ކަރަސްކޯ އަށް އާސެނަލާއި ސިޓީން ބިޑްކުރަނީ
ކަރަސްކޯ އަށް އާސެނަލާއި ސިޓީން ބިޑްކުރަނީ

މެޑްރިޑް (ޖެނުއަރީ 12) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގް ޔަނިކް ފެރޭރާ ކަރަސްކޯ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލާއި މެންޗެސްޓާ ސިޓީން ބިޑްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ކަރަސްކޯ އަކީ ފާއިތުވި އަހަރުތަކުގައި މުޅި ޔޫރަޕަށް ބެލިކަމުގައިވިޔަސް އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިޔާ އެވެ. މޮނާކޯގައި ދެއްކި މޮޅު ކުޅުމާ އެކު އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަނިކޮށް އެތުލެޓިކޯ އިން އޭނާގެ ސޮއި ހޯދީ 2015 ވަަނަ އަހަރުގައި 20 މިލިއަން ޕައުންޑަށެވެ.

އެތުލެޓިކޯގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކަަރަސްކޯ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ލަންޑަންގައި ކަރަސްކޯގެ އޭޖެންޓާއި މިދިޔަ ހަފްތާގައި ބައްދަލުކޮށްފަ އެވެ. އަދި މި މަހުގެ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ކަރަސްކޯ އަށް ސިޓީން ބިޑްކުރާނެ އެވެ.

ވުލްފްސްބާގްގެ މިޑްފީލްޑަރު ޖޫލިއަން ޑްރެކްސްލާ އާސެނަލްގެ ހުށަހެޅުމަށް ފުރަގަސްދީ ޕީއެސްޖީ އަށް ސޮއިކޮށްފައިވާއިރު، އާސެނަލުން މިހާރު އަންނަނީ ކަރަސްކޯ އަށް ފާރަލަމުންނެވެ. ކަރަސްކޯ އަކީ މީގެ ކުރިން ވެސް އާސެނަލްގެ ކޯޗު އާސެން ވެންގާގެ ފޭވަރިޓެކެވެ.

އެތުލެޓިކޯ އިން ކަރަސްކޯ ނުވިއްކާނެ ކަމަށް މި ސީޒަން ފެށުމުގެ ކުރިން ވެސް ވަނީ ބުނެފަ އެވެ. އަދި އޭރު ކަރަސްކޯ ވެސް ވަނީ ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް މި ސީޒަނުގައި އެތުލެޓިކޯގައި ކަރަސްކޯ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.