27 ނޮވެމްބަރ 2022 - 09:58

އަލް ކޯރު (ނޮވެމްބަރު 27) - ސްޕެއިންއާ ދެކޮޅަށް ޖަރުމަނުން ގުރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި މިރޭ ނުކުންނާނީ ފުޓުބޯޅައަށް ފޯކަސް ކޮށްގެން، އެ މެޗަކީ މުބާރާތުގެ ފުރަތަމަ ފައިނަލް މެޗު ކަމުގައި ދެކިގެން ކަމަށް ޖަރުމަންގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އެއް ޖިންސުން ގުޅުން ހިންގަން ހިތްވަރުދޭ 'ވަންލަވް' ކެޕްޓަން ބޭންޑް އެޅުން މަނާ ކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް ހަޅުތާލު ކުރަމުން ޖަރުމަން ފެށި ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު ނިމުނީ ލަދުވެތި ގޮތަކަށް ޖަޕާން އަތުން 2-1 އިން ބަލި ވެގެންނެވެ. ސްޕެއިން އަތުން ދެވަނަ މެޗުގައި އެޓީމު ބަލި ވެއްޖެ ނަމަ މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ޖަރުމަނަށް ގެއްލޭނެ އެވެ.
"އަހަރެންގެ ހުރިހާ ވެސް ފޯކަސް އެއް ހުރީ ފުޓުބޯޅަ އަށް. އަހަރެމެން ކުޅެންވީ ގޮތުގެ ތަސައްވުރެއް އެބަ އޮތް. އަހަރެމެން 100 ޕަސެންޓް ނުދޭނަމަ، އެއީ އިދިކޮޅުން ނުކުންނަ ބަޔަކަށް ދެވޭ ޖާގައެއް. ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައި ވީ އެހެން. އެއީ ވަރަށް ހިތިކޮށް ކުރިމަތިވި ބައްޔެއް، އެކަން އަހަރެމެންނަށް އެވޮއިޑް ކުރެވުނީސް،" މިދިޔަ އަހަރުގެ ޔޫރޯ އަށް ފަހު ޖަރުމާން ޓީމާ ހަވާލުވި ކޯޗު ފްލިކް ބުންޏެވެ.
ޖަރުމަން އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް މުބާރާތާ ކުރިމަތިލީ، 2014 ވަނަ އަހަރުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ނަމަވެސް ރަޝިއާގައި އެޓީމު ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު އޮތް ޔޫރޯ ގައި ޖަރުމަން ކެޓީ ނޮކައުޓް ބުރުގެ ފުރަތަމަ މެޗުން ބަލި ވެގެންނެވެ.
"އެންމެ ފަހު ދެ މުބާރާތް ނިމުނީ ރަނގަޅަކަށް ނޫން. މިކަން ތަކުރާރުވާކަށް އަހަރެމެން ބޭނުމެއް ނޫން. ވަރަށް ބޮޑަށް ފޯކަސް ކޮށްގެން މިތިބީ. މިއީ ވޯލްޑް ކަޕްގެ ފުރަތަމަ ފައިނަލް ކަމަށް ދެކިގެން، އެއީ އެކަން ތަކުރާރު ނުކުރާން ވެގެން،" ފްލިކް ބުންޏެވެ.
އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ޖަޕާނާ ދެކޮޅަށް ނުކުޅެވުނު ވިންގާ ލީރޮއީ ސާނޭ އަންނަނީ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން ކަމަށެ ފްލިކް ވަނީ ހާމަ ކޮށްފަ އެވެ. ނަމަވެސް ސްޕެއިން މެޗުގައި އޭނާ ބޭނުން ކުރުމާ މެދު ގޮތެއް ނިންމާނީ އެންމެ ފަހުގެ ފަރިތަކުރުންތަކަށް ފަހު ކަމަށް ވެސް އޭނާ ބުންޏެވެ.
ފުރަތަމަ މެޗުގައި ޖަޕާން އަތްދަށު ވިއަސް، މެޗެއްގެ ކޮންޓްރޯލް ނަގައިގެން ސްޕެއިން އާ އެންމެ އެއްގޮތް ސްޓައިލަކަށް ކުޅޭ ޓީމަކީ ޖަރުމަން ކަމަށް، ސްޕެއިންގެ ކޯޗު އެންރީކޭ ވަނީ ބުނެފަ އެވެ.
ސްޕެއިން އާއި ޖަރުމަން ބައްދަލުކުރާ މެޗް ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ. މެޗުގެ ސްކޯ ދިމާ ކުރުމުގެ ފުރުސަތު މެޗު ފެށެންދެން "މިހާރު" ގެ ސްކޯ ޕްރެޑިކްޓާގައި ވަނީ ހުޅުވާލައިފަ އެވެ.