29 ނޮވެމްބަރ 2022 - 11:47

މުހިންމު ހަތަރު ދާއިރާއަކުން އާ ޕްރޮގުރާމުތަކެއް ވިލާ ކޮލެޖުން ތައާރަފުކޮށްފި އެވެ.

ވިލާ ކޮލެޖުން އަލަށް ތައާރަފުކުރި ޕްރޮގުރާމްތަކަކީ ސްޓާސް އޮފް ސައިންސް އިން ކައުންސެލިން އާއި ބެޗްލާސް އޮފް އާޓްސް އިން ބިޒްނަސް އެންޑް ޕްރޮޖެކްޓް މެނޭޖުމަންޓާއި ބެޗްލާސް އިން ހެލްތު ސާވިސަސް މެނޭޖުމަންޓާއި ސެޓްފިކެޓު 3 އިން ގްރެފިކްސް ޑިޒައިނިން އެވެ. ވިލާ ކޮލެޖުން ބުނި ގޮތުގައި އެ ޕްރޮގުރާމުތައް ތައާރަފު ކުރީ، ރާއްޖޭގައި ކުރިއަށް ދެވެން ހުރި ދާއިރާތަކާއި، މީހުން އެންމެ ބޭނުންވާ ދާއިރާތަކުން ތައުލީމީ މީހުން ބިނާ ކުރުމަށެވެ.

އެ ރަސްމިއްޔާތުގައި، ބެޗްލާސް އިން ހެލްތު ސާވިސަސް މެނޭޖުމަންޓު ތައާރަފުކޮށްދެއްވީ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް އެގްޒެކެޓިވް ބިއުރޯ، ޑރ. އަހުމަދު އަޝްރަފެވެ. އެ ޕްރޮގުރާމް ތައާރަފުކޮށްދެއްވަމުން ޑރ، އަޝްރަފް ވިދާޅުވީ ސިއްހީ ދާއިރާގައި އެންމެ އެކަށީގެންވާ މިންވަރަށް ހިދުމަތް ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ ހިއުމަން ރިސޯސަސް މަދުވުން ކަަމަށެވެ. ނަތީޖާއެއްގެ ގޮތުން، ބޭރު މީހުންނަށް ބަރޯސާވާން ޖެހިފައިވާ ކަމަށާއި އެ ފަދަ ކޯހަކީ އެ ކަމަށް ހައްލު ހޯދުމަށް ފަހިވެގެންދާ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ސެޓްފިކެޓް 3 އިން ގްރެފިކްސް ޑިޒައިނިން އާއި ބެޗްލާސް އޮފް އާޓްސް އިން ބިޒްނަސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓާއި، މާސްޓާސް އޮފް ސައިންސް އިން ޕްރޮޖެކްޓު މެނޭޖުމަންޓް ތައާރަފުކުރެއްވީ އެންވަޔަރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފެވެ. އެ ޕްރޮގުރާމު ލޯންޗު ކުރައްވައި ސްޓޭޓް މިނިސްޓަރު ޝަރީފު ވިދާޅުވީ ޒަމާން ބަދަލުވެ އެކި ދާއިރާތަކުގެ މީހުން ވެސް ޑިޒައިނިން އާއި ޕްރޮޖެކްޓު މެނޭޖުމަންޓު ފަދަ ހުނަރުތައް ތަރައްގީކުރަން ޖެހިފައިވާކަމަށެވެ. އަދި އެ ޕްރޮގުރާމުތަކަކީ އެކި ލެވަލްތަކުގެ ވަޒީފާތައް އަދާކުރަމުންދާ މީހުންނަށް ވެސް މުހިންމު ޕްރޮގުރާމްތަކެއް ކަމަށް ވިދާޅުވި އެވެ.
މާސްޓާސް އޮފް ސައިންސް އިން ކައުންސެލިން ކޯސް ތައާރަފުކޮށްދެއްވައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، ރާއްޖޭގައި ޑޮކްޓަރަށް ދައްކާ ނިސްބަތަށް ބަލާއިރު، ހުރިހާ އުމުރުފުރައެއްގައި ވެސް ޑޮކްޓަރަށް ކިއު އެންމެ ދިގީ ނަފްސާނީ ބަލިތަކަށް ކަމަށެވެ. ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމުގެ މީހުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޭނުންވެފައި ކަމަށާއި، ރަށްރަށުގަ އާއި މާލޭގައި ވެސް އެ ހިދުމަތް ދޭނެ މީހުން މަދު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގައި ކައުންސިލިން ދޭނެ މީހުންނާއި، ސައިކެއަޓްރިސްޓުންނާއި ސައިކޮލޮޖިސްޓުން ވެސް ބޭނުންވާ މިންވަރާ ގާތަށް ވެސް ނެތް ކަމަށް ވިދާޅުވި އެވެ. އެހެންވެ އެ ދާއިރާ އަކީ ގިނަ ބަޔަކު ތަމްރީނުކުރަންޖެހޭ ދާއިރާއެއް ކަމަށް ވިދާޅުވެ އެ ފަދަ ޕްރޮގުރާމެއްގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
ވިލާ ކޮލެޖުން ތައާރަފުކުރި އާ ޕްރޮގުރާމުތަކަށް އެޕްލައިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ މަހުގެ 15 އާ ހަމައަށް އެޕްލައި ކުރެވޭނެ އެވެ. ވިލާ ކޮލެޖުން ތައާރަފުކުރި ކޯސްތަކަކީ ޖެނުއަރީ އިންޓޭކުގެ ކޯސްތަކެކެވެ.