25 ނޮވެމްބަރ 2022 - 18:37

މެލޭޝިޔާގެ އާ ބޮޑުވަޒީރު ކަމަށް އައްޔަންކުރި އަންވަރު އިބްރާހީމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އަންވަރު އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ، ހޮނިހިރު ދުވަހު މެލޭޝިޔާގައި ބޭއްވި އާންމު އިންތިހާބުގައި، އެ ގައުމުގެ އެއްވެސް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުން ގުޅިފައިވާ ޕާޓީތަކުން އުފެއްދި ސަރުކާރުންނެވެ.
ރައީސްގެ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑާޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީ އަށް އެދިވަޑައިގެންނެވި އެވެ.
އަދި ރާއްޖެ އާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމަށެވެ.
މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތަކަށް އެދިވަޑައިގެންފައި ވާއިރު އެ ގައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.