ސައޫދީ ކުޅުންތެރިޔާ އަށް ހިތްވަރު ދެއްވީ މިނިސްޓަރު
ސައޫދީ ކުޅުންތެރިޔާ އަށް ހިތްވަރު ދެއްވީ މިނިސްޓަރު

ލުސެއިލް (ނޮވެމްބަރު 27) - ފީފާ ވޯލްޑް ކަޕުގައި ރޭ ޕޮލެންޑް އަތުން 2-0 އިން ސައޫދީ އަރަބިއްޔާ ބަލިވި މެޗުގައި ޕޮލެންޑުން ފަހު ލަނޑު ޖަހަން މަގުފަހިވި ގޯސް ހެދި ސައޫދީ ޑިފެންޑާރު އަބްދުالله އަލް މާލީކީ އަށް އެގައުމުގެ ސްޕޯޓްސް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ ހިތްވަރު ދެއްވައިފި އެވެ.

ސޯޝަލް މީޑީއާ ގައި ދައުރުވާ ވީޑިއޯ ކްލިޕެއްގައި މިނިސްޓަރު ފެންނަނީ މެޗަށް ފަހު ޓީމުގެ ޑްރެސިން ރޫމް ތެރޭގައި، މާޔޫސް ވެފައި އިން އަލް މާލީކީއާ ވާހަކަ ދައްކައި ހިތްވަރު ދެއްވަމުން ގެންދެވި މަންޒަރެވެ.

މެޗުން ބަލިވި ނަމަވެސް ހިތްވަރު އެލުވައި ނުލާން މިނިސްޓަރު، އެ ކުޅުންތެރިޔާ އަށް ނަސޭހަތްތެރިވި އެވެ.

ޕޮލެންޑުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ގާތް ވެފައި ވަނިކޮށެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ސައުދީ އަރަބިއްޔާ އަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. އެކަމަކު އާޖެންޓީނާ އަތުން މޮޅުކޮށްދިން ލަނޑު ޖަހައިދިން ކެޕްޓަން ސާލިމް އަލް ދައުސާރީ ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.

ޕެނަލްޓީ ނާކާމިޔާބު ވިއަސް، ސައުދީ އަރަބިއްޔާ އިން ދިޔައީ އިތުބާރާ އެކު މޮޅަށް ކުޅެމުންނެވެ. ނަމަވެސް ޕޮލެންޑަށް ލީޑު ފުޅާ ކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިތަށް ވެފައި ވަނިކޮށް އެޓީމުގެ އަލް މާލީކީ އަތުން ދޫވި ބޯޅައެއް ހޯދައި، ބާސެލޯނާ އަށް ކުޅޭ ރޮބާޓް ލެވަންޑޯސްކީ ކާމިޔާބު ކުރި ގޯލުންނެވެ. އެ ގޯލު ވީ ލެވަންޑޯސްކީ ވޯލްޑް ކަޕް ގައި ޖެހި ފުރަތަމަ ގޯލަށެވެ.

މި އަހަރުގެ ވޯލްޑް ކަޕް ގެ ފުރަތަމަ މެޗުގައި އާޖެންޓީނާ ކޮޅަށް ސައުދީ އަރަބިއްޔާއިން ވަނީ ތާރީހީ މޮޅެއް ހޯދައިފަ އެވެ. އަދި ޕޮލެންޑާ ދެކޮޅަށް ވެސް އެޓީމުން ވަނީ އާދަޔާ ހިލާފަށް މޮޅަށް ކުޅެފަ އެވެ. މެޗުގައި 60 ޕަސެންޓަށް ވުރެ ގިނަ ވަގުތު ބޯޅާ ހިފަހައްޓައިގެން ކުޅެ، ގިނަ ހަމަލާތައް ވެސް އުފެއްދީ ސައުދީ އިންނެވެ. ނަމަވެސް އެޓީމަށް ދިމާވި މައްސަލައަކީ ގޯލު ނުޖެހުމެވެ.

ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިކުރެވުމުން، ރޭގެ މެޗުން ބަލި ވިއަސް ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު ސައުދީ އަކަށް ނުގެއްލެ އެވެ. ދެވަނަ ބުރަށް ދަތުރު ކުރަން ފަހު މެޗުގައި މެކްސިކޯ ބަލުކުރުން އެޓީމަށް މުހިއްމެވެ.