ދިގު ފިނި މޫސުމަކަށް ޔޫކްރޭން ތައްޔާރުވަނީ
ދިގު ފިނި މޫސުމަކަށް ޔޫކްރޭން ތައްޔާރުވަނީ

ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ޔޫކްރޭންގެ ގިނަ އަދަދެއްގެ އިންޖީނުގެތައް ހަލާކުކޮށްލައި، ކަރަންޓު ވިއުގަ ފެއިލްކޮށްލާފައިވާތީ، ކުރިއަށް އޮތް ފިނި މޫސުމުގައި ކުރިމަތިވެދާނެ ދަތިތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށް ޔޫކްރޭނުން ބުނެފި އެވެ.

މިހާރު ކުރަމުންދާ ހަނގުރާމައިގައި މިދިޔަ މަހެއްހާ ދުވަހު ރަޝިޔާ ސިފައިންގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ ޔޫކްރޭންގެ ކަރަންޓު ވިއުގަތަކަށެވެ. ޔޫކްރޭންގެ ޒަޕަރޯޖިޔާގައި ހުންނަ ނިއުކްލިއާ އިންޖީނުގެ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް އިރު، އެ އިންޖީނުގެއިން މިހާރު އެކަށީގެންވާ ގޮތެއްގައި ކަރަންޓު ނުއުފެއްދޭ ކަމަށް ޔޫކްރޭނުން ބުނެ އެވެ.

ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާ އިން މަސައްކަތް ކުރަނީ ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ޔޫކްރޭންގެ ކަރަންޓު ވިއުގަ ފެއިލްކޮށްލައިގެން ގަދަ ފިނީގައި ގިނަ އަދަދެއްގެ ބަޔަކު މެރުމަށެވެ. އަދި ޒަޕަރޯޖިޔާގެ ނިއުކްލިއާ އިންޖީނުގެ ހުރި ސަރަހައްދުން ރަޝިޔާ ސިފައިން ފައިބަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށް ވެސް ޔޫކްރޭނުން ބުންޏެވެ.

ޔޫކްރޭނުން ބުނި ގޮތުގައި ޒަޕަރޯޖިޔާގެ އިންޖީނުގެ އިން ކަރަންޓު އުފެއްދުން މެދުކެނޑިފައި ވުމުގެ އިތުރުން، އެހެން ސަރަހައްދުތަކުގައި ހުރި ގިނަ އިންޖީނުގެތައް ވެސް ހަލާކުވެފައިވާތީ، އެ ގައުމުގެ ބޮޑު ސަރަހައްދަކުން މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފަ އެވެ. އެހެންކަމުން، ގޭބިސީތަކުގައި ދިރިއުޅޭ މީހުން ފިނިން ސަލާމަތް ވެވޭނެ ގޮތެއް މިހާރު ނެތް ކަމަށް އެ ގައުމުން ބުނެ އެވެ.

ޔޫކްރޭންގެ ރައީސް ވޮލިޑިމީރް ޒެލެންސްކީ ވިދާޅުވީ ފިނި މޫސުމުގެ ތެރޭގައި ވެސް ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދިނުން ހުއްޓައިނުލާނެ ކަމަށާއި، ރަޝިޔާ އިން މަސައްކަތް ކުރަނީ ހަތިޔާރެއްގެ ގޮތުގައި ފިނި ބޭނުންކުރުމަށް ކަމަށެވެ. ކުރިއަށް އޮތް ފިނި މޫސުމުގައި ވެސް، އެކަށީގެންވާ ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެތީ، އާންމު ރައްޔިތުން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށް ވެސް ރައީސް ޒެލެންސްކީ ވަނީ އެދިވަޑައިގެންފަ އެވެ.