28 ނޮވެމްބަރ 2022 - 17:16

އަލް ވަކްރާ (ނޮވެމްވަބަރު 28)- ފަހު ހާފުގައި ކުޅެން އަރައި ކެޕްޓަން ވިންސެންޓް އަބޫބަކާ ތަފާތު ދެއްކި މެޗުން ކެމަރޫން އިން ފަހަތުން އަރައި 3-3 އިން ސާބިއާއާ އެއްވަރު ކޮށްފި އެވެ.

ކެމަރޫންގެ އެއް ނަމްބަރު ގޯލްކީޕަރު އަންޑްރޭ އޮނާނާ އާއި ކޯޗު ރިގޮބާޓް ސޯންގް އާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން އޮނާނާ ވަނީ ސްކޮޑުން ބޭރު ކޮށްލައިފަ އެވެ. ބަދަލުގައި ޓީމުގެ ގޯލު ބެލެހެއްޓީ ޑެވިސް އެޕާސީ އެވެ.

ކެމަރޫން އިން ވަނީ މެޗުގައި ސާބިއާ ކޮޅަށް ފުރަތަމަ ލަނޑު ޖަހައި ލީޑު ވެސް ނަގައިފަ އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ކެމަރޫން އިން ލީޑު ނެގި ލަނޑު 29 ވަނަ މިނިޓުގައި ޖެހީ ފްރާންސްގެ ނަންޓްސް އާއެކު މިދިޔަ ސީޒަންގައި ފްރާންސް ކަޕް ކާމިޔާބުކުރި ޑިފެންޑަރު ޖިއާން ޗާލްސް ކަސްޓިލޯ އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ސާބިއާ އިން ފަހަތުން އަރައި ލީޑު ހޯދީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެ ލަނޑު ޖަހައިގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ޑޫސާން ޓަޑިޗް ނަގައިދިން ހިލޭޖެހުމެއް ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެން ނަތީޖާ އެއްވަރު ކޮށްދިނީ ރެޑްބުލް ސަލްޒްބާގަށް ކުޅޭ ޑިފެންޑަރު ސްޓްރަހިންޖާ ޕަވްލޮވިޗް އެވެ. އަދި އޭގެ ދެ މިނިޓް ފަހުން އަންޑްރިއާ ޒިވްކޮވިޗް ދިން ޕާހަކުން ލީޑު ހޯދައިދިނީ ލާޒިއޯ އަށް ކުޅޭ މިޑްފީލްޑަރު ސާޖެގް މިލިންކޮވިޗް ސަވިޗް އެވެ.
ދެ ވަނަ ހާފު ފެށިގެން އަށް ވަނަ މިނިޓުގައި ސާބިއާ އިން ވަނީ ތިން ވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ޒިވްކޮވިޗް ހުސްކޮށްލައިފައި ދިން ބޯޅައަކުން މި ލަނޑު ޖެހީ، ފުލަމް އަށް ކުޅޭ އެލެކްޒެންޑާ މިޓްރޮވިޗް އެވެ. ފުރަތަމަ ހާފުގައި މިޓްރޮވިޗް ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް ވެސް އަމާޒު ވިއެވެެ.
ސާބިއާ އިން ތިން ވަނަ ގޯލު ޖެހިތާދެ މިނިޓު ފަހުން ކޯޗު ސޯންގް ވަނީ އެޓީމުގެ ކެޕްޓަން، 30 އަހަރުގެ ސްޓްރައިކަރު އަބޫބަކާ ކުޅެން އަރުވައިފަ އެވެ. އޭނާ ކުޅެން އެރުމާ އެކު ކެމަރޫން އިން ކުރިއަށް ވުރެ އިތުބާރާ އެކު ކުޅެން ފެށި އެވެ.
ނަތީޖާއެއްގެ ގޮތުން 63 ވަނަ މިނިޓުގައި ކެމަރޫން އިން ފަރަގު ކުޑަކުރީ އަބޫބަކާ ޖެހި ހިތްގައިމު ގޯލަކުންނެވެ. ކަސްޓިލޯ ބިން ބޯޅައެއް ހޯދައި މުޅިން ހުސްކޮށް އަރައި އަބޫބަކާ ބޯޅަ ގޯލަށް ފޮނުވާލީ ސާބިއާގެ ކީޕަރު ވަންޔާ މިލިންކޮވިޗް ސަވިޗް ބޯ މަތިންނެވެ. އަބޫބަކާ އަށް ބޯޅަ ލިބުން އިރު އޭނާ އޮފްސައިޑު ކަމަށް ހީވުމުން އެ ގޯލު ސައްހަ ކަމަށް ނިންމީ ވީއޭއާރު ބެލުމަށް ފަހު އެވެ.
ކެމަރޫން އިން ނަތީޖާ އެއްވަރުކުރަން ވެސް މާ ގިނައިރެއް ނުވި އެވެ. މެޗުގެ 66 ވަނަ މިނިޓުގައި ބެޔާން މިއުނިކަށް ކުޅޭ ފޯވާޑް އެރިކް ޗޮޕޫ މޮޓިން އޭނާ ވޯލްޑް ކަޕް ގައި ޖެހި ފުރަތަމަ ގޯލުން ކެމަރޫން އަށް އެއްވަރު ކޮށްދިނީ އަބޫބަކާ އަރިމަތިން އަރައި ތިރިތިރިން ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.
ފުރަތަމަ މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ވެސް އަބޫބަކާ ކުޅެން އެރީ ފަހު ހާފުގަ އެވެ.
މިއަދުގެ މެޗުގައި ޖެހި ލަނޑަކީ މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ގައި އެންމެ ގިނަ ލަނޑު ޖެހި އަބޫބަކާ، ވޯލްޑް ކަޕް މެޗެއްގައި ކެމަރޫނަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އަބޫބަކާ ވަނީ 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި ވާދަކުރި ކެމަރޫން ސްކޮޑުގައި ހިމެނިފަ އެވެ. އެ ދެ އަހަރު ވެސް ކެމަރޫން ޓީމުގެ ކެޕްޓަނަކީ މިހާރު އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ސެމިއުލް އެޓޫ އެވެ.
މިހާރުގެ ކޯޗު ރިގޮބާޓް ސޯންގް އަކީ ކެމަރޫން ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ އެވެ. ކެމަރޫން އިން 2010 ވަނަ އަހަރު ކުޅުނު ޓީމުގައި އޭނާ ވެސް ހިމެނެ އެވެ.
ފުރަތަމަ މެޗުގައި ހަނި ގޮތަކަށް ސްވިޒަލެންޑް އަތުން 1-0 އިން ކެމަރޫން ބަލިވެފައި ވާއިރު، ސާބިއާ ވަނީ އެ ޓީމު ފުރަތަމަ މެޗުގައި ބްރެޒިލް އަތުން 2-0 އިން ބަލިވެފަ އެވެ.
ގުރޫޕް ސްޓޭޖުގައި ކެމަރޫންގެ ފަހު މެޗުގައި ނުކުންނާނީ ބްރެޒިލް އާ ދެކޮޅަށެވެ. އަދި ސާބިއާގެ ފަހު މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅޭނެ އެވެ.
މި ގުރޫޕްގައި ފުރަތަމަ މެޗުތައް ކާމިޔާބު ކޮށްފައިވާ ބްރެޒިލް އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރެވެ.