ސައިބާސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް ކުށުގެ ގޮތުގައި ކަނޑައަޅަނީ
ސައިބާސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް ކުށުގެ ގޮތުގައި ކަނޑައަޅަނީ

ސައިބާސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް ކުށުގެ ގޮތުގައި ކަނޑައަޅައި އެކަމާ ގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ފޮނުވައިފި އެވެ.

އޭޖީ އޮފީހުން ބުނީ ސައިބާސްޕޭސްގައި ހިންގާ ހުއްދަ ނޫން އަމަލުތަކަކީ ކުށް ކަމުގައި ކަނޑައެޅުމަށާއި އެ ކުށްތަކާ ގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް ތިން ގާނޫނަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލްތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް، ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިއީ ސައިބާސްޕޭސްގައި ކުރާ ކުށްތައް ރާއްޖޭގައި އިތުރުވަމުންދާތީ އާއި އެފަދަ ކުށްތައް ކުރާ މީހުން އެ ކުށުގެ އަމަލުތައް އިތުރަށް ފުޅާކުރަމުންދާތީ، ސައިބަކްރައިމާ ގުޅޭ އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމުގެ މަގްސަދުގައި ގާނޫނުލްއުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅާ ބިލެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

- ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަށް އެކްސެސްވުން.

- އިތުރު ކުށެއް ކުރުމަށް މަގުފަހިކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރު ސިސްޓަމަށް އެކްސެސްވުން.

- ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާ އިންޓަސެޕްޓްކުރުން.

- ހުއްދަނެތި ކޮމްޕިއުޓާ ޑޭޓާއަށް އިންޓަފިއާކުރުން.

- ހުއްދަނެތި ކޮމްޕިއުޓާ ސިސްޓަމަށް އިންޓަފިއާކުރުން.

- ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުން.

- ސައިބާވަޔަލަންސްގެ އަމަލުތައް (ކޮމްޕިއުޓަރު ސިސްޓަމް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާންކާޑު ޝާއިއުކުރުން، ކޮމްޕިއުޓާ ސިސްޓަމެއް މެދުވެރިކޮށް ޝާއިއުކުރުމުގެ ބޭނުމުގައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުން އަދި ކޮމްޕިއުޓަރު ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރު ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން).

- ކޮމްޕިއުޓަރާ ގުޅުންހުރި އޮޅުވާލުމުގެ އަމަލުތައް.

- ކޮޕީރައިޓާ އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް.

އޭޖީ އޮފީހުން ބުނި ގޮތުގައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާހު ގެނައުމަށް ވެސް ނިންމާފައިވެ އެވެ.

އެ ބިލަަށް އިސްލާހު ގެނައުމުގެ ބޭނުމަކީ ވެސް ސައިބާސްޕޭސްގައި ކުރާ ކުށްތައް އިތުރުވާތީ ކޮމިޕިއުޓަރު ސިސްޓަމް މެދުވެރިކޮށް ކުރާ ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅުއެޅުމުގައި އެހެން ގައުމުތަކާ އެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތްތައް ކަނޑައެޅުމަށްޓަކައި، ގެންނަ އިސްލާހެއް ކަމަށް އެޖީ އޮޕީހުން ބުނެ އެވެ.

- އިލެކްޓްރޯނިކް ހެކި ހޯދުމާ ގުޅޭގޮތުންނާއި ކޮމްޕިއުޓަރު ސިސްޓަމްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވްކުރުމާއި ޕްރިޒާވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާ ގުޅޭގޮތުންނާއި ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާއަށް އެކްސެސްވުމާއި ގުޅޭގޮތުން އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުންނާއި ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް އެހީތެރިކަން ބަދަލުކުރުމާއި ކޮންޓެންޓް ޑޭޓާ އިންޓަސެޕްޓްކުރުމާ ގުޅޭގޮތުން ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން.

- ކޮމްޕިއުޓަރު ސިސްޓަމް ނުވަތަ ކޮމްޕިއުޓަރު ޑޭޓާއާ ގުޅޭ ކުށްތަކާ ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ ކުށްތަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ރާއްޖެއިން ބޭރު ގައުމުތަކަށް ވަގުތުން ފޯރުކޮށްދިނުމަށް އަދި ބޭރު ގައުމުތަކުން ރާއްޖެއަށް އެހީ ހޯދުމަށް 24/7 ނެޓްވޯކެއް ގާއިމުކުރުމާ ގުޅޭ އުސޫލުތައް ހެދުން.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅަނީ ޖިނާއީ އިޖުރާއަތުގެ ދަށުން ޒާތީ މުއާމަލާތް އިންޓަސެޕްޓްކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތަކަށް ބައެއް ބަދަލުތައް ގެނައުމަށް ހުށަހެޅުމުގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ބައެއް ބާރުތައް ވެސް ލިބޭ ގޮތަށެވެ.

- ސާވިސް ޕްްރޮވައިޑަރުން ސަބްސްކްރައިބާ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑޭޓާ ރިޓެއިންކުރުމާ ގުޅޭ އިޖުރާއަތް.

- ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒާވްކުރުމަށާއި ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖުރާއަތް.

- ކޮމްޕިއުޓަރު ޑޭޓާ ސަބްސްކައިބާ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒުކުރުމުގެ އިޖުރާއަތް.

- ރައްކާކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތް.

- ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެ އަމުރު ތަންފީޒުކުރުމުގެ އިޖުރާއަތް.