޮޕް ޑިވިޝަންގައި ސާކީ އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ ޕާމާގައި 1985 ގަ އެވެ.

އެ ކްލަބްގައި އޭނާ ކުޅުވާ ގޭމް ކަމުގޮސްގެން، އޭސީ މިލާނަށް އޭނާ ގެންދިޔައީ މިލާންގެ ކުރީގެ ވެރިޔާ ސިލްވިއޭ ބާލޮކޯސްނީ އެވެ. ބާލޮސްކޯނީގެ އެ ނިންމުމަކީ މިލާންގެ އެހެން ހައިރާކީތަކުން ތާއީދު ކުރި ނިންމުމެއް ނޫނެވެ. ނަމަވެސް ހަލުވި އެޓޭކިން ފުޓްބޯޅައެއް ކުޅޭ ސާކީ ގެނައުންވީ މިލާން ކާމިޔާބާ ދިމާލަށް ދީލާލީ ސަބަބަކަށެވެ.

އޭގެ ކުރިން ނުވަ އަހަރު ވަންދެން ސެރީއާ ތަށި ނުލިބި އޮތް މިލާންގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ޗެމްޕިއަންކަން ހޯދި އެވެ. އަދި އޭގެ ފަހުން ވިދިވިދިގެން ދެ ސީޒަންގައި ޔޫރަޕް ޗެމްޕިއަންކަން މިލާނަށް ހޯދައިދިނެވެ.

ޑިފެންސިވް ގޭމެއްގެ މައްޗަށް ބަރޯސާ ވެފައި އޮތް އިޓަލީގެ ފުޓްބޯޅަ އަށް އާ ސިސްޓަމެއް ސާކީ މިލާންގައި ތައާރަފް ކުރި އެވެ. މުޅި ދަނޑުގައި ބޯޅަ ގެންގުޅެ ވަރުގަދަ އެޓޭކިން ގޭމެއް ކުޅުމަށް ސާކީ އަށް މަގުފަހިވި ހޮލެންޑްގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ، މާކޯ ވެން ބާސްޓެން އާއި ރޫޑް ހަލެޓް އަދި ފްރޭން ރައިކާޑް މިލާންގެ އެޓޭކްގައި ލީޑު ކުރަން ތިބުމެވެ.

އެ ތިން ކުޅުންތެރިންނަކީ އެޓޭކުގެ ޕްރައިމް ކަމަށް ބަލައި ވަރުގަދަ އެޓޭކިން ފުޓްބޯޅަ އަކަށް މިލާން ބަދަލު ކުރި އެވެ. އޭނާގެ އެ ނުފޫޒު އޭރު އިޓާލީގެ ދެން އޮތް ޖީލުގެ ކޯޗުންނަށް ފޯރި އެވެ. ކާލޯ އަންޗެލޮޓީ އާއި މައުރީޒިއޯ ސާރީގެ ކާމިޔާބުގައި އެ ކޯޗުން ހިތްވަރު ހޯދީ ސާކީގެ ނަމޫނާއިން ކަމަށް އެ ކޯޗުން އެކި ފަހަރު މަތިން ބުނެފައި ވެއެވެ.

"ސާކީގެ ކުރިން އިޓަލީގެ ފުޓްބޯޅައަކީ ޑިފެންސާއި ކައުންޓާ އެޓޭކުގެ ގޭމެއް. އަރިގޯއާ އެކު އަހަރެމެން އއިދިކޮޅު ޓީމުގެ ހާފްގައި ޕްރެސް ކުރަން ފެށީ. އެއީ މުޅިން ވެސް އާކަމެއް. ޓީމެއްގެ ގޮތުގައި ކުޅެން ދަސްކޮށްދިނީ އޭނާ،"" މިލާންގައި އަރިގޯގެ ކޯޗު ކަމުގެ ދަށުން ކުޅުނު ގްރެޒިއާނޯ މަންނާރީ ބުނެފައިވެ އެވެ.

"އެއީ މޮޅު މީހެއް، އާ ކަންކަން ތައާރަފް ކުރި މޮޅު މީހެއް."

ހޮލެންޑާއި ސްޕެއިން ފެނުނު ޒަމާނީ ފުޓްބޯޅައިގެ ހަގީގީ މޭސްތިރި އަކީ ކްރައިފެވެ. ސްޕެއިންގެ ފުޓްބޯޅައިގައި 2008 އިން 2012 އަށް މަޝްހޫރުވި ޓިކީޓާކާގެ ސްޓައިލް ކްރައިފް އިންދީ ބާސެލޯނާގެ އެކަޑަމީ ލަ މާސީއާ ގަ އެވެ. ސްޕެއިންގެ އޭރުގެ ތަރިން ކަމަށްވާ އަންދްރޭ އިނިއެސްޓާ އާއި ޒަވީ ހެނާންޑޭސް އާއި ސެސް ފެބްރިގާސް އަދި ޖެރާޑް ޕީކޭ އަކީ ލަ މާސިއާގެ އެކަޑަމީގައި ތަމްރީން ހެދި ކުޅުންތެރިންނެވެ.

ކްރައިފްގެ ބަދަލު އަމަލީ ގޮތުން ބާސާގައި ތަންފީޒު ކުރީ ގާޑިއޯލާ އެވެ. ތިރިން ކުރު އަދި ހަލުވި ޕާސްތަކެއް ޖަހައިގެން ކުޅޭ ގޭމްގައި މުޅި ޓީމު އެޓޭކުގައި ޝާމިލު ކުރުމުގެ ވިސްނުން ކްރައިފް ގެންގުޅުނެވެ. އެއީ ހޮލެންޑުން ތަންފީޒުވި ޓޯޓަލް ފުޓްބޯޅަ އެވެ. އެ ސްޓައިލް ދަނޑު މައްޗަށް ތިރިކުރީ 70 ގެ އަހަރުތަކުގައި ކްރައިފް ވެސް ކުޅުނު ހޮލެންޑްގެ ގައުމީ ޓީމުގަ އެވެ.