ކޯޗާ ދެބަސްވެ ކެމެރޫންގެ ކީޕަރު ޓީމުން ބޭރުކޮށްލައިފި
ކޯޗާ ދެބަސްވެ ކެމެރޫންގެ ކީޕަރު ޓީމުން ބޭރުކޮށްލައިފި

އަލް ވަކްރާ (ނޮވެމްބަރު 28) - އިންޓަ މިލާނަށް ކުޅޭ ގޯލްކީޕަރު އަންޑްރޭ އޮނާނާ، ކެމެރޫން ގައުމީ ޓީމުގެ ކޯޗާ ދެބަސްވެގެން ވޯލްޑް ކަޕް ސްކޮޑުން ބޭރު ކޮށްފި އެވެ.

އޮނާނާ އާއި ކެމެރޫންގެ ކޯޗު ރިގޮބާޓް ސޯންގް އާ ދެމެދު ދެބަސްވުން ހިނގަން މެދުވެރިވީ، އޭނާގެ ގޯލްކީޕިން ސްޓައިލާ މެދު ކޯޗު ހިތްހަމަ ނުޖެހިގެންނެވެ. އަދި އޮނާނާ ވަނީ އޭނާގެ ސްޓައިލް ބަދަލު ނުކުރާނެ ކަމަށް ބުނެފަ އެވެ.

ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ކެމެރޫންގެ ގޯލު ބެލެހެއްޓީ އޮނާނާ އެވެ. ނަމަވެސް މިއަދު ސާބިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާގެ ބަދަލުގައި ޓީމަށް ނެގީ ސައުދީ އަރަބިއްޔާ ލީގުގައި ކުޅޭ ޑެވިސް އެޕާސީ އެވެ. މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި އެޕާސީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނީ ފަސް މެޗުގަ އެވެ.

ބަދަލު ކީޕަރެއްގެ ގޮތުގައި އަރަން ކެމެރޫންގެ ބެންޗުގައި އިނީ ފްރާންސްގެ މާސޭ ގެ ރިޒާވް ޓީމަށް ކުޅޭ ޒުވާޏް ކީޕަރު ސިމޯން ގަޕަންޑުއެޓްބޫ އެވެ.

ސާބިއާއާ ދެކޮޅަށް ކުޅޭ މެޗަކީ މުބާރާތުގައި ކުރިއަށް ދާން ކެމަރޫން އަށް މޮޅުވުން މުހިއްމު މެޗެކެވެ. ފުަތަމަ މެޗުގައި ކެމަރޫން ވަނީ 1-0 އިން ސްވިޒަލެންޑް އަތުން ބަލިވެފަ އެވެ. އަދި ފަހު މެޗުގައި އެޓީމު ނުކުންނާނީ ބްރެޒިލްއާ ދެކޮޅަށެވެ.

މީޑީއާތަކުން ރިޕޯޓް ކުރާ ގޮތުގައި ފަރިތަކުރުންތަކުގައި ގޯލުގައި ހުރެ، އޮނާނާ އޭނާގެ ފައި ބޭނުންކޮށްގެން މާ ގިނަ ރިސްކު ނަގާތީ އެކަމާ ކޯޗު ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.

ކޯޗާ ދެމެދު އޮތް ދެބަސްވުން ހައްލުކުރަން ކެމަރޫން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ސެމިއުލް އެޓޫ ވެސް މަސައްކަތް ކުރި ކަމަށް ވެއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.