ދެ ވަނަ ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމަކީ ޗެމްޕިއަން ފްރާންސް
ދެ ވަނަ ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމަކީ ޗެމްޕިއަން ފްރާންސް

ދޯހާ (ނޮވެމްބަރު 26) - ކީލިއަން އެމްބާޕޭގެ ދެ ގޯލާ އެކު ޑެންމާކް 2-1 އިން ބަލިކޮށް މި އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ޗެމްޕިއަން ފްރާންސް ވެއްޖެ އެވެ.

ދެ ވަނަ ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމަކީ ޗެމްޕިއަން ފްރާންސް
ދެ ވަނަ ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމަކީ ޗެމްޕިއަން ފްރާންސް

މި އަހަރުގެ ނޭޝަންސް ލީގުގައި ފްރާންސް އިން ޑެންމާކާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލި ވެފަ އެވެ. އެންމެ ފުރަތަމަ ޖޫން މަހު އަމިއްލަ ގައުމުގައި ބަލިވީ 2-1 އިންނެވެ. އަދި ސެޕްޓެމްބަރު މަހު ޑެންމާކުގައި ކުޅުނު މެޗުން ބަލިވީ 2-0 އިންނެވެ.

ދެ ވަނަ ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމަކީ ޗެމްޕިއަން ފްރާންސް
ދެ ވަނަ ބުރުން ފުރުސަތު ހޯދި ފުރަތަމަ ޓީމަކީ ޗެމްޕިއަން ފްރާންސް

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފްރާންސް ވަނީ އޮސްޓްރޭލިއާ ބަލި ކޮށްފަ އެވެ.

މިރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހުނު ނަމަވެސް ގިނަ ހަމަލާ އުފެއްދީ ޑިޑިއޭ ޑިޝޭމްޕްސްގެ އިރުޝާދުގެ ދަށުން ކުޅުނު ފްރާންސުންނެވެ. ނަމަވެސް އޮލިވިއޭ ޖިރޫ އަދި އެމްބާޕޭ އަށް ވެސް އުސްމާން ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުސަތުތަކުގައި މާ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ.

މެޗުގައި ފްރާންސް އިން ވަނީ ދެ ފަހަރު ވެސް ލީޑު ނަގައިފަ އެވެ. އެންމެ ފުރަތަމަ ފްރާންސަށް ލީޑު ނަގައިދިނީ 61 ވަނަ މިނިޓުގައި ލޫކަސް ހެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެމްބާޕޭ ޖެހި ގޯލުންނެވެ. ނަމަވެސް ޑެންމާކުން ނަތީޖާ އެއްވަރުކުރަން މާ ގިނައިރެއް ނުނެގި އެވެ. އޭގެ ހަތް މިނިޓު ފަހުން ކްރިސްޓިއަން އެރިކްސަން ނެގި ނުރައްކާތެރި ކޯޗަރެއްގައި ބޮލުން ޔޯކިމް އެންޑަސަން ގޯލު ކުރިމައްޗަށް ޖައްސާލި ބޯޅައިން ޑެންމާކަށް ނަތީޖާ އެއްވަރު ކޮށްދިނީ އަންޑްރެއަސް ކްރިސްޓެންސެން އެވެ.

އެމްބާޕޭ، ފްރާންސް އަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނީ 84 ވަނަ މިނިޓުގައި އެންޓޮއިން ގްރީޒްމަން ނަގައިދިން ހުރަހެއް ގޯލަށް ވައްދާލައިގެންނެވެ. އޭގެ ކުރިން ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ޑެންމާކުގެ ޕިއޭ އެމީލް ހޮއިބިއޭ އަދި މާޓިން ބްރެއިޓްވެއިޓް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއު ކޮށްފަ އެވެ.

އެމްބާޕޭ ވަނީ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. އަދި އޭގެ ކުރިން، 2018 ވަނަ އަހަރުގެ ފައިނަލް ގައި ވެސް އޭނާ ގޯލު ޖެހި އެވެ. މިރޭގެ ދެ ލަނޑާ އެކު އޭނާ ވަނީ ވޯލްޑް ކަޕް ގައި ފްރާންސަށް ހަތް ގޯލު ޖަހައިދީ، މުބާރާތުގައި އެ ޓީމަށް ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލައިފަ އެވެ.

މީގެ ވޯލްޑް ކަޕް މުބާރާތުގައި ފްރާންސަށް ދެ ވަނައަށް އެންމެ ގިނަ ގޯލު ޖަހައިފައި ވަނީ، ހަ ގޯލު ޖަހައިފައިވާ ތިއެރީ އޮންރީ އެވެ. މިހާތަނަށް އެންމެ ގިނަ ގޯލު ޖެހީ، 13 ގޯލު ޖަހައިފައިވާ ކުރީގެ ފޯވާޑް ޖަސްޓް ފޮންޓެއިން އެވެ. އޭނާގެ ހުރިހާ ގޯލެއް ވެސް ޖަހައިފައި ވަނީ 1958 ވަނަ އަހަރުގެ މުބާރާތުގަ އެވެ.

ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި ޑެންމާކާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ޑެންމާކަށް ދެވަނަ ބުރުން ޖާގަ ލިބެން އޮތީ ފަހު މެޗުގައި އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ.

އޮސްޓްރޭލިއާ ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވި ނަމަވެސް، އެޓީމުން ވަނީ ދެވަނަ މެޗުގައި މިއަދު ޓިއުނީޝިއާއާ ދެކޮޅަށް ކުޅެ މޮޅުވެފަ އެވެ.