26 ނޮވެމްބަރ 2022 - 10:14

ވޯލްޑް ކަޕުގައި ރޭ އެމެރިކާ އަތުން އިންގްލެންޑް މޮޅުވި ނަމަ ދެ ވަނަ ބުރުން ޖާގަ ހޯދާ ފުރަތަމަ ޓީމަކަށް އެ ޓީމު ވީހެވެ. އެކަމަކު ރޭގެ މެޗު 0-0 އިން އެއްވަރުވުމުން އިންގްލެންޑަށް އިތުރު އިންތިޒާރެއް ކުރަން މިވަނީ ޖެހިފަ އެވެ. އެހެންވިޔަސް ގްރޫޕް ބީ ގެ ޕޮއިންޓް ޓޭބަލް ދައްކާ ގޮތުން، އިންގްލެންޑަށް މިހާރު ވެސް ވަނީ ގާތްގަނޑަކަށް ދެ ވަނަ ބުރުގެ ފުރުސަތު ކަށަވަރުވެފަ އެވެ. ސަބަބަކީ އެ ޓީމު ކަޓާނީ، ވުމަށް ވުރެ ނުވުން ގާތް ކަމެއް މެދުވެރިވެގެން ކަމަށް ވާތީ އެވެ. އެއީ ފަހު މެޗުގައި ވޭލްސް އަތުން ތަފާތު ބޮޑުކޮށް ބަލިވުމެވެ.
ކޮންމެ ޓީމެއް ދެ މެޗު ކުޅެ ނިމުނުއިރު ހަތަރު ޕޮއިންޓާ އެކު މި ގްރޫޕުގެ އެއް ވަނައިގައި އޮތީ އިންގްލެންޑެވެ. ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އީރާނެވެ. އެމެރިކާ ދެ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު އެއް ޕޮއިންޓާ އެކު ފުލުގައި އޮތީ ވޭލްސް އެވެ.
ފަހު މެޗުތަކުގައި އަންގާރަ ދުވަހުގެރޭ ބައްދަލުކުރާނީ އިންގްލެންޑާއި ވޭލްސް އަދި އީރާނާއި އެމެރިކާ އެވެ.
މީގެ ތެރެއިން އީރާނާއި އެމެރިކާ ކުޅެ މޮޅުވާ ޓީމަކަށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުވާނެ އެވެ. އެ ހާލަތުގައި ދެ ވަނަ ބުރުގެ ދެ ވަނަ ޖާގަ ލިބޭ ޓީމެއް ކަނޑައެޅޭނީ ހަމަ އެގަޑީގައި އިންގްލެންޑާއި ވޭލްސް ކުޅޭ މެޗުންނެވެ. އެ މެޗުން މަދުވެގެން ޕޮއިންޓެއް ހޯދިޔަސް ފަހު ޖާގަ އިންގްލެންޑަށް ލިބޭނެ އެވެ.
އިންގްލެންޑް ބަލިވެއްޖެ ނަމަ އެ ޓީމާއި ވޭލްސްއާ ޕޮއިންޓުގެ ގޮތުން އެއްވަރުވާނެ އެވެ. ލަނޑުގެ ތަފާތަށް ބަލާއިރު އިންގްލެންޑަށް ފައިދާ ހަތަރު ގޯލް އެބައޮތެވެ. ވޭލްސް އޮތީ ގެއްލުން ދެ ގޯލާ އެކު އެވެ. މާނާ އަކީ އިންގްލެންޑް އަތުން ހަތަރު ލަނޑުގެ ތަފާތުން ނޫން ގޮތަކަށް މޮޅުވެގެން ލަނޑުގެ ތަފާތުން އިންގްލެންޑުގެ މައްޗަށް ކުރި ލިބުމުގެ ފުރުސަތެއް ވޭލްސް އަށް ނެތުމެވެ. އެއީ ތިން ލަނޑުގެ ތަފާތުން ވޭލްސް މޮޅުވިޔަސް، ދެ ޓީމު ލަނޑުގެ ތަފާތުން އެއްވަރުވެ، ޖެހި ލަނޑަށް ބަލާއިރު އިންގްލެންޑް ކުރީގައި އޮންނާނެތީވެ އެވެ.
އަނެއް ގޮތަކީ އީރާނާއި އެމެރިކާ އެއްވަރުވުމެވެ. އެ ހާލަތުގައި އެމެރިކާ ކަޓާނެ އެވެ. އަދި އަނެއް މެޗުން އިންގްލެންޑާއި ވޭލްސް އެއްވަރުވިޔަސް ނުވަތަ ވޭލްސް އަތުން އިންގްލެންޑް މޮޅުވިޔަސް އިންގްލެންޑާއި އީރާން ދެ ވަނަ ބުރަށް ދާނެ އެވެ.
އެކަމަކު އީރާނާއި އެމެރިކާ އެއްވަރުވެ، އަދި އިންގްލެންޑް އަތުން ވޭލްސް މޮޅުވެއްޖެ ނަމަ ތިން ޓީމު (އިންގްލެންޑް، އީރާން އަދި ވޭލްސް) ޕޮއިންޓުގެ ގޮތުން އެއްވަރުވާނެ އެވެ. އެ ހާލަތުގައި، ވެސް އިންގްލެންޑް ކަޓާނީ ވޭލްސް އަތުން ހަތް ލަނޑުގެ ތަފާތަކުން ބަލިވެއްޖެ ނަމަ އެވެ. އޭރުން ދެ ވަނަ ބުރަށް ދާނީ އީރާނާއި ވޭލްސް އެވެ. އެއަށް ވުރެ ތަފާތު ކުޑަ ނަތީޖާއަކުން ވޭލްސް އަތުން އިންގްލެންޑް ބަލިވެއްޖެ ނަމަ ދެ ވަނަ ބުރަށް ދާނީ އިންގްލެންޑާއި ވޭލްސް އެވެ.
އެހެންވެ ކޮންމެ ހާލަތެއްގައި ވެސް އިންގްލެންޑް ކަޓާނީ ވޭލްސް އަތުން ބޮޑު ތަފާތަކުން އިންގްލެންޑް ބަލިވެގެންނެވެ. ދެ ޓީމުގެ ފެންވަރާއި ހާލަތަށް ބަލާއިރު އެއީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.