ފުރަތަމަ ލެގުން ސައުތެމްޓަން އަތުން ލިވަޕޫލް ބަލިވެއްޖެ
ފުރަތަމަ ލެގުން ސައުތެމްޓަން އަތުން ލިވަޕޫލް ބަލިވެއްޖެ

ލަންޑަން (ޖެނުއަރީ 12) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ސައުތެމްޓަނުން އަމިއްލަ ދަނޑުގައި 1-0 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

ސައުތެމްޓަން ދަނޑުގައި ރޭ އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 20 ވަނަ މިނިޓްގައި ކާމިޔާބުކުރީ އިންގްލެންޑުގެ މިޑްފީލްޑަރު ނޭތަން ރެޑްމަންޑް އެވެ. މި މެޗުގައި ލަނޑު ޖަހަން އެންމެ ގިނަ ފުރުސަތުތައް ލިބުނީ ވެސް ރެޑްމަންޑަށެވެ. ފުރަތަމަ ހާފްގައި ރެޑްމަންޑް ފޮނުވާލި ދެ ހަމަލާއެއް ލިވަޕޫލް ކީޕަރު ލޮރިސް ކާރިއަސް މަތަކުރިއިރު، ދެ ވަނަ ހާފްގައި އޭނާ ފޮނުވާލި އަނެއް ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ދެ ވަނަ ލަނޑެއް ޖަހަން ސައުތެމްޓަންގެ ޑިފެންޑަރު ސެޑްރިކް ސޮއާރޭސް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު، އޭނާ އަށް ބޭނުމެއް ނުހިފުނެވެ.

ލިވަޕޫލަށް މި މެޗުގައި ލަނޑެއް ޖަހައިދިނުމަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ރޮބާޓޯ ފިރްމީނޯ އާއި އެމްރޭ ޗާން އަށެވެ. ފިރްމީނޯ ފޮނުވާލި ހަމަލާ ސައުތެމްޓަންގެ ކީޕަރު ފްރޭޒާ ފޮސްޓާ މަތަކުރިއިރު، އޭރިއާ ތެރެއިން ޗާން އަށް ލިބުނު ބޯޅަ އޭނާ ލަސްކޮށްލުމުން ފޮނުވާލެވޭ ގޮތެއްނުވި އެވެ.

މި މެޗުގެ ފަހު ހާފްގައި ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ ކުޅެން އެރުވި އެވެ. މިއީ މިދިޔަ ނޮވެމްބަރު މަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއިން ރަނގަޅުވެގެން ޓީމަށް އެނބުރި އައިސް ކޯޓީނިއޯ ކުޅުނު ފުރަތަމަ މެޗެވެ.

ލިވަޕޫލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ މި މަހު 25 ވަނަ ދުވަހު އެވެ. އެ މެޗުން ދެ ލަނޑުގެ ތަފާތަކުން މޮޅުވެގެން ނޫނީ ލިވަޕޫލަށް ފައިނަލުގެ ފުރުސަތު ނެތެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މި މެޗު ލިވަޕޫލް ފެށީ ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް ވަކި ހިސާބަކުން ޓީމުގެ ފޯކަސް މުހިއްމު ދަނޑިވަޅުގައި ގެއްލިގެން އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނީ ކަމަށެވެ.

"އަހަރެމެން ފެށީ ރަނގަޅަށް އެކަމަކު ވަކި ހިސާބަކުން ސައުތެމްޓަނަށް މެޗުގެ ކޮންޓްރޯލް ލިބި އަހަރެމެންގެ ފޯކަސް ގެއްލިއްޖެ. އޭގެ ފައިދާ ނަަގައި އެ ޓީމުން ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް މޮޅަށް ކުޅުނު،" ކްލޮޕް ބުންޏެވެ.

ސައުތެމްޓަން ކޯޗު ކްލައުޑް ޕުއެލް ބުނީ ފައިނަލަށް ދިޔުމަށް ކުރަން ޖެހޭ މަސައްކަތުގެ އެއްބައި ފުރިހަމަވީ ކަމަށާއި ކުރިޔަށް އޮތީ އެންމެ މުހިއްމު މަސައްކަތް ފުރިހަމަ ކުރުން ކަމަށެވެ.