މޮރޮކޯގެ ތާރީހީ މޮޅާ އެކު، ބެލްޖިއަމް ގައި ބޮޑެތި ހަމަނުޖެހުންތަކެއް
މޮރޮކޯގެ ތާރީހީ މޮޅާ އެކު، ބެލްޖިއަމް ގައި ބޮޑެތި ހަމަނުޖެހުންތަކެއް

ބްރޫސެލްސް، ބެލްޖިއަމް (ނޮވެމްބަރު 28) - ވޯލްޑް ކަޕުގައި ރޭ ދުނިޔޭގެ ދެ ވަނައިގައި އޮތް ބެލްޖިއަމް އަތުން 2-0 އިން މޮރޮކޯ މޮޅުވުމުން ބެލްޖިއަމްގެ ވެރިރަށް ބްރޫސެލްސްގެ މަގުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ގިނަ ބަޔަކަށް އަނިޔާވެ، އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ބެލްޖިއަމްގައި ދިރިއުޅޭ މޮރޮކޯގެ ސަޕޯޓަރުން މެޗަށް ފަހު އެ ގައުމުގެ މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފެށި ވަގުތުގައި ހަމަނުޖެހުން ހިންގި ބަޔަކު ވަނީ ކާރުތަކާއި އިލެކްޓްރިކް ސްކޫޓަރު ތަކެއްގައި އަލިފާން ރޯކޮށްފަ އެވެ.

އެގައުމުގު ފުލުހުންގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި ބައެއް ސަޕޯޓަރުން ތިބީ ދަނޑިބުރި ފަދަ ތަކެތި ހިފައިގެން ކަމަށާއި، އަލިފާނުގެ ހާދިސާތަކުގައި ނޫސްވެރިއަކަށް ވެސް އަނިޔާ ވެފައި ވެއެވެ.

ކެޕްޓަން ޒޯމަން ސައިސް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޒަކަރިޔާ އަބޫޚްލާލް ގެ ގޯލުން މޮރޮކޯ 2-0 އިން ބެލްޖިއަމް ބަލިކުރުމާ އެކު، ބެލްޖިއަމް ގައި ދިރިއުޅޭ މޮރޮކޯގެ ގިނަ ރައްޔިތުންތަކެއް ވަނީ މޮރޮކޯގެ ދިދަ ހިފައިގެން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފަ އެވެ.

މިއީ 24 އަހަރު ތެރޭ މޮރޮކޯ އިން ވޯލްޑް ކަޕް ގައި ހޯދި ފުރަތަމަ މޮޅެވެ. އޭގެ ކުރިން މޮރޮކޯ ވޯލްޑް ކަޕް ގައި މޮޅުވީ 1998 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި ސްކޮޓްލެންޑް އަތުންނެވެ.

މި ގުރޫޕުގައި ހިމެނޭ ކްރޮއޭޝިއާ އާއި މޮރޮކޯ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، މޮރޮކޯ ދެ ވަނައިގައި އޮތީ ފައިދާ ގޯލު މަދުވުމުންނެވެ. ބެލްޖިއަމް އަށް އަދި ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ދެ މެޗުން ވެސް ބަލިވެގެން ކެނެޑާ ވަނީ މުބާރާތުން ކަޓައިފަ އެވެ.

ގުރޫޕްގެ ފަހު ދެ މެޗް ކުޅޭނީ އެއް ވަގުތެއްގަ އެވެ. މޮރޮކޯ އިން ކެނެޑާއާ ދެކޮޅަށް ނުކުންނައިރު، ބެލްޖިއަމް ނުކުންނާނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ.