13 ޖެނުއަރީ 2017 - 06:40

ތުއްތު ކުދިންގެ ކުރެހުންތައް އާއްމުކޮށް ހުންނަނީ ކަރުދާހުގަ އެވެ. އެކަމަކު މި ކުރެހުންތައް އެ ކުދިންގެ ހެދުމުގައި ހުންނަ ގޮތަށް ބަދަލުކޮށްލައިފި ނަމަ ވަރަށް ހިތްގައިމުވާނެ އެވެ. މިއީ އެކުދިންގެ އުފެއްދުންތެރިކަމަށް ލިބޭ އިތުރު ހިތްވަރަކަށް ވެސް ވާނެ އެވެ.

އެމެރިކާގެ ޖޭމީ ނިއުބެރީ މި ހިޔާލު ހަގީގަތަކަށް ހަދައިފި އެވެ. "ޕިކްޗާ ދިސް" ގެ ނަމުން، ކުޑަކުދިންގެ ކުރުހުންތައް ހެދުމަކަށް ޕްރިންޓުކޮށްދޭ ހިދުމަތް ދޭ ސައިޓެއް ފަށައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފި އެވެ.

މި ހިދުމަތް ފަށަން ވިސްނީ، ޖޭމީގެ އަންހެން ދަރިފުޅު ކުރެހި ހެދުމެއް، އެ ކުރެހުމާ އެއްގޮތަށް ފެހުމުން ދަރިފުޅަށާއި އާއިލާގެ މެމްބަރުންނަށް ވެސް ކަމުދިއުމުންނެވެ. އަދި މިކަން ވިޔަފާރިއަކަށް ބަދަލުކޮށްލަން ޖޭމީ ނިންމި އެވެ.
ޕިކްޗާ ދިސް ސައިޓުން ދެ އަހަރާއި 12 އަހަރާ ދެމެދުގެ އަންހެން ކުދިންގެ ހެދުންތައް ލިބެން ހުރެ އެވެ. މި ޓެމްޕްލޭޓުތަކުގެ ތެރެއިން އެމީހަކު ބޭނުންވާ ސައިޒެއް ކަރުދާހަކަށް ޕްރިންޓުކޮށްފައި ސައިޓަށް ފޮނުވާލަނީ އެވެ. މި ކުރެހުން ހަފުތާއެއް ތެރޭ ޕްރިންޓުކޮށް، ފަހައި ނިންމައި ކަސްޓަމަރާ ހަވާލުކުރެ އެވެ. ތުއްތު ކުދިންގެ ހެދުން ސައިޒުގެ އިތުރުން، ބާބީ ޑޯލަށް ހެޔޮވަރު ސައިޒުގެ ހެދުން ވެސް ތައްޔާރުކޮށްދެ އެވެ.
މިހާތަނަށް ކަސްޓަމަރުން އަދި ޖޭމީގެ ދަރިފުޅުގެ ކުރެހުންތައް ޕްރިންޓުކޮށްފައި ހުރި ހެދުންތައް ވަރަށް ޗާލެވެ. ބުޅަލެއް ސްކޫޓަރެއް ދުއްވާ މަންޒަރު ނުވަތަ ވިއްސާރަ ދުންޏެއްގެ މަންޒަރު ފަދައިން ތަފާތު މަޖާ އަދި ކުލަގަދަ ކުރުހުންތައް ފެނެ އެވެ.
ޖޭމީގެ އުއްމީދަކީ މުސްތަގުބަލުގައި ފިރިހެން ކުދިންނަށް ވެސް ޒާތުގެ ތަފާތު ޑިޒައިނަކަށް ހެދުން ފަރުމާ ކުރުމެވެ. އަދި ކުޑަކުދިންގެ ވިސްނުމާއި އުފެއްދުންތެރިކަން އާލާކުރެވޭނެ ކަންތައްތައް ތައާރަފު ކުރުމެވެ.