27 ނޮވެމްބަރ 2022 - 13:39

އއ. މާޅޮހު ސްކޫލުގެ ބަޔޮލޮޖީ އާއި ކެމިސްޓްރީ ޓީޗަރުގެ މައްސަލައިގައި ދަރިވަރުން ސްކޫލަށް ފޮނުވަން ބެލެނިވެރިން ދެކޮޅު ހަދައިފި އެވެ.
އެ ސްކޫލުގެ ގްރޭޑު 9 ގެ ބެލެނިވެރިޔަކު "މިހާރު" އަށް މިއަދު ބުނީ މިދިޔަ އޮގަސްޓް މަހުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު ވެސް ބަޔޮލޮޖީ އާއި ކެމިސްޓްރީ ޓީޗަރެއް ނެތް ކަމަށެވެ. އެ ދެ މާއްދާ ކިޔަވައިދޭން ބިދޭސީ ޓީޗަރަކު ހަމަޖެއްސީ އެތައް ޝަކުވާތަކެއް ކުރި ފަހުން މި އަރުގެ ފުރަތަމަ ޓާމު ނިމެން އުޅެނިކޮށް ކަމަށް އޭނާ ބުންޏެވެ.
އެކަމަކު، ބިދޭސީ ޓީޗަރު ވެސް ދެ ހަފުތާގައި ކިޔަވައިދިނުމަށް ފަހު، ސްކޫލަށް ވެސް އެންގުމެއް ނެތި އެ ރަށުން ފުރައިގެން ދިޔައީ އެވެ.
ބަޔޮލޮޖީ އާއި ކެމިސްޓްރީއަށް ޓީޗަރަކު ނުލިބޭތީ، ގްރޭޑު 9 ގެ ކުދިން ސްކޫލަކަށް ނުފޮނުވަ އެވެ. އެ ގްރޭޑުގައި ކޮމްބައިންޑް ސްޓްރީމްގައި 10 ކުދިން ކިޔަވަ އެވެ.
އެ މައްސަލައަށް ހައްލެއް ލިބުނީމާ ނޫނީ ދަރިވަރުން ކިޔަވަން ނުފޮނުވާނެ ކަމަށް، މާޅޮހު ސްކޫލުގެ ބެލެނިވެރިން ބުނެ އެވެ.
"މި ވީ ދުވަސްތަކުގައި މިނިސްޓްރީން އެހެން ސްކޫލުތައް މެދުވެރިކޮށް ކުދިންނަށް އޮންލައިންކޮށް ކިޔަވައިދިން. އެގޮތަށް ކިޔަވައިދީފައި ހުރި އެއްޗެހި، ފަހުން ގެނައި ޓީޗަރު މި ކިޔަވައިދިނީ އޭގެ ދިމާ އިދިކޮޅަށް. ބަސްތަކުގެ ސްޕެލިންއާ އެއްޗެހި ވެސް ނުބައިކޮށް މި ހުންނަނީ. އެ ޝަކުވާތައް ދަރިވަރުން ގެއަށް އައިސް ކޮންމެ ދުވަހަކު މި ކުރަނީ،" އޭނާ ބުންޏެވެ.
އެ ކަން ހުށަހެޅި ފަހުން ޓީޗަރުގެ ކިޔަވައިދިނުމުގެ ފެންވަރު ބެލުމަށް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސްގެ ޓީމެއް އެ ރަށަށް ފޮނުވަން ނިންމި އެވެ. އެކަމަކު، އޭގެ ކުރިން ސްކޫލަށް އެންގުމެއް ވެސް ނެތި އެ ޓީޗަރު އަނބުރާ މާލެ އައިސްފައިވާ ކަމަށް އެ ބެލެނިވެރިޔާ ބުންޏެވެ.
"ދަރިވަރުން ވެސް ޕޭރެންޓުން ވެސް ވަރަށް ހިތްވަރުކޮށްފި. އިތުރު ގޮތެއް ނެތީމަ މި ފިޔަވަޅު ނެގީ،" އޭނާ ބުންޏެވެ.
މާޅޮހު ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ޝިމާނާ ވިދާޅުވީ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.