08 ޖޫން 2016 - 14:30

ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތުގައި ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން އޭނާއަށް ފަސް ދުވަހުގެ ފުރުސަަތެއް ދީފި އެވެ.
ގަޔަށް އަތްލި ކަމަށް ބުނެ ފިޔާޒަށް ދައުވާކުރަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މުލިއާގެ ކައިރިން ބޮމެއް ފެނިގެން ބައެއް ސަރަހައްދުތައް ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނިކޮށް ފުލުހުންނަށް ހުރަސް އަޅައި، ފުލުހެއްގެ މޭ މަތީގައި ޖެހި ކަމަށް ބުނެއެވެ.
އެ މައްސަލާގައި ޖަވާބުދާރީވާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ފިޔާޒް ބުނުމުން ކޯޓުން މިއަދު ވަނީ ފަސް ދުވަހުގެ މުއްދަތެއް ފިޔާޒަށް ދީފަ އެވެ. ދެން އޮންނަ އަޑުއެހުން މިމަހުގެ 14 ވަނަ ދުވަހު އޮންނާނެ އެވެ.
އެ މައްސަލާގައި ފިޔާޒަށް ފުރަތަމަ އުފުލީ ޖެހުމުގެ ދައުވާ ކަމަށްވިޔަސް ފަހުން ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.