28 ނޮވެމްބަރ 2022 - 17:09

އައްޑޫ ހައި ސްކޫލުގެ ޓީޗަރެއް މެދުވެރިކޮށް، އއ. މާޅޮހު ސްކޫލުގެ ދަރިވަރުންނަށް ކެމިސްޓްރީ ކިޔަވައިދިނުމުގެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިނިސްޓްރީން ބުނީ މާޅޮހު ސްކޫލްގައި ހުރި ބަޔޮލޮޖީ އަދި ކެމިސްޓްރީ މާއްދާ ކިޔަވައިދޭ ޓީޗަރު މާލެ އައިސްފައި ވަނީ ސްކޫލަށް ވެސް ނާންގާ ކަމަށެވެ. އެކަމަކު، މިހާރު އެ ދެ މާއްދާ ކިޔަވައިދޭނެ ވަގުތީ ޓީޗަރުން ހަމަޖައްސައިދީފައިވާ ކަމަށް ބުންޏެވެ.
އެ ސްކޫލުގެ ދަރިވަރުންނަށް އޮންލައިންކޮށް، ކެމިސްޓްރީ ދެން ކިޔަވައިދޭނީ އައްޑޫ ހައި ސްކޫލުގައި އެ މާއްދާ ކިޔަވައިދޭ ޓީޗަރެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާޅޮހު ސްކޫލުގެ ގްރޭޑު 9 ގެ ބެލެނިވެރިޔަކު "މިހާރު" އަށް އިއްޔެ ބުނީ މިދިޔަ އޮގަސްޓް މަހުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު ވެސް ބަޔޮލޮޖީ އާއި ކެމިސްޓްރީ ޓީޗަރެއް ނެތް ކަމަށެވެ. އެ މާއްދާތައް ކިޔަވައިދޭން ބިދޭސީ ޓީޗަރަކު ހަމަޖެއްސީ އެތައް ޝަކުވާތަކެއް ކުރި ފަހުން މި އަހަރުގެ ފުރަތަމަ ޓާމު ނިމެނިކޮށް ކަމަށް އޭނާ ބުންޏެވެ.
އެކަމަކު، ބިދޭސީ ޓީޗަރު ދެ ހަފުތާގައި ކިޔަވައިދިނުމަށް ފަހު، ސްކޫލަށް ވެސް އެންގުމެއް ނެތި އެ ރަށުން ފުރައިގެން ދިޔައީ އެވެ.
ބަޔޮލޮޖީ އާއި ކެމިސްޓްރީ އަށް ޓީޗަރަކު ނުލިބޭތީ، ގްރޭޑު 9 ގެ ކުދިން ސްކޫލަކަށް ނުފޮނުވަ އެވެ. އެ ގްރޭޑުގައި ކޮމްބައިންޑް ސްޓްރީމްގައި 10 ކުދިން ކިޔަވަ އެވެ. އެ މައްސަލައަށް ހައްލެއް ލިބުނީމާ ނޫނީ ދަރިވަރުން ކިޔަވަން ނުފޮނުވާނެ ކަމަށް، މާޅޮހު ސްކޫލުގެ ބެލެނިވެރިން ބުނެފައިވެ އެވެ.