ގަވީ ފުޓްބޯޅައިގައި ރަސްކަންކުރާނެ: އެންރީކޭ
ގަވީ ފުޓްބޯޅައިގައި ރަސްކަންކުރާނެ: އެންރީކޭ

އަލް ކޯރު (ނޮވެމްބަރު 27) - ބާސެލޯނާ އަށް ކުޅޭ ސްޕެއިނުގެ ޒުވާން މިޑްފީލްޑަރު ގަވީ އަކީ ދިގު މުއްދަތަކަށް ފުޓުބޯޅައިގައި ރަސްކަން ކުރާނެ ކުޅުންތެރިއެއް ކަމަށް، ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ މިރޭ ބުނެފި އެވެ.

ގަވީ ފުޓްބޯޅައިގައި ރަސްކަންކުރާނެ: އެންރީކޭ
ގަވީ ފުޓްބޯޅައިގައި ރަސްކަންކުރާނެ: އެންރީކޭ

ސްޕެއިން އިން ފުރަތަމަ މެޗުގައި ކޮސްޓަ ރިކާ އާ ދެކޮޅަށް ކުޅެ 7-0 އިން މޮޅުވި މެޗުގައި ގޯލު ވެސް ޖެހި 18 އަހަރުގެ މިޑްފީލްޑަރު ވަނީ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. އެއީ ސްޕެއިން އިން ވޯލްޑް ކަޕް މުބާރާތެއްގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗު ވެސް މެ އެވެ.

މިއާ އެކު ގަވީ ވެފައި ވަނީ 1958 ވަނަ އަހަރު ބްރެޒިލްގެ ލެޖެންޑް ޕެލޭ އަށް ފަހު ވޯލްޑް ކަޕް މުބާރާތެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ކޯޗު އެންރީކޭ އެންމެ ފުރަތަމަ ގަވީ އަށް ސްޕެއިންގެ ސީނިއާ ޓީމުން ޖާގަ ދިނީ 2021 ވަނަ އަހަރު އޮކްޓޫބަރުގަ އެވެ. އޭރު އޭނާ ބާސެލޯނާގެ ސީނިއާ ޓީމާ އެކު ކުޅޭތާ ވީ އެންމެ ދެ މަހެވެ. އަދި އޭނާ އަންނަނީ ސީނިއާ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފަމުންނެވެ.

"އެންމެ އަޖައިބު ކުރުވަނިވި ކަމަކީ އުމުރުން އެންމެ 18 އަހަރާއި 100 ދުވަހުގެ ކުޅުންތެރިއެއްގެ އަމިއްލަ ނަފްސަށް އެހާ ބޮޑު އިތުބާރެއް އޮތުން،" މެޗްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެންރީކޭ ބުންޏެވެ.

"ޕޮޒިޝަނިންގައި ވެސް އޭނާގެ ތޫނުފިލި ކަމާއި، 18 އަހަރުގައި ވެސް ފުޓުބޯޅައިގެ ޓެކްނިކަލް ކަންކަން ޑޮމިނޭޓް ކުރާ ގޮތާއި، އޭނާގެ ފިޒިކަލް ކެޕޭސިޓީ އަށް ބަލައިލަމާ. އަހަރެމެން ކެތްތެރި ވާން ވާނެ، ފުޓުބޯޅައިގެ ދުނިޔޭގައި މިއީ އޭނާގެ ދައުރަކަށް ހެދިދާނެ."

ގަވީ ވަނީ މިހާތަނަށް ސްޕެއިންގެ ގައުމީ ޓީމަށް 14 މެޗު ކުޅެދީ، ތިން ގޯލު ޖަހައިދީފަ އެވެ. އޭނާ އަކީ އިޓަލީގެ 'ޓުޓޯސްޕޯޓް' އިން އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާއަށް ދޭ ގޯލްޑެން ބޯއީ އެވޯޑް މިއަހަރު ހާސިލް ކުރި ކުޅުންތެރިޔާ އެވެ. އަދި 'ފްރާންސް ފުޓްބޯލް' މަޖައްލާއިން ބާއްވާ ބެލޮންޑިއޯ ހަފްލާގައި ފާއިތުވި ސީޒަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ ކޮޕާ ޓްރޮފީ ވެސް ހާސިލް ކުރީ އޭނާ އެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖަޕާން އަތުން ހިތި ގޮތަކަށް 2-1 އިން ބަލިވި ޖަރުމަނުން، ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު ސްޕެއިންއާ ދެކޮޅަށް ނުކުންނާނީ މޮޅުވާން މަޖުބޫރު މެޗަކަށެވެ. އެ މެޗުން ބަލި ވެއްޖެ ނަމަ ޖަރުމަން މުބާރާތުން ކަޓާނެ އެވެ.

"އެމީހުންގެ ޖޯޒީ އަށް ބަލައިލާއިރު ހަތަރު ތަރި ފެންނާނެ، އަހަރެން އެމީހުންނާ ދެކޮޅަށް ކުޅުނިން (ވޯލްޑް ކަޕް ގައި) 1994 ވަނަ އަހަރު، އެމީހުންގެ ފިޒިކަލް ލެވަލް ތަފާތު. ވާދަކުރަން ދަންނަ ބަޔަކު ނަމަ އެ ބަޔަކީ ޖަރުމަން. އެމީހުންގެ ތާރީހެއް އެބަ އޮތް އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން އެ މީހުންގެ އެބަތިބި،" ސްޕެއިން ގައުމީ ޓީމާ އެކު މީގެ ކުރިން ތިން ވޯލްޑް ކަޕް މުބާރާތެއްގައި ކުޅުނު އެންރީކޭ ބުންޏެވެ.

އެންރީކޭ އިތުރަށް ބުނީ އޭނާ އަކީ މައްސަލަތަކާ ކުރިމަތިލާން މޮޅު މީހެއް ކަމަށާއި، ކޮންމެ ކަމެއްގައި ވެސް އެންމެ ރަނގަޅު ގޮތް ވުމަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ސްޕެއިންގެ މި ޓީމުގެ މިހާ ވަރުގަދަ ވާޝަނެއް ފެނިދާނެ ކަމަށް އޭނާ އުއްމީދު ކޮށްފައި ނުވާނެ ކަމަށް ވެސް އެންރީކޭ ބުންޏެވެ.