27 ނޮވެމްބަރ 2022 - 10:40

ވޯލްޑް ކަޕުގައި ރޭ މެކްސިކޯ އަތުން 2-0 އިން އާޖެންޓީނާ މޮޅުވި މެޗު ބަލަން ގަތަރުގެ ލުސެއިލް ސްޓޭޑިއަމަށް 88،966 މީހުން ވަން ކަމަށާއި މިއީ 28 އަހަރުތެރޭ ވޯލްޑް ކަޕުގެ މެޗެއް ބަލަން އެންމެ ގިނަ ބަޔަކު ވަން މެޗު ކަމަށް ފީފާ އިން ބުނެފި އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީގެ ހިތްގައިމު ލަނޑެއް ފެނިގެން ދިޔަ މި މެޗަކީ، އޭނާ އެ ގައުމުގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާގެ ދެ ރެކޯޑަކާ އެއްވަރުކުރި މެޗެއް ވެސް މެ އެވެ. އެއީ ވޯލްޑް ކަޕުގައި އާޖެންޓީނާ އަށް އެންމެ ގިނަ މެޗު ކުޅެދިނުމާއި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑެވެ.
ރޭގެ މެޗުގެ ކުރިން މި ފަހުން އެންމެ ގިނަ ބަޔަކު ކުޅިބަލަން ވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލް މެޗުގަ އެވެ. ޕެނަލްޓީ ޖަހައިގެން އިޓަލީގެ މައްޗަށް ބްރެޒިލް ކުރި ހޯދި މެޗު ބަލަން އެމެރިކާގެ ކެލިފޯނިއާގެ ރޯސް ބޯލް ސްޓޭޑިއަމަށް 91،194 މީހުން ވަނެވެ.
ވޯލްޑް ކަޕުގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ދަނޑަށް ވަނީ ބްރެޒިލްގައި 1950 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ފައިނަލުގަ އެވެ. ބްރެޒިލް އަތުން އުރުގުއޭ 2-1 އިން މޮޅުވި މެޗު ބަލަން ރިއޯ ޑި ޖެނީރޯގެ މަރަކާނާ ސްޓޭޑިއަމަށް 173،850 މީހުން ވަނެވެ.
ރޭގެ މެޗަކީ، 28 އަހަރުގެ ރެކޯޑެއް ނަމަވެސް މި މެޗު ވޯލްޑް ކަޕުގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ދަނޑަށް ވަން 30 މެޗުގެ ތެރޭގައި ނުހިމެނެ އެވެ. ވޯލްޑް ކަޕުގެ މެޗުތައް ބަލަން އެންމެ ގިނަ ބަޔަކު ދަނޑަށް ވަން ސްޓޭޑިއަމްތަކަކީ ރޯސް ބޯލް އާއި މަރަކާނާގެ އިތުރުން އިނގިރޭސި ވިލާތުގެ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމާއި ސްޕެއިނުގެ ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމާއި މެކްސިކޯގެ އެޒްޓެކް ސްޓޭޑިއަމެވެ.