28 ނޮވެމްބަރ 2022 - 23:21

ދޯހާ (ނޮވެމްބަރު 28) - ކަސެމީރޯ ޖަހައިދިން ހަމައެކަނި ގޯލުން 1-0 އިން ސްވިޒަލެންޑް ބަލިކޮށް ބްރެޒިލުން ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.
ބްރެޒިލް ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސާބިއާ 2-0 އިން ބަލިކޮށްފަ އެވެ. އަދި މިރޭގެ މޮޅާ އެކު އެ ޓީމު ވެފައި ވަނީ މި އަހަރުގެ މުބާރާޓުގައި ދެ ވަނަ ބުރުން ޖާގަ ޔަގީން ކުރި ދެވަނަ ޓީމަށެވެ. އެންމެ ފުރަތަމަ ދެވަނަ ބުރުން ޖާގަ ޔަގީން ކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ސްވިޒަލެންޑްގެ ގޯލްކީޕަރު ޔާން ސޮމާ ދިފާއު ކުރި އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ބްރެޒިލް އިން ލަނޑެއް ޖެހި އެވެ. ކަސެމީރޯ ދިން ބޯޅައެއް ހިފައިގެން ވިނީޝިއަސް އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް ފޮނުވާލައި ވަރަށް ބޮޑަށް އުފާފާޅު ވެސް ކުރި އެވެ. ނަމަވެސް ވީއޭއާރުން އެ ގޯލު ބަލައެއް ނުގަތެވެ. އެއީ އޮފްސައިޑް ގައި ހުރެފައި، ރިޗާލިސަން ފަހަތަށް ފައިބައި އެ ބޯޅައަށް މަސައްކަތް ކޮށްފައި ވުމުންނެވެ.
ބްރެޒިލް އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކަސެމީރޯ ޖެހީ 83 ވަނަ މިނިޓުގައި ރޮޑްރިގޯ ދިން ޕާހަކުންނެވެ. ވިނީޝިއަސް އާއި ރޮޑްރިގޯ ތަނަވަސް ކުރި ފުރުސަތުގައި ކަސެމީރޯ އަށް ބޯޅަ ޖައްސާލުމުން އޭރިއާ ތެރޭ ހުރި ކަސެމީރޯ ވަނީ އެއްފަހަރުން ޖަހައި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިފަ އެވެ.
ސްވިޒަލެންޑް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ކެމަރޫން ބަލިކޮށްފަ އެވެ. ނަމަވެސް ދެ ވަނަ ބުރުން ޖާގަ ހޯދަން ފަހު މެޗުގައި އެޓީމަށް ސާބިއާ އަތުން މޮޅުވުން މުހިއްމެވެ.
ބްރެޒިލްގެ ފަހު މެޗުގައި ނުކުންނާނީ ކެމަރޫނާ ދެކޮޅަށެވެ. ކެމަރޫން ވަނީ މިއަދު ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި 3-3 އިން އެއްވަރު ކޮށްފަ އެވެ.