އިންޑިއާގެ ދިދަ ކުރަހާފައިވާ ފައިފުހި އެމެޒޮންގައި ވިއްކާތީ އިންޒާރު ދީފި
އިންޑިއާގެ ދިދަ ކުރަހާފައިވާ ފައިފުހި އެމެޒޮންގައި ވިއްކާތީ އިންޒާރު ދީފި

އިންޑިއާގެ ގައުމީ ދިދައާ އެއްގޮތަށް ހަދާފައިވާ ފައިފަހު، އޮންލައިން ފިހާރަ އެމޭޒޮންގައި ވިއްކުމުން އިންޑިއާގެ ފޮރިން މިނިސްޓަރު ނުރުހުން ފާޅުކުރައްވައިފި އިންޒާރު ދެއްވައިފި އެވެ.

އިންޑިއާގެ ދިދަ ކުރަހާފައިވާ ފައިފުހި އެމެޒޮންގައި ވިއްކާތީ އިންޒާރު ދީފި
އިންޑިއާގެ ދިދަ ކުރަހާފައިވާ ފައިފުހި އެމެޒޮންގައި ވިއްކާތީ އިންޒާރު ދީފި

އިންޑިއާ ދިދަ ރަމްޒުކޮށްދޭ ފައިފުހި އެމެޒޮންގެ ކެނެޑާ ވެބްސައިޓުގައި ވިއްކާތީ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލާގައި އެމެޒޮން އިން ޝަރުތަކާ ނުލައި މާފަށް އެދެން ޖެހޭނެ ކަމަށާއި އެ ފައިފުހިތައް ވިއްކުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.

މި މައްސަލާގައި އެމެޒޮން އިން އެކަށީގެންވާ އިޖާބައެއް ނުދީފި ނަމަ، އިންޑިއާގައި މަސައްކަތްކުރާ އެމެޒޮންގެ އޮފިޝަލުންގެ ވިސާ ކެންސަލްކުރާނެ ކަމަށް ފޮރިން މިނިސްޓަރު އިންޒާރު ދެއްވި އެވެ. އަދި އެމެޒޮންގެ އޮފިޝަލުންނަށް ވިސާ ދިނުން ހުއްޓާލަން ޖެހިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމެޒޮން އިން ބުނީ އިންޑިއާ ދިދަ ރަމްޒުކޮށްދޭ ފައިފުހިތައް ވިއްކުން ހުއްޓާލައި، ވެބްސައިޓުން އުނިކޮށްފައިވާ ކަމަށެވެ.

"އެމެޒޮން އިން ޝަރުތަކާ ނުލައި މާފަށް އެދެން ޖެހޭނެ. އަދި އަހަރެމެންގެ ދިދަ އަށް އިހްތިރާމް ކުޑަވާ ގޮތަށް ހުރި ހުރިހާ އުފެއްދުންތަކެއް ވިއްކުން ހުއްޓާލަން ޖެހޭނެ،" ސުޝްމާގެ ޓްވީޓްގައިވެ އެވެ.

އެކި ގައުމުތަކުގެ ދިދަ ރަމްޒުކޮށްދޭ ފައިފުހި އެމެޒޮންގައި ވިއްކާފައި ވަނީ އެމެޒޮންގައި ރަޖިސްޓްރީކޮށްފައިވާ އެހެން ވިޔަފާރިއަކުންނެވެ. އެ މީހުން ބުނެފައި ވަނީ ގަންނަ މީހާ ބޭނުންވާ ކޮންމެ މަންޒަރެއް ހިމަނައިގެން ވެސް ފައިފުހި ހަދައިދޭ ކަމަށާއި މިއީ މެޝިނުން ދޮވެލެވޭ ފައިފުއްސެއް ކަމަށެވެ.

"މި އައިޓަމް މިހާރު ވިއްކުން ހުއްޓާލައި، ވެބްސައިޓުން ވާނީ އުނިކޮށްފައި،" އެމެޒޮންގެ އޮފިޝަލަކު އީމެއިލުން ބީބީސީ އަށް ފޮނުވި ޖަވާބުގައިވެ އެވެ.

އެމެޒޮންގައި މިހާރުވެސް އެކި ގައުމުތަކުގެ ދިދަ ރަމްޒުކޮށްދޭ ފައިފުހި ވިއްކަން އެބަހުއްޓެވެ. އެކަމަކު އިންޑިއާ ދިދަ އަށް އިހްތިރާމް ކުޑަވާ އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދަބެއްގެ ގޮތުން ޖޫރިމަނާ އާއި ޖަލު ހުކުމް ވެސް އޮވެ އެވެ. މިދިޔަ ޖޫން މަހު ހިންދީންގެ "ކަލާނގެ" އެއްގެ ފޮޓޯ ޖެހި ފައިފުހި ވިއްކައިގެން ވެސް މައްސަލަ ޖެހުނެވެ.