ލެވަންޑޯސްކީގެ ފުރަތަމަ ގޯލާ އެކު ޕޮލެންޑުން ސައުދީ އަރަބިއްޔާ ބަލިކޮށްފި
ލެވަންޑޯސްކީގެ ފުރަތަމަ ގޯލާ އެކު ޕޮލެންޑުން ސައުދީ އަރަބިއްޔާ ބަލިކޮށްފި

އަލް ރައްޔާން (ނޮވެމްބަރު 26) - ރޮބާޓް ލެވަންޑޯސްކީ ފީފާ ވޯލްޑް ކަޕް މުބާރާތެއްގައި ޖެހި ފުރަތަމަ ގޯލާ އެކު 2-0 އިން ސައުދީ އަރަބިއްޔާ ބަލިކޮށް ޕޮލެންޑުން ގަދަ 16 ގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ލެވަންޑޯސްކީގެ ފުރަތަމަ ގޯލާ އެކު ޕޮލެންޑުން ސައުދީ އަރަބިއްޔާ ބަލިކޮށްފި
ލެވަންޑޯސްކީގެ ފުރަތަމަ ގޯލާ އެކު ޕޮލެންޑުން ސައުދީ އަރަބިއްޔާ ބަލިކޮށްފި

ކެޕްޓަން ލެވަންޑޯސްކީ އަކީ ޕޮލެންޑްގެ ގައުމީ ޓީމަށް އެމންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. ކެރިއަރުގައި 600 އަށް ކުރެ ގިނަ ގޯލު ޖަހައިފައިވާ ލެވަންޑޯސްކީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ޖެހި ގޯލަކީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 77 ވަނަ ގޯލެވެ.

މިއީ އުމުރުން 34 އަހަރުގެ ލެވަންޑޯސްކީ ކުޅޭ ދެވަނަ ވޯލްޑް ކަޕް މުބާރާތެވެ. އެންމެ ފަހުން ރަޝިއާގައި ބޭއްވި މުބާރާތުގައި ވެސް ޕޮލެންޑް ނުކުތީ ލެވަންޑޯސްކީގެ ކެޕްޓަން ކަމުގަ އެވެ.

ފޭވަރިޓުން ކަމަށްވާ އާޖެންޓީނާ ބަލިކޮށްފައި މި މެޗާ ކުރިމަތިލި ސައުދީ އަރަބިއްޔާ ކައިރިން ޕޮލެންޑު ލީޑު ހޯދީ، ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ނަޕޯލީ އަށް ކުޅޭ މިޑްފީލްޑަރު ޕިއޮޓްރަ ޒިއެލިންސްކީ އެވެ. އޭގެ އިރުކޮޅެއް ފަހުން ސައުދީ އަށް ނަތީޖާ އެއްވަރު ކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ.

ސައޫދީ އަރަބިއްޔާގެ ފޯވާޑް ސާލިހް އަލް ޝެހްރީ އަށް އޭރިއާ ތެރެއިން ފައުލް ކޮށްގެން ވީއޭއާރު ބެލުމަށް ފަހު ރެފްރީ ދިން އެ ޕެނަލްޓީ ފޮނުވާލީ ކެޕްޓަން ސާލިމް އަލް ދައުސާރީ އެވެ. ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ، ޕޮލެންޑްގެ ގޯލްކީޕަރު ވޮއިޒެކް ޝެޒްނީ ދިފާއު ކުރި އިރު ރީބައުންސް ބޯޅަ އިގައި މުހައްމަދު އަލް ބެރިކް ފޮނުވާލި ބޯޅަ ވެސް ދިފާއު ކުރި އެވެ.

ދެވަނަ ހާފުގައި ލީޑު ފުޅާކުރަން ވެސް ޕޮލެންޑަށް ފުރުސަތު ލިބުނެވެ. އާކަޑިއޫޒް މިލިކް ބޮލުން ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިރު، ލެވަންޑޯސްކީ ފޮނުވާލި ބޯޅައެއް ވެސް ވަނީ ގޯލު ދަނޑީގައި ޖެހިފަ އެވެ. އަދި ލެވަންޑޯސްކީ އަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި އޭނާ އަށް ލިބުމުގެ ކުރިން ސައުދީގެ ކީޕަރު މުހައްމަދު އަލް އުވެއިސް ވަނީ އޭރިއާ ބޭރަށް ނުކުމެ ދިފާއު ކޮށްފަ އެވެ.

މެޗުގެ ފަހު ވަގުތު ސައުދީ އިން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. ޕޮލެންޑްގެ ދެވަނަ ލަނޑު ލެވަންޑޯސްކީ ކާމިޔާބު ކުރީ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ވަނިކޮށް ސައުދީގެ ފަހަތުން ހެދުނު ބޮޑު ގޯލެއްގެ ފައިދާ ނަގައެވެ.

އެއަށް ފަހު ވެސް ލެވަންޑޯސްކީ އަށް ހުސް ފުރުސަތެއް ލިބުނެވެ. ނަމަވެސް މިފަހަރު އޭނާ ކީޕަރު ބޯ މަތިން ފޮނުވާލަން ޖެއްސި ބޯޅަ، ކީޕަރު އުވެއިސް ދިފާއު ކުރި އެވެ. އޭނާ ދިފާއުކުރި ބޯޅަ އަތުން ދޫވި ވަގުތު ދެވަނަ ފަހަރަށް ލެވަންޑޯސްކީ ހޯދުމުގެ ކުރިން ދިފާއުކުރީ މުހައްމަދު އަލް ބްރެއިކް އެވެ.

ގުރޫޕް ސީ ގައި ޕޮލެންޑް ކުޅުނު ފުރަތަމަ މެޗުން ވަނީ މެކްސިކޯއާ ދެކޮޅަށް ކުޅެ އެއްވަރު ކޮށްފަ އެވެ. އެ ޓީމުގެ ފަހު މެޗުގައި ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. ސައުދީ އަރަބިއްޔާގެ ފަހު މެޗު ކުޅޭނީ މެކްސިކޯއާ ދެކޮޅަށެވެ.