އިޓަލީ އަށް މި ފަހަރު މިވީ ކިހިނެއް؟
އިޓަލީ އަށް މި ފަހަރު މިވީ ކިހިނެއް؟

ހޯދާފައިވާ ކާމިޔާބީތަކާއި ކުޅުންތެރިންގެ ހުނަރުވެރިކަމާއި ޑޮމެސްޓިކް ލީގުގެ ފެންވަރަށް ބަލާއިރު އިޓަލީ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ގައުމެވެ. އިޓަލީން ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކުރި އެވެ. ޔޫރަޕުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި އެވެ. ޖިއަންލުއިޖީ ބުފޮން އާއި ޕައޮލޯ މަލްޑިނީ އާއި އަލެސަންދްރޯ ޑެލް ޕިއޭރޯ އަދި ފްރެންޗެސްކޯ ޓޮޓީ ފަދަ ކުޅުންތެރިން އިޓަލީން ނެރުނެވެ. އިޓާލިއަން ލީގަކީ ކުރިން އެއް ވަނަ އަދި މިހާރު ގަދަ ހަތަރެއްގެ ތެރޭގައި ހިމެނޭ ލީގެކެވެ.

އެކަމަކު އިޓަލީ އެންމެ ފަހުގެ ވޯލްޑް ކަޕާއި މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ. އެ ޓީމު 2018 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިނުވީ، އޭރު ހުރި ކޯޗު ޖިއަންޕިއޭރޯ ވެންޗޫރާގެ ރޭވުންތެރިކަމެއް ނެތުމުންނާއި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ނުދިނުމުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އޭގެ ފަހުން އިޓަލީ ހަވާލުކުރީ ރޮބާޓޯ މަންޗިނީއާ އެވެ. އިންޓަ މިލާނާއި މެންޗެސްޓާ ސިޓީއާ އެކު އެތައް ކާމިޔާބެއް ހޯދި ކޯޗު އިޓަލީއާ ހަވާލުވެ ބަދަލުތަކެއް ގެނަ އެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނެވެ. ތަޖުރިބާކާރު ބައެއް ކުޅުންތެރިންގެ ބޭނުން ވެސް ހިފި އެވެ. އެއާ އެކު އިޓަލީގައި އޮތީ ހުނަރާއި ތަޖުރިބާއަށް ބަލާއިރު މަސްހުނި ވަރުގަދަ ޓީމެކެވެ.

ނަތީޖާއަކަށްވީ އިޓަލީން މިދިޔަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމެވެ. ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމުތައް ކަމަށްވާ ބެލްޖިއަމް އާއި ސްޕެއިނާއި އިންގްލެންޑް ފަހަތަށް ޖައްސާލައި އިޓަލީން ޔޫރަޕުގެ ރަސްކަމަށް އައުމާ އެކު ބެލެވުނީ އަނެއްކާ ވެސް އިޓަލީގެ ރަން ޒަމާން އައީ ކަމަށެވެ.

އެކަމަކު އެ މުބާރާތުގެ ފަހުން އޮތް، ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ދެ މެޗުން މޮޅުނުވެވި، ގްރޫޕުގެ އެއް ވަނަ ނުލިބުމުން ޖެހުނީ ޕްލޭއޮފް ކުޅޭށެވެ. ޕްލޭއޮފުގެ ފުރަތަމަ މެޗުގައި އިޓަލީ ލައްވާލީ ނޯތު މެސެޑޯނިއާއާ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ފަހު ވަގުތު ބަލިވެ އެ ޓީމު ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދު ފެނަށް ދިޔައީ އެވެ. އެ މެޗުން މޮޅުވި ނަމަވެސް ޕްލޭއޮފްގެ ދެ ވަނަ މެޗުގައި ޕޯޗުގަލްއާ ވާދަކުރަން ޖެހޭނެ އެވެ.

ކޮލިފައިން ގްރޫޕް ސްޓޭޖުގައި އިޓަލީ ވަނީ 8 މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ހަތަރު މެޗު އެއްވަރުކޮށްފަ އެވެ. މިއީ އެހެން ބައްރުތަކުން ކޮލިފައިވި ޓީމުތަކުން ކޮލިފިކޭޝަނުގައި ނެރުނު ނަތީޖާތަކަށް ވުރެ ރަނގަޅު ނަތީޖާތަކެކެވެ. އެމެރިކާ ބައްރަށް ބަލާއިރު ވެސް ކޮލިފައިން ކުޅެނީ ލީގު އުސޫލުން ކަމުން، މިއަށް ވުރެ ނަތީޖާ ދަށްވިޔަސް ގަދަ ހަތަރެއް ތެރޭ ލައްވާލައިފި ނަމަ ކޮލިފައިވެ އެވެ. އެކަމަކު ޔޫރަޕުގައި އޮންނަނީ ގްރޫޕް ސްޓޭޖް އުސޫލުން ކަމުން، ނަތީޖާ ރަނގަޅަސް، ޕޮއިންޓެއްގެ ފަރަގުން ވިޔަސް ދެ ވަނަ އަށް ގޮސްފި ނަމަ ޖެހެނީ ޕްލޭއޮފް ކުޅޭށެވެ.

އިޓަލީން ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ފަހުން އޮތް ޔުއެފާ ނޭޝަންސް ލީގުގައި ޖަރުމަނާއި އިންގްލެންޑް ފަހަތަށް ޖައްސާލައި ފައިނަލް ބުރަށް ހޮވިފަ އެވެ. މާނައަކީ މިވަގުތުގެ ފެންވަރަށް ބަލާއިރު އެ ޓީމު ހިމެނެނީ ޔޫރަޕުގެ އެންމެ ވަރުގަދަ ހަތަރު ޓީމުގެ ތެރޭގަ އެވެ. އަދި އެއީ އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަން ވެސް މެ އެވެ. ފީފާ ރޭންކިން އަށް ބަލާއިރު އިޓަލީ އޮތީ 6 ވަނައިގަ އެވެ. އެހެންކަމުން ސުވާލެއް ނެތް ގޮތެއްގައި އިޓަލީ މިވަގުތު އޮތީ ވޯލްޑް ކަޕުގައި ވާދަކުރެވޭ ފެންވަރުގަ އެވެ. އެންމެ ފަހުގެ މުބާރާތަށް ޖުމްލަކޮށް ފެންވަރު ނެތިގެން ކޮލިފައިނުވި ނަމަވެސް މި ފަހަރު އިޓަލީ އަށް ފުރުސަތު ނުލިބި މިދިޔައީ ކޮލިފައިންގެ ފަހު ދެ މެޗުގައި ނަތީޖާ ގޯސްވުމުގެ ސަބަބުންނެވެ.