27 ނޮވެމްބަރ 2022 - 14:02

ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް (އެސްއޭއެންއެޗް) ގެ ބައްދަލުވުން މާދަމާ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި ފަށަން ތައްޔާރުވެއްޖެ އެވެ.
އެމްއެންޔޫ އިން ބުނީ މި ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.
ޖުމްލަ އަށް ގައުމަކުން 150 އަށް ވުރެ ގިނަ މީހުން އެ ބައްދަލުވުމުގައި ބައިވެރިވާނެ އެވެ. އޭގެތެރޭގައި، ރާއްޖެ އާއި، ބަންގްލަދޭޝް އާއި ބޫޓާނާއި އިންޑިއާ އާއި ނޭޕާލާއި ޕާކިސްތާނާއި ސްރީ ލަންކާ އަދި އިނގިރޭސިވިލާތުގެ ބައިވެރިން ހިމެނެ އެވެ.
ނައިޓްރޮޖަން އަކީ ގުދުރަތީ ގޮތުން އުފެދޭ ހުރިހާ ދިރޭއެއްޗަކަށް ބޭނުންވާ ގޭހެކެވެ. އެ ތަކެތި ނޭވާލާ ވައިގެ 78 ޕަސެންޓަކީ ނައިޓްރޮޖަން ގޭހެވެ. ނަމަވެސް، އިންސާނުން ކުރާ ބައެއް ކަހަލަ ކަންކަމުގެ ސަބަބުން ނައިޓްރޮޖެން ތަޣައްޔަރުވެ، ވަޔާއި ވެލިގަނޑު ނުސާފުވެ، އިންސާނުންނާއި އެހެނިހެން ދިރޭތަކެތީގެ ސިއްހަތަށް ނުރައްކާވެ އެވެ.
އެސްއޭއެންއެޗްގެ ބައްދަލުވުމުގެ އަމާޒަކީ ދެކުނު އޭޝިއާ އާއި އިނގިރޭސިވިލާތުގެ ރިސާޗް އޮގަނައިޒޭޝަންތަކުގެ ތަޖުރިބާކާރުން އެއްވެ، ނައިޓްރޮޖެންގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް މަޝްވަރާ ކުރުމެވެ.
އެމްއެންޔޫ އިން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ދަނޑުވެރިކަމުގައި ނައިޓްރޮޖެން މެނޭޖްކުރުން ރަނގަޅު ކުރެވޭނެ ގޮތުގެ ދިރާސާތަކާއި ދިރޭތަކެއްޗާއި އެތަކެތި ދިރިއުޅޭ ވެއްޓަށް ނައިޓްރޮޖެންގެ އަސަރުކުރާ ގޮތްތައް ތަހުގީގުކުރުން ހިމެނެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ދެކުނު އޭޝިއާގައި ކާތަކެތި އުފައްދަން 12 މިލިއަން ޓަނުގެ ނައިޓްރޮޖެން، ގަސް ކާނާގައި ބޭނުން ކުރެ އެވެ. ނަމަވެސް، އޭގެތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓު އިސްރާފުވެ އެތައް ގޮތަކުން ނައިޓްރޮޖަން ތަޣައްޔަރުވުމަށް މަގުފަހިވެ އެވެ.