ލޭމައްޗަށް ދިއުމުގެ މައްސަލަ މުޅި ދުނިޔޭގައި ބޮޑުވެ މަރުވާ މީހުން އިތުރުވެއްޖެ
ލޭމައްޗަށް ދިއުމުގެ މައްސަލަ މުޅި ދުނިޔޭގައި ބޮޑުވެ މަރުވާ މީހުން އިތުރުވެއްޖެ

ލޭމައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވާ މީހުންގެ އަދަދު މުޅި ދުނިޔޭގައި ވެސް ބޮޑުވަމުން އަންނަ ކަމަށާއި އެ މައްސަލާގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވެއްޖެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ނުވަ މިލިއަން މީހެއްގެ މައުލޫމާތު ބޭނުންކޮށްގެން ކުރި ދިރާސާއަށް ފަހު ބުނީ ލޭމައްޗަށް ދިއުމުގެ މައްސަަލަތައް ކުރިމަތިވާ މީހުންގެ އަދަދު 1990 އިން 2015 އަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"ލޭމައްޗަށް ދިއުމުގެ މައްސަލަ ހުރި 900 މިލިއަން މީހުން އެބަތިބި ކަމަށް ބެލެވޭ. ލޭމައްޗަށް ދިއުން ކަމަށް ނުބެލެވޭ އެކަމަކު އެކަށީގެންވާ ވަރަށް ވުރެ ލޭގެ ޕްރެޝަރު މަތި މީހުންގެ އަދަދު 3.5 ބިލިއަނަށް އަރާ،" ދިރާސާގައި އިސްކޮށް ހުންނެވި، ވޮޝިންޓަން ހެލްތު އިންސްޓްޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަންގެ ކްރިސްޓޮފާ މުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޭމައްޗަށް ދިއުމަކީ އަވަހަށް މަރުވުމާއި ނުކުޅެދުންތެރިކަމާ ކުރިމަތިކުރުވާ އެންމެ އާންމު މައްސަލަ އަށް މިހާރު ވެފައިވާ ކަމަށެވެ.

މުރޭ ވިދާޅުވީ ލޭމައްޗަށް ދިއުމަށް މެދުވެރިވާ އެންމެ އާންމު ސަބަބަކީ ސިއްހަތަށް ގެއްލުން ހުރި ކާނާ ކެއުމާއި އެކަށީގެންވާ ވަރަށް ވުރެ ފަލަވުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ބަލާއިރު ލޭމައްޗަށް ދިއުމުގެ މައިގަނޑު ސަބަބެއް ކަމަށް ވަނީ ސިޓީތަކުގައި ދިރިއުޅުމަށް ހޭނި ހަރަކާތްތެރިވެ އުޅުން މަދުވުމެވެ.

މުޅި ދުނިޔެއަށް ބަލާއިރު މީހުންގެ އުމުރު ދަނީ ދިގުވަމުން ކަމަށާއި އުމުރާ އެކު ލޭގެ ޕްރެޝަރު ވެސް މައްޗަށް ދިއުމަކީ ވެސް މި މައްސަލަ ހުންނަ މީހުންގެ އަދަދު ނިސްބަތުން އިތުރުވުމުގެ ސަބަބެއްކަން މުރޭ ފާހަގަކުރެއްވި އެވެ.

"ލޭމައްޗަށް ދިއުމުގެ މައްސަލަ ވަރަށް ގިނަ ބަޔަކަށް ދަނީ ކުރިމަތިވަމުން. އަދި އެ މައްސަލަ ދަނީ ގޯސްވަމުން. އެކަމަކު ހަގީގަތަކީ މިކަމުން ސަލާމަތްވެ ތިބުމަށް ދިރިއުޅުމުގެ ވައްޓަފާޅި އާއި ބޭސްވެރިކަމުގެ ތެރެއިން ވެސް ކުރެވޭނެ ކިތަންމެ ކަމެއް ހުރިކަން،" މުރޭ ވިދާޅުވި އެވެ.

ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ހަރަދުކުރި މި ދިރާސާ ޖާނަލް އޮފް ދި އެމެރިކަން މެޑިކަލް އެސޯސިއޭޝަންގެ މި މަހުގެ 10 ވަނަ ދުވަހުގެ އަދަދުގައި ވަނީ ޝާއިއުކޮށްފަ އެވެ.