12 ޖެނުއަރީ 2017 - 11:30

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހަށް ސަރުކާރުން ދެމުން އައި ބައެއް އިނާޔަތްތައް ކަނޑާލުމާ ގުޅިގެން، އެ އޮފީހުގެ އެންމެ އިސް ދެ މަގާމުގައި ތިއްބެވި އާދަމް ނައީމާއި އިސްމާއިލް ފާއިޒް މަގާމުން ވަކިކުރައްވައިފި އެވެ.

މައުމޫންގެ ވެރިކަމުގައި ރިއާސީ ގަނޑުވަރު ތީމުގޭގެ އެންމެ އިސް ދެ މަގާމުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އާދަމް ނައީމާއި އިސްމާއިލް ފާއިޒް، "ފޯމާ ޕްރެޒިޑެންޓް އޮފީސް"ގެ ވަޒީފާ އިން މި މަަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަކިކުރެއްވީ، މައުމޫން "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އެ ބޭފުޅުންނަށް މުސާރަ ދެއްވޭނެ ގޮތެއް ނެތިގެންނެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން މައުމޫންގެ އޮފީހުގެ އެލަވަންސްގެ ގޮތުގައި 175،000ރ. ދެމުން އައި ނަމަވެސް މިދިޔަ އޮކްޓޯބަރު 16 އިން ފެށިގެން އެ އަދަދު ދެވެން ނެތް ކަމަށް ސަރުކާރުން އަންގާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ސަރުކާރުން އަޅުގަނޑުމެންނަށް އެންގީ އޮފީހުގެ އެލަވަންސްގެ ގޮތުގައި ދެން ދެވޭނީ 175،000ރ. ގެ ބަދަލުގައި 85،700ރ. އޭ. އޮފީހުގެ ހުރިހާ ހަރަދެއްގެ ގޮތުގައި ސަރުކާރުން ދޭ ފައިސާ އިން، އޮފީހުގެ މުވައްޒަފުންގެ މުސާރަ ވެސް ދެނީ. އެހެން ހަރަދުތައް ވެސް މި ކުރަނީ. އެކަމަކު ހަރަދުގެ ދެ ބައިކުޅަ އެއްބައި ކަނޑާލީމާ ކިހިނެއްތޯ އަޅުގަނޑު އެ ބޭފުޅުންނަށް މުސާރަ ދޭނީ؟،" މައުމޫން ވިދާޅުވި އެވެ.
އާދަމް ނައީމާއި އިސްމާއިލް ފާއިޒްގެ އިތުރުން ވެސް މައުމޫންގެ އޮފީހުން ވަނީ ހަ މުވައްޒަފަކު ވަކިކޮށްފަ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ކުރީގެ ރައީސުންގެ އިނާޔަތްތައް ދަށްކޮށްލުމާ ގުޅިގެން އެހެނިހެން ހަރަދުތަކަށް ފައިސާ ދިނުން ވެސް މިހާރު ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ. އެގޮތުން ގާނޫނުގެ ދަށުން، މައުމޫން ދިރިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ މަހަކު ސަރުކާރުން ދެމުން އައި 50،000ރ. ވެސް ވަނީ މިދިޔަ އޮކްޓޫބަރު 16 އިން ފެށިގެން ކަނޑާލައިފަ އެވެ.
މީގެ އިތުރުން މައުމޫންގެ އޮފީހުގެ ހަރަދުތަކަށް ސަރުކާރުން ދޫކުރާ ފައިސާގެ އަދަދު ދަށް ކުރުމުން، ހ. ފުލިދޫގެ އިން މައުމޫން ކުއްޔަށް ހިއްޕަވާފައިވާ ދެ އެޕާޓްމަންޓްގެ ތެރެއިން އެއް އެޕާޓްމަންޓް ވެސް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އިނާޔަތްތައް ކަނޑާލުމާ ގުޅިގެން މައުމޫން ވިދާޅުވީ، އެ ފިޔަވަޅު ސަރުކާރުން އެޅީ ސަރުކާރުގެ ސިޔާސަތުތަކަށް އެ މަނިކުފާނު ފާޑު ވިދާޅުވާތީ ކަމަށެވެ.
"ވަކި މީހެއްގެ އިންތިހާބަށް އަޅުގަނޑު ތާއީދު ނުކުރާތީ. ސަރުކާރަށް ފާޑުކިޔާތީ،" ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ، މައުމޫންގެ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންނެވި ގެންނެވުމަށް އިޝާރާތް ކުރައްވަމުން މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިނާޔަތްތައް ކަނޑާލާފައި ވަނީ ގާނޫނާ ހިލާފަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ގާނޫނީ ލަފާ ވެސް މިހާރު ހޯއްދަވާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގައި ބުނެފައި ވަނީ، ރައީސްކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާ ހުރި، އިޖުތިމާއީ މަސައްކަތްތަކެއް ކުރުމަށްޓަކައި، އެމީހަކު ބޭނުންވެއްޖެ ހިނދެއްގައި މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންކަން ހަމަޖެއްސުމަށްޓަކައި މަހަކު 175،000ރ. އާ ހަމަ އަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންޖެހޭ ކަމަށެވެ.
މީގެ އިތުރުން އެ ގާނޫނުގައި ބުނެފައިވާ ގޮތުން، ރައީސްކަން ކޮށްފައިވާ ބޭފުޅަކު ދިރިއުޅުއްވާ ތަނުގެ އެންމެހައި ހަރަދުތައް ބެލެހެއްޓުމަށްޓަކައި ކޮންމެ މަހަކު 50،000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންޖެހެ އެވެ.