28 ނޮވެމްބަރ 2022 - 11:02

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ބަންދު ކުރި މޯލްޑިވިއަންގެ ޓިކެޓިން އޮފީސް "ގަދަމޫ ބިލްޑިން" އަށް ބަދަލުކޮށް ރަސްމީކޮށް އަލުން ހުޅުވައިފި އެވެ.

އަލިމަސް ކާނިވަލުގައި ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހުޅުވާފައިވާ ގަސް ވިއްކާ ފިހާރަ ކުރިމަތީ ހުންނަ ގަދަމޫ ބިލްޑިންގުގައި މޯލްޑިވިއަންގެ ޓިކެޓިން އޮފީސް ހުންނާނީ ހަތަރު ވަނަ ބުރީގަ އެވެ. އެތަނުން މިހާރު ކުރިއެކޭ އެއްގޮތަށް ޓިކެޓިން ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ. އަދި މި ހިދުމަތްތައް އޮންލައިންކޮށް މޯލްޑިވިއަންގެ ވެބްސައިޓާއި ވައިބަ މެދުވެރިކޮށް އަދި ކޯލް ސެންޓަރާއި މޯލްޑިވިއަންގެ އެޕުން ވެސް ލިބޭނެ އެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި އެ އެއާލައިނުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ހިދުމަތް ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ކޯލް ސެންޓަރުގެ ހިދުމަތް ދޭ ވަގުތު ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ.
މިހާރު ކޯލް ސެންޓަރުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 8 އަށް ލިބޭނެ އެވެ. ހުކުރު ދުވަހު އެ ހިދުމަތް ލިބޭނީ މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.
މޯލްޑިވިއަންގެ ޓިކެޓިން އޮފީހުގެ ހިދުމަތް ލިބޭނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 9 އިން ރޭގަނޑު 10 އަށެވެ. އަދި ހޮނިހިރު ދުވަހު ހުޅުވާފައި ހުންނާނީ ހެނދުނު 9 އިން މެންދުރު ފަހު 3 އަށެވެ. އެ އޮފީހުގެ ހިދުމަތް ހުކުރު ދުވަހަކު ނުލިބޭނެ އެވެ.