ވޯލްޑް ކަޕްގައި 12 އަހަރު ފަހުން އޮސްޓްރޭލިއާ މޮޅެއް ހޯދައިފި
ވޯލްޑް ކަޕްގައި 12 އަހަރު ފަހުން އޮސްޓްރޭލިއާ މޮޅެއް ހޯދައިފި

އަލް ވަކްރާ (ނޮވެމްބަރު 26) - ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ލަނޑުން 1-0 އިން ޓިއުނީޝިއާ ބަލިކޮށް އޮސްޓްރޭލިއާ އިން 12 އަހަރު ފަހުން ވޯލްޑް ކަޕް މުބާރާތުގައި ފުރަތަމަ ފަހަރަށް މޮޅުވެ، ދެވަނަ ބުރަށް ދިޔުމުގެ އުންމީދު ހޯދައިފި އެވެ.

މިއީ އޮސްޓްރޭލިއާ ވޯލްޑް ކަޕް މެޗަކުން މޮޅެއް ހޯދި ތިންވަނަ ފަހަރެވެ. އެންމެ ފަހުން އެޓީމް މޮޅުވީ 2010 ވަނަ އަހަރު ގުރޫޕް ސްޓޭޖުގައި ސާބިއާ އަތުންނެވެ. ފުރަތަމަ މޮޅަކީ އޭގެ ކުރިން 2006 ވަނަ އަހަރު ޖަޕާން އަތުން ހޯދި މޮޅެވެ.

އޮސްޓްރޭލިއާ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު 23 ވަނަ މިނިޓުގައި ބޮލުން ޖެހީ ފޯވާޑް މިޓްޝެލް ޑޫކް އެވެ. ލަނޑަށް ފަހު ޓިއުނީޝިއާ އާ ހިތްވަރަކާ އެކު ފެށި އެވެ. މިހާފުގައި ލަނޑެއް ނުޖެހުނު ނަމަވެސް ނުރައްކާތެރި ހަމަލާތަކެއް ވަނީ ފޮނުވާލައިފަ އެވެ.

ޑިފެންޑަރު މުހައްމަދު ޑްރޭގާ ފޮނުވަލި ހަމަލާ ބްލޮކް ކުރީ ޑިފެންޑަރު ހެރީ ސޫޓޯ އެވެ. ނަމަވެސް ޔޫސުފް މަސްކާނީ އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. ފަހު ހާފުގައި ވެސް އެ ޓީމުން އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާ ކުރި އިރު ދިފާއު ކުރީ އެޓީމުގެ ކެޕްޓަން، ގޯލްކީޕަރު މެތިއު ރަޔާން އެވެ.

ޓިއުނީޝިއާގެ ފުރަތަމަ މެޗުގައި ވަނީ ޑެންމާކާ އެއްވަރު ކޮށްފަ އެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާ ދެކޮޅަށް ކުޅެ އޮސްޓްރޭލިއާ ވަނީ ފުރަތަމަ މެޗުން ބަލި ވެފަ އެވެ.

ގުރޫޕްގެ ފަހު މެޗުގައި އޮސްޓްރޭލިއާ އިން ޑެންމާކާ ދެކޮޅަށް ނުކުންނަ އިރު، ފްރާންސް އާއި ޓިއުނީޝިއާ ވެސް ކުޅޭނެ އެވެ.

އޮސްޓްރޭލިއާގެ އެންމެ ކާމިޔާބު ވޯލްޑް ކަޕް މުބާރާތަކީ 2006 ވަނަ އަހަރު ޖަރުމަންގައި އޮތް މުބާރާތެވެ. ޓިމް ކޭހިލް އާއި ހެރީ ކެވެލް އަދި މާކް ވިޑޫކާ ފަދަ ކުޅުންތެރިންނާ އެކު އެ އަހަރު ގަދަ 16 އަށް ދަތުރު ކުރި އެވެ.